ޖިންނިއެއްގެ ޝަކުވާ
ޖިންނިއެއްގެ ޝަކުވާ

ބުދަ ދުވަހާ ގުޅޭ

އެ ކަމަށް ތައްޔާރުވެގެން، ކުޑަކުޑަ ފުޅިއަކަށް ދިރޭރަހަ އަޅައިގެން ޒުހުރާ އޮފީހަށް އައެވެ. ހަގީގަތުގައި ޒުހުރާ އެ ފުޅި ގެނައީ ވިލިނގިލީ އަތިރިމަތީގައި ވަޅުލުމަށް ޓަކައެވެ. ޒާހިދާއަށް އެ ކަން އެނގުނީ ފަހުންނެވެ. ކޮންމެއަސް އެ ދުވަހު ދިރޭރަހަ ފުޅި ހިފައިގެން ޒުހުރާ ވަނީ އޮފީހުގެ ކެންޓީނަށެވެ. ޒުހުރާ ފުރަތަމަ ކެންޓީނަށް ވަނީ ކީއްވެގެން ކަމެއް ޒާހިދާ އަކަށް ނޭނގެއެވެ. ވަންއިރު ޒުހުރާ އަތުގައި ދިރޭރަހަ ފުޅި އޮތީ ކީއްވެގެންކަމެއް ވެސް ނޭނގެއެވެ. ފުޅި އޮތީ ޒުހުރާ މުށުތެރޭގައެވެ. އެ ކެންޓީނަކީ، ތަނުގެ މީހުންނާއި ބޭރުން އަންނަ މީހުންނަށް ވެސް ވަދެވޭ ގޮތަށް، އޮފީސްތެރެ އަށާއި ބޭރަށް ދޮރުލައިފައި ހުންނަ ތަނެކެވެ. ޒުހުރާ ވަން ވަގުތަކީ ނަސީމު ސައިބޮއިގެން ނުކުތް ވަގުތެވެ. ދެ މީހުން ވެސް ރަނގަޅަށް ވިސްނައިނުލައި ތިބުމުގެ ނަތީޖާއަކަށް ވީ ދެ މީހުން ޖެހިފައި ޒުހުރާ އަތުން ފުޅި ދޫވުމެވެ. އެ ކުޑަ ބިއްލޫރި ފުޅި ތަޅުންގަނޑު މައްޗަށް ވެއްޓުމާ އެކު ތަޅައިގެންދިޔައެވެ. ދިރޭރަހަ ނުވަތަ މާކަރީއަކީ ވަރަށް ހަލުވި އެއްޗެކެވެ. ފުޅި ތަޅައިގެންދިޔުމާ އެކު ދިރޭރަހަ ފެތުރިގެން ގޮސް ގެއްލުނީއެވެ. ޒާހިދާގެ ނަޒަރުގައި ހުރިހާ ވެސް މައްސަލައަކީ އެ ދިރޭރަހަ ފުޅިއެވެ. އެ ވާހަކަ ކިޔައިދިނުމުން އަނިލް ވަރަށް ގިނަ ސުވާލު އުފެއްދިއެވެ.

"ތުނޑީގަ ވަޅުލާން ގެންދިޔަ އެއްޗެއް ކީއްވެބާ ޒުހުރާ އަތުން ހިފައިގެންދިޔައީ؟" އަނިލް ވިސްނަމުން ބުނެލިއެވެ. "އަންހެނުންނަކީ ދަބަސް ވެސް ގެންގުޅޭ ބައެއް. ކީއްވެބާ ދޯ ދަބަސްތެރެއަށް ލައިގެން ނޫޅުނީ؟ ތުނޑީގަ ވަޅުލައިފަ ވެސް އޭނައަށް ސައިބޯން ދެވުނީހެއްނު. ވެދާނެ ދޯ ގައިގަ ޖެހުނުކަމަށް ހަދައިފަ ފުޅި ވައްޓާލީކަމަށް ވެސް."

"ވެދާނެ ސައިބޮއިގެން ވަޅުލަން ދާން ކަމަށް ވެސް،" ޒާހިދާ ބުންޏެވެ. "ހިތްއަވަސްވެފަ ހުރީމަ ކަމަށް ވެސް ވެދާނެ. ދެން ނޭނގެ! އަތުގަ އޮތީމަތާ ވެއްޓޭނީ."

