25 އެޕްރީލް 2020 - 16:43

މާލޭގައި ކޮވިޑް-19 ގެ ކޭސްތައް އިންތިހާއަށް ގިނަވެ، އެއް ބަޔަކު ހޯމް ކަރަންޓީންގައި ބައިިތިއްބަން ޖެހޭ ހިސާބަށް ގޮސްފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓްސް ގިނަވެގެން ކަމަށް ޓެގް ޓީމުގެ ލީޑަރު ޑރ. އަލީ ލަތީފު މިއަދު ވިދާޅުވެއްޖެ އެވެ.
ނެޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންގައި، ޑރ. އަލީ ލަތީފް ވިދާޅުވީ ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓްސް ގިނަ ނަމަ ހޯމް ކަރަންޓީނަށް ދާން ޖެހޭނެ ކަން ކުރިން ވެސް އެނގޭ ކަމަށެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޓޫރިސްޓުން ބައްޔަށް ޕޮޒިޓިވް ވަމުން ދިޔަ އިރު ވެސް، ކޮމިއުނިޓީ ސްޕްރެޑް އަންނާނެ ވާހަކަ ދައްކަވާފައި ވާނެ ކަމަށާއި މި ބަލީގެ ޒާތަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ކުރި މަސައްކަތާއި ނަސީބު އެކުވުމުން، ކޮމިއުނިޓީ ތެރޭގައި ބަލި ފެތުރުން ލަސްކުރެވުނު ކަމަށެވެ.
"އަޅުގަނޑުމެން ހިއެއް ނުކުރަން އިނގޭތޯ ޕޮޒިޓިވްވާ ކޭސްތަކުގައި އެހާ ގިނަ ކޮންޓެކްޓްސް ހުންނާނެ ކަމަކަށް. އަޅުގަނޑުމެން ކުރީގައި އެސްޓިމޭޓް ކުރީ ވެސް އެހާ ގިނަ ކޮންޓެކްޓްސް ނުހުންނާނެ ކަމަށް. އެހެން ނަމަވެސް އެހާ ކޮންޓެކްސްޓްސް ގިނަވަމުން ދަންޏާ ހޯމް ކަރަންޓީނަށް ދާން ޖެހޭނެކަން ވެސް އަޅުގަނޑުމެންނަށް އެނގޭ،" ޑރ. އަލީ ލަތީފް ވިދާޅުވި އެވެ.
އެގޮތަށް ކޮންޓެކްސް ގިނަވެދާނެތީ، ހޯމް ކަރަންޓީނު ކުރަން ޖެހޭ ހާލަތެއް އަތުވެދާނެ ވާހަކަ ކުރިން ވެސް ހެލްތް ޕްރޮފެޝަނަލުން ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑރ. އަލީ ލަތީފު ވިދާޅުވީ ހޯމް ކަރަންޓީ ކުރަން ފަށާ އިރު ފުރަތަމަ މަރުހަލާގައި ބަލާނީ އިންތިޒާމް ރަނގަޅަށް ހުރި މީހުންނަށް ކަމަށާއި ހޯމް ކަަރަންޓީން ވާން ފުރަތަމަ އަންގާނީ އެފަދަ މީހުންނަށް ކަމަށެވެ. އެ ހާލަތުގައި ކަރަންޓީނު ފެސިލިޓީތަކަށް ގެންދާނީ ގޭގައި އެކަހެރިވެގެން އުޅެވެނެ ނެތް މީހުން ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް މުޅި މުޖުތަމައުގައި ބަލި ފެތުރިގެން، މުޅި މާލޭގައި ބަލި ފެތުރިގެން، އެ ހިސާބަށް ހިނގައްޖިއްޔާ ހަމަ ގައިމު ވެސް ފެސިލިޓީތައް މަދުވެދާނެ. އެހެން ވެއްޖެއްޔާ އެކަހަލަ ހާލަތެއްގައި އަޅުގަނޑުމެން ޖެހޭނީ ހޯމްކަރަންޓީނު ކުރާށޭ، އަދި ގޭގައި ތަން ނެތަސް،" އޭނާ ވިދާޅުވި އެވެ.
ޕޮޒިޓިވް ކޭސްްތަކާ ކޮންޓެކްޓްވާ މީހުން ޓެސްޓް ނުކުރެވި ލަސްވާ ހާލަތްތައް ވެސް މިހާރު އަންނަ ކަމަށް ޑރ. އަލީ ވިދާޅުވި އެވެ. އެގޮތަށް މެދުވެރިވާ ހާލަތްތަކުގައި އެޗްޕީއޭގެ އޮފިޝަލުން ވަޑައިގަންނަވަންދެން ގޭގައި ތިބޭ އިރު މާސްކް އަޅައި ރައްކާތެރިވެގެން ތިބުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
"ސިމްޕްޓަމް އަންނަންޏާ، މާސްކް އަޅުއްވައިގެން އެކަހެރިވެ ހުންނެވުމަކީ ވަރަށް މުހިއްމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
ގިނަ މީހުން ދިރިއުޅޭ ތަންތަނާ ޕޮޒިޓިވް ކޭސްއަކާ ގުޅުމެއް ނެތަސް ޓެސްޓް ހަދަން މިހާރު ނިންމާފައިވާތީ އަލާމާތެއް ހުރި މީހެއް ނަމަ އަންގަން އޭނާ އެދިވަޑައިގެންނެވި އެވެ.