ރާއްޖޭން ފުރަން 701 ބިދޭސީއަކަށް ހުއްދަ ދީފިން: އިމިގްރޭޝަން
ރާއްޖޭން ފުރަން 701 ބިދޭސީއަކަށް ހުއްދަ ދީފިން: އިމިގްރޭޝަން

ކޮވިޑް-19 ފެތުރޭތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަންދުކޮށްފައި އޮތް ނަމަވެސް، 701 ބިދޭސީއަކަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.

އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، އިއްޔެ އާއި މިއަދު ގިނަ އަދަދެއްގެ ބިދޭސީންނަށް ފުރުމުގެ ހުއްދަ ދީފައިވާ ކަމަށާއި މީގެ ތެރޭގައި ގިނައީ ރާއްޖޭގައި ވަޒީފާތަކުގައި އުޅުނު ބިދޭސީން ކަމަށެވެ. އަދި އެންމެ ގިނައީ އިޓަލީ އާއި އިންޑޮނީޝިއާ އާއި ޕިލިޕީންސް މީޙުންނެވެ. ޝެޑިއުލް ދަތުރުތައް ނުކުރި ނަމަވެސް. ދޭތެރެ ދޭތެރެ އިން ޗާޓާ ފްލައިޓްތަކުގެ ދަތުރުތައް މިހާރު ވެސް އަންނަނީ ކުރަމުންނެވެ.

ގިނަ އަދަދެެއްގެ ބިދޭސީން ފުރުމުގެ ހުއްދަ އިމިގްރޭޝަނުން ދިން އިރު ކޮވިޑް-19 އާ ގުޅިގެން ބޯޑަރު ބަންދު ކުރުމުގެ ސަބަބުން، އަދިވެސް އެކި ގައުމުތަކަށް ނުދެވި، ތިބި މީހުން ރާއްޖޭގައި އެބަތިއްބެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވެސް ރާއްޖޭގައި ތިބި ގިނަ އަދަދެއްގެ ޓޫރިސްޓުންނަށް ހާއްސަ ފްލައިޓެއް ބޭއްވި އެވެ. ގަތަރު އެއާވޭސްގެ އެ ފްލައިޓުން ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން ފުރި އެވެ.

ރާއްޖޭގައި މިވަގުތު ވެސް ބައެއް ރިސޯޓުތަކުގައި ޓޫރިސްޓުން އެބަތިއްބެ އެވެ. މިމަހުގެ ކުރީ ކޮޅު ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ 27 ރިސޯޓެއްގައި ހާހެއްހާ ޓޫރިސްޓުން މިހާރުވެސް އެބަ ތިއްބެވެ.

ކޮވިޑް-19 މާލޭގައި ފެތުރެން ފަށާފައިވާ އިރު މި ބަލިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ވަނީ ލޮކްޑައުން ކޮށްފަ އެވެ. މި ބައްޔަށް މިހާތަނަށް 141 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.