25 އެޕްރީލް 2020 - 22:42

މާލޭގައި ކޮވިޑް-19 ފެތުރިފައި އޮތުމުން، މި ދުވަސްވަރު ވިިޔަފާރިތަކުގެ ޑެލިވަރީ ޚިދުމަތުގައި އުޅޭ މީހުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޑރ.އިބްރާހިމް އަފްޒަލް މިރޭ އިލްތިމާސް ކުރައްވައިފި އެވެ.
ކޮވިޑް-19 ގެ ހާލަތާ ބެހޭ ގޮތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަފްޒަލް ވިދާޅުވީ މުޅި މާލެ ލޮކްޑައުންކޮށްފައި ވާތީ މިހާރު ބޭރުގައި ގިނައިން އުޅެނީ ޑެލިވަރީ ޚިދުމަތުގައި އުޅޭ މީހުން ކަމަށެވެ.
އެހެންވެ ފިހާރަތަކާއި މާރުކޭޓު ސަރަހައްދުގައި އުޅޭ މީހުން، ކޮވިޑް-19 އިން ސަލާމަތްވުމުގެ އާންމު އިރުޝާދުތަކަށް ވަރަށް ބޮޑަށް ވިސްނައި ބޯލަނބަން ޖެހޭކަން ޑޮކްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ގައިދުރުކުރުމާއި، އަންގި އާއި މާސްކުގެ ބޭނުންކުރުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން އެފަދަ ތަނެއްގައި މަސައްކަތްކުރާ އެއްވެސް މީހެއްގެ ގައިން ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަމިއްލަ އަށް އެޗްޕީއޭ އަށް ގުޅައި އެންގުމަށާއި އަވަހަށް އަމިއްލައަށް އެކަހެރި ވުމަށް ވެސް އެދިވަޑައިގަތެވެ.
"...ބަލީގެ އަލާމަތެއް ފެނިއްޖެ ނަމަ ވަގުތުން އަޅުގަނޑުމެންނަށް ގުޅައި އަމިއްލަ ނަފްސައް ވެސް އެކަން އެނގިގެން އެބަޖެހޭ އެކަހެރިވާން،" ޑޮކްޓަރު ވިދާޅުވި އެވެ.
މާލެ ސަރަހައްދުން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުމާ އެކު މުޅި މާލެ ލޮކްޑައުންއަކަށް ގެނައި ކަމުގަވީ ވިޔަސް އާންމުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބައެއް ވިޔަފާރި ޑެލިވަރިތަކުން ޑެލިވަރީ ކުރުމުގެ ހުއްދަ ދީ އެކަމުގައި ދިވެހިންނާއި ބިދޭސިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިހާތަނަށް މާލެ ސަރަހައްދުން 141 ޕޮޒިޓިވް ކޭސް ފެނިފައިވާއިރު، އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މީހުން ވެސް ހިމެނެ އެވެ.