ނަސީމު ހިތުން ޒާހިދާއަކަށް އެކައްޗެއް ވެސް ނޭނގޭނެއެވެ. އެއީ ކުށްހީއެކެވެ. ޒާހިދާ އަޅައިނުލަނީއެވެ. ޒާހިދާއަށް ހަމްދަރުދީވާ އެކުވެރިން އޮފީހުގައި ވަރަށް ގިނައެވެ. އެ މީހުން ބަރާބަރަށް ޚަބަރު ގެނެސްދެއެވެ. އެކަމަކު ގަދަކަމުން ލޯބި ހޯދުމަކީ ޒާހިދާ ގަބޫލުކުރާ އުސޫލެއް ނޫނެވެ. ދަރިޔަކަސް ފިރިޔަކަސް އެ މީހަކު ލޯބިވާނީ އެ މީހަކު ލޯބިވާން ބޭނުން މީހެއް ދެކެއެވެ. އެ ކަމެއް ނުހުއްޓުވޭނެއެވެ. ހުއްޓުވަން އުޅެގެން ދެން ނުކުންނަ ނަތީޖާ ވެސް ރަނގަޅެއް ނުވާނެއެވެ. ޒާހިދާ ބުނި ގޮތުގައި ޒުހުރާ އަތުން ފުޅި ވެއްޓުނު ވަގުތު އެ މަންޒަރު ފެންނަ ހިސާބުގައި ބަޔަކު ތިއްބެވެ. ފުޅި ވެއްޓި ތަޅައިގެން ދިޔުމުން ވެސް ނަސީމު އެ ކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ތި ހެދީ ކިހިނެއްހޭ ބުނެލައިފައި އެ ތަނުން ދިޔައީއެވެ. ނަސީމަށް ފިޔަވަޅުއެޅުނީ ދިރޭރަހަ ފެތުރުނު ތަނުގައެވެ. ނަސީމު ދިޔުމުން ވެސް އިރުކޮޅެއް ވަންދެން ޒުހުރާ ހުއްޓެވެ. ލާނެތް ހިންޏެއް އައިސްފައެވެ. އެހެން ހުރެފައި، ފައިން ބިއްލޫރިތައް އެއްފަރާތް ކޮށްލައިފައި ޒުހުރާ ދިޔައީއެވެ.

އެ ހާދިސާ ހިނގި ދުވަސްވަރު އޮފީހުގެ ގޯތިތެރޭގައި ވަރަށް ގަސް ގިނައެވެ. ބަގީޗާ ގަހާއި ބޮޑު ޖޭމުގަހެއް ވެސް ހުރެއެވެ. އެ ގަސްދަށުގައި އަށްޓަކާއި، ހަތަރު ޖޯލި ހުރެއެވެ. ރޭގަނޑު ގޯތިތެރެ އޮންނަނީ ވަރަށް އަނދިރިކޮށެވެ. އަލިކުރަން ބޭނުންކުރާ ދެ ބޮކި ވެސް އޭރު ހުރީ އަނދައިފައެވެ.

މިލަ ހަނދުވަރެއް ދީފައި އޮތް ރެޔެކެވެ. ރޭގަނޑު އޮފީސް ނިންމައިފައި ގެއަށް ދާން އޮފީހުގެ ގޯތިތެރެއަށް ނުކުތްއިރު، ޖޯލީގައި މީހަކު އޮތްހެން ނަސީމަށް ހީވިއެވެ. ނުކުންނަން ދަމުން ރަނގަޅަށް ބަލައިލިއިރު ޖޯލީގައި އޮތީ ޒުހުރާއެވެ. އެ ފަދަ ވަގުތެއްގައި ޒުހުރާ އެކަނިމާއެކަނި އޮތީ ކީއްވެގެން ހެއްޔެވެ؟ އެ ކަމާ ނަސީމު ކުޑަކޮށް ހައިރާންވިއެވެ. ނުކުތުމުގެ ބަދަލުގައި ޒުހުރާ ގާތަށް ނަސީމު އައެވެ.

"މި ގަޑީގަ ކޮން ވަޑާމެއް؟" ނަސީމު އެހިއެވެ.

