ވެކްސިން ދިނުން އަންނަ މަހު އަލުން ފަށަނީ
ވެކްސިން ދިނުން އަންނަ މަހު އަލުން ފަށަނީ

ކޮވިޑް-19 ގެ ސަބަބުން ވެކްސިން ޖެހުން މެދުކަނޑާލުމަށް ފަހު އަންނަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އަލުން ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.

ދަމަނަވެށިން ކުރި އިއުލާނެއްގައި ބުނީ، ވެކްސިން ދިނުން މެދުކަނޑާލާފައިވާ ދުވަސްތަކުގައި، 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ތެރެއިން، ގައުމީ ޝެޑިއުލްގައި ހިމެނޭ ވެކްސިންތައް ދޭން އަންނަ މަހު ފަށާނެ ކަމަށެވެ. ވެކްސިން ޖެހުމުގެ ހިދުމަތް ދޭން ހަމަޖައްސާފައިވަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ.

ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށް، 3322403 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ އެވެ.

އެޕޮއިންޓްމަންޓް ހަދާއިރު، އެންމެ ފަހުން ޖެހި ވެކްސިނާއި އެ ވެކްސިން ޖެހި ތާރީހު އަދި ކުއްޖާ ދިރިއުޅޭ ގެ ހުރީ މޮނީޓަރިންގެ ހާލަތުގައިތޯ ސާފުކުރާނެކަމަށް އިއުލާނުގައި ބުންޏެވެ.

ހަމައެކަނި ފަނިބޭސް އަދި ވިޓަމިން އޭ ދޭންޖެހޭ ފަސް އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދިި ވިޓަމިން ދޫކުރަން ހަމަޖައްސާފައިވަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު 1:00 އަށެވެ. ފަނިބޭހާއި ބިޓަމިން-އޭ ދޫކުރާނީ ބެލެނިވެރިޔާ، ކުއްޖާގެ ވެކްސިން ފޮތް ހިފައިގެން ދިއުމުންނެވެ.

އެމްއާރު ވެކްސިން ޖަހަން ބޭނުންވާ 40 އަހަރުން ދަށުގެ މީހުންނާއި އިންފްލުއެންޒާ ވެކްސިން ޖަހަން ބޭނުންވާ މީހުންނަށް ވެސް 3322403 އަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެދޭނެ އެވެ.