ޕޮޒިޓިވްވާ މީހުންގެ ދިފާއީ ބާރު ގަދަވެ ދެ ވަނަ ފަހަރަށް ބަލިނުޖެހޭ ކަމުގެ ހެއްކެތް ނެތް: ޑަބްލިއުއެޗްއޯ
ޕޮޒިޓިވްވާ މީހުންގެ ދިފާއީ ބާރު ގަދަވެ ދެ ވަނަ ފަހަރަށް ބަލިނުޖެހޭ ކަމުގެ ހެއްކެތް ނެތް: ޑަބްލިއުއެޗްއޯ

ޖެނީވާ (އެޕްރީލް 26) - ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ދެ ވަނަ ފަހަރަށް ބަލި ނުޖެހޭ ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯ އިން މި އިންޒާރު ދީފައި ވަނީ ކޮވިޑް-19 ޖެހިފައި ތިބި މީހުންނަށް ބައެއް ގައުމުތަކުން "އިމިއުނިޓީ ޕާސްޓް" ދޭ ކަމުގެ ޚަބަރުތަކާ ގުޅިގެންނެވެ. އެ ގޮތަށް އަމަލު ކުރި އެއް ގައުމަކީ ޗިލީ އެވެ. އެ ގައުމުން ބުނެފައި ވަނީ ބަލި ޖެހުނު މީހުންގެ އެންޓިބޮޑީސް ޗެކް ކުރުމަށް ފަހު "ހެލްތު ޕާސްޕޯޓް" ދޫކުރާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ އެންޓިބޮޑީސް ހުރި މިންވަރު ޗެކް ކުރަން މިހާރު ހަދާ ސީރޮލޮޖިކަލް ޓެސްޓްތައް ވެސް އިތުރަށް ޔަގީން ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ޑަބްލިއުއެޗްއޯ އިން ބުނީ އެ ގޮތަށް ގަބޫލްކޮށް "އިމިއުން ޕާސްޕޯޓެއް" ދިނުމަކީ ކޮރޯނާވައިރަހުގެ ވަބާ އިތުރަށް ފެތުރެން މަގުފަހިވާނެ ކަމެއް ކަމަށެވެ.

"ކޮވިޑް-19 ޖެހި ރަނގަޅުވާ މީހުންގެ ދިފާއި ނިޒާމު ވަރުގަދަވެ އެ މީހުންނަށް ދެ ވަނަ ފަހަރަށް ބަލި ނުޖެހޭ ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވޭ،" ޑަބްލިއުއެޗްއޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބަލިޖެހި ރަނގަޅުވެފައިވާ މީހުން ވެސް އާއްމު ސިއްހަތުގެ އިރުޝާދުތަކަށް ފަރުވާ ކުޑަ ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ބަލިން ރަނގަޅުވި ބަޔަކަށް ދެ ވަނަ ފަހަރަށް އެ ބަލި ޖެހުނު ކަމަށް ސައުތު ކޮރެއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 2,923,121 މީހުން ޕޮޒިޓިވްވެ 203,308 މީހުން މަރުވެފަ އެވެ. ބަލިން ރަނގަޅުވެފައި ވަނީ 837,341 މީހުންނެވެ.