ޒުހުރާ ޖަވާބެއް ނުދިނެވެ. ޒާތަކަށް ހިނިއައިސްފައި އޮތީއެވެ. ނަސީމުއާ ދިޔާއަކަށް ނުވެސް ބަލައެވެ. އެކަމަކު ޒުހުރާ އޮތީ ހިނިއައިސްފައިކަން ނަަސީމަށް އެނގުނެވެ. ކުރިން ފާހަގަ ނުކުރެވޭ ކަހަލަ އަޅައިގަންނަ ގޮތެއް އެރޭ ޒުހުރާގެ ހުއްޓެވެ. އެއީ ކޮން ގޮތެއްކަން ބުނެދޭކަށް ނަސީމަކަށް ނޭނގެއެވެ. ތަންކޮޅެއް ޒުވާންހެން ހީވިއެވެ. ތަންކޮޅެއް ދިގުހެން އަދި ހިކިހެން ވެސް ހީވެއެވެ. މޫނުމަތި ތަންކޮޅެއް އުޖާލާހެން ވެސް ހީވިއެވެ. މުޅީން ވެސް ހީއެވެ. އާންމު ގޮތެއްގައި ޒުހުރާއާ ދިމާއަށް ނަސީމެއް ނުދަމައެވެ. އެ ފަދަ ބާރެއް ޒުހުރާގެ ނުހުރެއެވެ. އެކަމަކު އެރޭ ނަސީމަކަށް ނުދެވުނެވެ. ޒުހުރާޔާ ޖެހިގެން ހުރި ޖޯލީގައި ނަސީމު އިށީނެވެ. އިށީނުމުން ޒުހުރާ ކުޑަކޮށް ދުރަށް ޖެހިލިއެވެ. އޭގެ ކުރިން އަބަދުވެސް ޒުހުރާ އުޅޭނީ ދުރުގައި ނުހުރެވިގެންނެވެ. އެއީ ނަސީމު ވަރަށް ބޮޑަށް ފާހަގަކުރި ކަމެކެވެ.

"ކީއްވެ ދުރަށް ޖެހިލީ؟" ނަސީމު ސުވާލުކުރިއެވެ.

ދެން ވެސް ޒުހުރާ ވާހަކައެއް ނުދައްކައެވެ. ވައްކަޅިން ނަސީމަށް ބަލައިލިއެވެ. ނަސީމު ނިންމީ އެއީ ސިގުނަލެއް ކަމަށެވެ. ލިބުނު ރަނުގެ ފުރުސަތެއް ކަމުގައެވެ. އެ ދައުވަތު ނަސީމު ގަބޫލުކުރިއެވެ. ޖޭމުގަސްދޮށުގައި ޒުހުރާއާ ބައްދަލުކޮށްފައި، ޖެހި ސަކަރާތެއް ޖަހައިފައި ފުރަތަމަ ވަކިވީ ނަސީމެވެ. ޒުހުރާ ޖޯލީގައި އޮތީއެވެ. މާލެ ފުރުމުގެ ކުރިން ނަސީމު ގަސްތުކުރީ ކެންޓީނަށް ވަދެލާށެވެ. މަގުމަތީ ފަޅިން ނަސީމު ކެންޓީނަށް ވަންއިރު ޒުހުރާ ކެންޓީނުން ނުކުންނަނީއެވެ. ދެން ހިނގައިދިޔަ ކަންތައް ޒާހިދާއަށް އެނގުނީ ނަސީމުގެ އެކުވެރިޔަކަށް ނަސީމު ކިޔައިދީފައި އޮތީމައެވެ.

"މިހާރު ސައިބޮއެ ނިންމާލީ؟" ހައިރާންވެފައި ނަސީމު އެހިކަމަށް ވެއެވެ. "ކިހިނެއް ތިހާ އަވަހަށް ތި އައީ؟"

"މީ ކީކޭ ކިޔާ މީހެއް؟" ޒުހުރާގެ ޖަވާބަކީ އެއީއެވެ.

އިތުރު އެއްޗެއް ނުބުނެ ޒުހުރާ ނުކުމެގެން ދިޔައެވެ. އެ ހިސާބުން ނަސީމުގެ ބޮލުގައި ރިއްސައިލިއެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ނަސީމު ދުށް ޒުހުރާގެ ކިބައިގައި ތަފާތު ރީތިކަމެއް ހުއްޓެވެ. ކެންޓީނުން ފެނުނު ޒުހުރާއަކީ ކުރިން ވެސް ނަސީމަށް ފެންނަ ޒުހުރާއެވެ. ދެ އަންހެނުން ތަފާތެވެ. ޖޯލީގައި އޮތް ޒުހުރާ ލައިގެން ހުރިހެން ނަސީމަށް ހީވަނީ ކަޅުކުލައިގެ ހެދުމެކެވެ. އަސްލު ޒުހުރާ ލައިގެން ހުރީ ވަރަށް ގަދަ ނޫކުލައެއްގެ ހެދުމެކެވެ. ހެދުން އެއްގޮތެވެ. ކުލައިގައި ތަފާތެއް ހުރިހެން ނަސީމަށް ހީވިއެވެ. ކަށަވަރެއް ނޫނެވެ.

އެހާ ހިސާބަށް ކަންތައް ދިޔުމުން ވެސް ނަސީމު އޭރަކު އެ ވާހަކައެއް ނުބުނެއެވެ. އެކަކަށް ވެސް ނާންގައެވެ. އެކަހެރި ތަންތަނުން ދެ މީހުން ބައްދަލުކުރިއެވެ. މަގުމަތިން ވެސް އެ ޒުހުރާޔާ ދިމާވެއެވެ. އެ ދުވަސްވަރަކީ ޝާދިޔާ ދަތުރުވަރެއްގައި މާލޭގައި ހުރި ދުވަސްވަރެކެވެ. ޝާދިޔާއަކީ ހަނާގެ މަންމައެވެ. ހަނާގެ އުމުރުން އޭރު ހައެއްކަ އަހަރެވެ. ޝާދިޔާގެ ފިރިމީހާ ލަބީބަކީ ނަސީމުގެ އެކުވެރިޔެކެވެ. އެހެންކަމުން އެ މީހުން ތިބީ ނަސީމުގެ ގޭގައެވެ. އޭރު މުޅި ގޭގެ ވަރަށް ބޮޑު މަރާމާތެއް ދިޔައީ ހިނގަމުންނެވެ. ލަބީބުގެ ދެމަފިރިން ނިދަނީ އެއް ކޮޓަރީގައެވެ. ނަސީމު ގިނަ ފަހަރަށް ގެއަށް އަންނަނީ ދަންވަރުއެވެ. ހަނާ އޮންނަނީ ޒާހިދާ ކޮޓަރީގައެވެ. ޒާހިދާގެ އެނދާ ޖެހިގެން ހުންނަނީ ޒާހިދާގެ އަންހެން ކޮއްކޮ އަޒީޒާގެ އެނދެވެ. އެނދުތަކުގެ ދެމެދުގައި ހުންނަނީ ބޮޑު ފޮތިގަނޑެއް ދަމައިފައެވެ. ނިދާ ގަޑީގައި މުޅި ކޮޓަރިއަށް އަލިވާނީ ފަސް ވޯޓުގެ އެންމެ ބޮތްކަކުންނެވެ. އެއީ ރަތްކުލައިގެ ބޮތްކެކެވެ. ޒާހިދާ ނިދަނީ ދޮރު ލައްޕައިގެނެއް ނޫނެވެ. ޒާހިދާ ކޮޓަރީގެ ދޮރުމަތި ނިވާވެފައި ހުންނަނީ ދޮރުފޮތިގަނޑުންނެވެ. ދޮރު ލައްޕާނީ ނަސީމު ކޮޓަރިއަށް ވަދެފައެވެ.

އެއްރޭ ޒާހިދާއަށް ހޭލެވުނީ ހަނާ ހަޅޭއްލަވާ އަޑަށެވެ. ޒާހިދާ ބަލައިލިއިރު ހަނާ އިނީ ދޮރާ ދިމާއަށް ބަލަހައްޓައިގެންނެވެ. އެކަމަކު ދޮރުމަތި އޮތީ ހުހަށެވެ. މީހެއް ނުވަތަ އެހެން ވެސް އެއްޗެއް އެ ތާކު ނެތެވެ. ދޮރުފޮތިގަނޑު މަޑުމަޑުން ހެލެއެވެ. އާންމުކޮށް މަޑު ރޯޅިއެއް ޖެހުނީމައި ހެލޭ ގޮތަށެވެ. ގެންފައިވާ ބިރުން ހަނާއަކަށް ވާހަކައެއް ނުދެއްކެއެވެ. ހަނާ ރޯ އަޑަށް ޝާދިޔާއާއި ލަބީބު ވެސް ކޮޓަރިއަށް ވަނެވެ. އަޒީޒާ ވެސް ހޭލިއެވެ. އެންމެން ވެސް ހަނާއާ ސުވާލުކުރިއެވެ. ހަނާ އިޚުތިޔާރުކުރީ ހަމަހިމޭންކަމެވެ.

ވީ ގޮތް ހަނާ ކިޔައިދިނީ ހެނދުނުއެވެ. ހަނާ ބުނި ގޮތުގައި، ހަނާއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. ކޮޓަރީގައި ފެން ޖަގެއް ހުރެއެވެ. ޖަގު ބަހައްޓައިފައިވާ މޭޒާ ދިމާއަށް ދާންވެގެން ހަނާ ފޭބިއިރު ދޮރުމަތީގައި ވަރަށް ހިކި، ކަޅު މީހަކު ހުއްޓެވެ. އޭނަ ދިގުކަމުން އޭނަގެ ބޯ ހުރީ ދޮރުގެ މަތީ ކަނީގައި ޖެހިފައެވެ. އަންހެނެއް ކަމެއް ނުވަތަ ފިރިހެނެއް ކަމެއް ވަތްކެއް ނުވެއެވެ. ފެނުނީ ހިޔަންޏެއް ގޮތަށެވެ. ދިގުކަމުން އޭނަ އޮތީ ކުޑަކޮށް ގުދަށެވެ. އެކަމަކު ހަނާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. ދެ ލޯ ހުރީ ރަތްކުލައިން ދިއްލިފައެވެ. އެހެން އޮވެފައި ހަނާއާ ދިމާއަށް އެ މީހަކު ދެއަތް ދިއްކޮށްލިއެވެ. އެ އަތް ދިގުވަމުން ހަނާއާ ދިމާއަށް އައެވެ. އަތުގެ އިނގިލިތައް ވަރަށް ދިގެވެ. ދިގު ކެހެރިތަކަކާއި ތޫނު ވަކިތަކެއް ވެސް ހުއްޓެވެ. ހަނާއަށް ހަޅޭއްލަވައިގަނެވުނީ އެ ހިސާބުންނެވެ. އަޑުއަހަން ތިބި އެންމެން ވެސް ނިންމީ، ދޮރުފޮތިގަނޑު ހެލުނު ގޮތަކުން ހަނާއަށް ހީވި ގޮތެއް ކަމަށެވެ. އެކަކު ވެސް އެ ވާހަކަ ގަބޫލެއް ނުކުރެއެވެ.

ޖެހިގެން އައި ރެޔަކީ އަޒީޒާގެ ރެޔެވެ. އަޒީޒާއަށް ހޭލެވުނީ ކޮންމެވެސް އަޑެއްއިވިގެންނެވެ. ހޭލެވިގެން އޮވެއޮވެ އިތުރު އަޑެއް ނީވުނެވެ. އެއީ ދަންވަރެވެ. އަޒީޒާ ވިސްނަން އޮއްވައި ފުރަތަމަ ފެނުނީ ފޮތިގަނޑަށް އެޅިފައިވާ މީހެއްގެ ހިޔަންޏެކެވެ. އަޒީޒާ ހީކުރީ ޒާހިދާ ހޭލާއުޅެނީ ކަމަށެވެ. ޒާހިދާ އޮންނަ ފަޅިން އެ މީހަކު އައިސް ފޮތިގަނޑުގައި ޖެހުމުން ފޮތިގަނޑުގައި ސިފަ ނެގިފައި ހުއްޓެވެ. އެހެން ހުރެގެން ދަމުންދަމުން ވަކި ހިސާބަކަށް ކުރިޔަށް ގޮސްފައި ދެން އެ މީހަކު އަރަން ފެށީ، ހުރި ދިމާއިން މައްޗަށެވެ.

ނުނިމޭ