އައްޑޫގައި ފިނިބުރު ޖަހާ ނަމަ ޖޫރިމަނާކުރަނީ
އައްޑޫގައި ފިނިބުރު ޖަހާ ނަމަ ޖޫރިމަނާކުރަނީ

ރޯދަ މަހަކީ އާންމުކޮށް ވަރަށް ގިނަ ބަޔަކު ހަވީރު ފިނިބުރުޖަހަން ނުކުންނަ މަހަކަށް ވިޔަސް، މި ރޯދަ މަހުގެ ހަވީރާއި އެހެން ވަގުތުތަކުގައި ބޭނުމެއް ނެތި މަގުތަކުގައި ދުއްވާ މީހުން ޖޫރިމަނާކުރާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިކަމަކީ މި ވަގުތު މުޅި ގައުމު ވެސް ހަނގުރާމަކުރަމުން އަންނަ ކޮވިިޑް-19އާ ދެކޮޅަށް ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއް ކަމަށެވެ. އެހެންވެ އެ ނިންމުމާ ހިލާފުވާ މީހުން 500-5،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެ ކަމަށް ބުންޏެވެ.

ކައުންސިލުން ބުނީ ގިނަ ބަޔަކު މަގުމައްޗަށް ނިކުމެ އުޅުމަކީ މި ވަގުތު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހިފާލު ކަމަކަށްވާތީ އެކަމަށް އާންމުން ސަމާލުކަން ދިނުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

އައްޑޫގައި ކޮވިޑް-19 އިން ރައްކާތެރިކަން ހޯދުމަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައިވެ އެވެ. އެގޮތުން ފިހާރަތަކާއި ރެސްޓޯރަންޓްތައް ބަންދުކޮށް، އެތަންތަނުން މިހާރު ފޯރުކޮށްދެވެނީ ޑެލިވަރީގެ ހިދުމަތްތަކެވެ. އަދި އައްޑޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ވެސް މި ވަގުތު އޮތީ ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.

ކޮވިޑް-19 އަށް މިހާތަނަށް އައްޑޫގައި ބަޔަކު ޓެސްޓް ވެސް ކޮށްފައިވެ އެވެ. އެކަމަކު އެއްވެސް މީހަކު މިހާތަނަށް މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް އައްޑޫން މިހާތަނަށް އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެ އެވެ.

ކޮވިޑް-19 އަށް ހާއްސަކޮށްގެން އައްޑޫ ގަމުގައި ކަރަންޓީނު ފެސިލިޓީއެއް ވެސް ގާއިމުކޮށްފައިވާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި އައިސޮލޭޝަން ރޫމެއް ހާއްސަކޮށްފައިވެ އެވެ.