13 އޮކްޓޯބަރ 2016 - 22:20

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ދެމުން އަންނަ އުރީދޫ މޯލްޑިވްސް އިން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި މިރޭ ލިސްޓްކޮށް، އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އާއްމުންނަށް ހިއްސާ ވިއްކަން ތައްޔާރުވެއްޖެ އެވެ.
މިއީ ރާއްޖޭގައި ހިއްސާ ވިއްކަން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ކުންފުންޏެެވެ. އުރީދޫގެ ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރުމަށް މިރޭ ދަރުބާރުގޭގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އުރީދޫގެ ހެޑް އޮފް އިންވެސްޓާ ރިލޭޝަން އަރުޝީ މުހައްމަދު ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިދާޅުވީ އެ ކުންފުނީގެ ހިއްސާ އާއްމުންނަށް ވިއްކުމަށް ވާން ޖެހޭ ތައްޔާރީތައް ވާން ފަށާފައިވާ ކަމަށެވެ.
"އުރީދޫ މޯލްޑިވްސް އިން ބޭނުން ވަނީ ދިވެހިންނަށް މި ކުންފުނީގައި އިންވެސްޓްކުރުމުގެ ފުރުސަތު ދޭން. އަޅުގަނޑުމެން މިހާރު މި ވަނީ ޕްރޮސްޕެކްޓަސް ހެދުމުގެ މަސައްކަތް ފަށާފައި. އޭގައި ހިމެނޭނެ ހިއްސާގެ އަގުތަކާއި އެނޫން ވެސް ތަފުސީލްތައް،" އޭނާ ވިދާޅުވި އެވެ.
އަރުޝީ ވިދާޅުވީ ހިއްސާ ވިއްކާނެ އަގާއި އެންމެ ގިނަވެގެން މީހަކަށް ގަނެެވޭނެ އަދަދާއެކު އަންނަ އަހަރުގެ އޭޕްރިލް ހާތަނުގައި އެ ތަފުސީލްތައް އާއްމުކުރެވޭ ވަރުވާނެ ކަމަށެވެ. އަދި އެ ޕްރޮސްޕެކްޓަސް އާއްމުކުރާތާ 14 ދުވަސް ފަހުން އާއްމުންނަށް ހިއްސާ ވިއްކަން ހުޅުވާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިއްސާ ވިއްކަން ހުޅުވާލާނީ ދިވެހިންނަށާއި ދިވެހި ކުންފުނިތަކުގެ އިތުރުން ބޭރު މީހުންނަށް ވެސް ގަނެވޭ ގޮތަށް. ހިއްސާ ގަތުމަށް ވަކި ބަޔަކަށް ހުރަހެއް ނޯންނާނެ،" އަރުޝީ ވިދާޅުވި އެވެ.
ސްޓޮކް އެކްސްޗޭންޖުގެ ފަރާތުން ވާހަކަދެއްކެވި ފާތުމަތު ލަމްހާ ވިދާޅުވީ އުރީދޫ އަކީ ރާއްޖޭގައި ހިއްސާ ވިއްކަން ފަށާ ފުރަތަމަ ބައިނަލްއަގުވާމީ ކުންފުންޏަށް ވުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އަދި އުރީދޫއަށް އަބަދުވެސް ކުރިއެރުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުރީދޫގެ ހިއްސާ ވިއްކަން ލިސްޓްކުރިއިރު، އެ ކުންފުނިން ވިއްކަން ނިންމާފައި ވަނީ ކިތައް ޕަސެންޓްގެ ހިއްސާ ކަމެއް އަދި ހިއްސާގެ މޫނުމަތީ އަގެއް ނުބުނެ އެވެ.
ގަތަރުގެ އުރީދޫގެ ކުޑައިގެ ދަށުން ތިން ގައުމެއްގައި ހިންގަ އެވެ. އެ ކުންފުނިތަކުގެ ވެސް ހިއްސާ ވަނީ އާއްމުންނަށް ވިއްކައިފަ އެވެ.
ކުވޭތުގެ ކިއުޓެލްގެ ބްރޭންޑެއް ކަމަށްވާ ވަތަނިއްޔާ އިން ފެބްރުއަރީ 2005 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮތް ދިރާގުން އެކަނި ދެމުން ގެންދިޔަ މުވާސަލާތީ ހިދުމަތް ފުޅާކޮށް، އެއީ ވާދަވެރި ދާއިރާއަކަށް ހެދުމަށެވެ. ގަތަރު ސަރުކާރުގެ ބޮޑު ހިއްސާއެއް ވެސް އޮންނަ އުރީދޫން ކިއުޓެލް ގަތުމާ އެކު، ވަތަނިއްޔާ ބްރޭންޑުގެ ދަށުން އެކި ގައުމުތަކުގައި ހިންގަމުން ގެންދިޔަ ކުންފުނިތައް ރީބްރޭންޑް ކުރުމުގެ ތެރެއިން، ރާއްޖޭގެ ކުންފުނި ވެސް އުރީދޫގެ ނަމަށް ޑިސެމްބަރު 2013 ގައި ބަދަލުކުރި އެވެ.
މުޅި އުރީދޫ ގްރޫޕުގައި ވެސް ހިމެނޭ އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ކުންފުނި ކަމަށްވާ އުރީދޫ މޯލްޑިވްސް އިން މޮބައިލް ފޯނާއި އެއާ ގުޅުންހުރި ހިދުމަތްތަކުގެ އިތުރުން، އިންޓަނެޓުގެ ހިދުމަތް ވެސް ވަނީ ދޭން ފަށައިފަ އެވެ.