26 އެޕްރީލް 2020 - 11:54

ރިޔާޒް (އެޕްރީލް 26) - ސައުދީ އަރަބިއާގައި، ތައުޒީރީ އަދަބުތަކުގެ ތެރޭގައި ހިމެނޭ ދުއްރައިން ނުވަތަ ހަންމުށިން ތެޅުމުގެ ބަދަލުގައި އެ އަދަބު ޖަލު ހުކުމް ނުވަތަ ޖޫރިމަނާއަކަށް ބަދަލު ކުރަން ނިންމައިފި އެވެ.
ސައުދީގެ ސުޕްރީމް ކޯޓުން ބުނެފައި ވަނީ ދުއްރައިން ތެޅުމުގެ ތައުޒީރީ އަދަބު ނުވަތަ ޖިލްދު ކުރުން އުވާލީ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ތައާރަފް ކުރައްވަމުން ގެންދަވާ އިންސާނީ ހައްގުތަކުގެ އިސްލާހީ ފިޔަވަޅުތަކުގެ ދަށުން ކަމަށެވެ.
ތައުޒީރީ އަދަބެއްގެ ގޮތުން ދުއްރައިން ތެޅުމުގެ ބައި އުވާލި ނަމަވެސް އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައެޅިފައިވާ އަދަބުތައް ތަންފީޒް ކުރާނެ އެވެ.
ސައުދީގައި ތައުޒީރީގެ ތެރޭގައި ހިމެނޭ ދުއްރައިން ތެޅުމުގެ އަދަބުތައް އުވާލުމަށް ޝޫރާ ކައުންސިލްގެ މެންބަރު ފައިސަލް އަލް ފާޟިލް ގެންދަވަނީ މިދިޔަ އަހަރުން ފެށިގެން މަސައްކަތް ކުރަމުންނެވެ. ސައުދީގައި ތައުޒީރީ އަދަބެއްގެ ގޮތުން ދުއްރައިން ތެޅުމުގެ އަދަބު ނުދޭތާ ވެސް މިހާރު އަހަރުތަކެއް ވެއްޖެ އެވެ. ސައުދީގައި އެންމެ ފަހުން ދުއްރައިން ތެޅުމުގެ އަދަބެއް ތަންފީޒްކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު ދުއްރައިން ތެޅުމުގެ ތައުޒީރީ އަދަބު ތަންފީޒްކޮށްފައި ވަނީ އިސްލާމް ދީނަށް ފުރައްސާރަ ކުރި މީހަކަށެވެ.
ސައުދީގެ އިންސާނީ ހައްގުތަކުގެ ރެކޯޑާ މެދު ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން އަބަދުވެސް އަންނަނީ ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ.