25 އެޕްރީލް 2020 - 18:10

ނިއު ދިއްލީ (އެޕްރީލް 25) - ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން އެޅި ފިޔަވަޅެއްގެ ގޮތުން އިންޑިއާ ލޮކްޑައުންކޮށްފައިވީ ނަމަވެސް ކަންމަތީ ފިހާރަތައް މިއަދުން ފެށިގެން ހުޅުވުމުގެ ހުއްދަ ދީފި އެވެ.
އިންޑިއާ ލޮކްޑައުންކޮށްފައި އޮންނަތާ މިހާރު މަހަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ދާޚިލީ ވުޒާރާ އިން ބުނީ ކުދި ފިހާރަތައް ހުޅުވުމުގެ ހުއްދަ ދިން ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. އޭގެ ތެރޭގައި ސްޓާފުން މާސްކް އެޅުމާއި ސޯޝަލް ޑިސްޓެންސިންގެ އުސޫލު ހިފެހެއްޓުން ހިމެނެ އެވެ. އިންޑިއާގައި ޝޮޕިން މޯލްތައް ހުޅުވުމުގެ ހުއްދައެއް ނުދެ އެވެ. އަދި ކޮރޯނާވައިރަސް ހަލުވިކަމާ އެކު ފެތުރޭ ސަރަހައްދުތަކުގެ ފިހާރަތައް ހުޅުވުމުގެ ހުއްދައެއް ވެސް ނުދެ އެވެ. އޮންލައިން ޝޮޕިން ޕްލެޓްފޯމްތައް ވެސް ބޭނުން ކުރެވޭނީ އަސާސީ ތަކެތި ހޯދުމަށް އެކަންޏެވެ.
އިންޑިއާގެ އެތައް މިލިއަން މީހުން އެ ދުވަހަކަށް ބޭނުންވާ އަސާސީ ތަކެތި ހޯދުމުގައި އެންމެ ބޮޑަށް ބުރަވަނީ ކަންމަތީ ފިހާރަތަކަށެވެ.
އިންޑިއާ ލޮކްޑައުން ކުރުމަށް ފަހު ފަގީރު އާއިލާތަކަށް ލިބޭ ގެއްލުން ކުޑަ ކުރަން ވަނީ 22 ބިލިއަން ޑޮލަރުގެ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ.
އިންޑިއާގައި މިހާތަނަށް ވަނީ 24,942 މީހުން ޕޮޒިޓިވްވެ 780 މީހުން މަރުވެފަ އެވެ.