01 ޖޫން 2016 - 06:25

އެންމެން މި ތިބީ ސެމްސަންގުން ނޯޓް 6 ނެރޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. އެކަމަކު ބައެއް ޓެކް ބްލޮގްތަކުން ލަފާކުރާ ގޮތުގައި ސެމްސަންގުން މިފަހަރު ނަންބަރެއް ވައްޓާލަފާނެ އެވެ. ނޯޓް 6 ގެ ބަދަލުގައި ނެރޭނީ ނޯޓް 7 އެވެ.
ކޮރެއާގެ ފޯނު އިންޑަސްޓްރީގެ އެކި ފަރާތްތަކާ ހަވާލާދީ އީޓީ ނިއުސްގައި ބުނެފައި ވަނީ ސެމްސަންގުން އަލަށް ނެރޭނީ ނޯޓް 7 ކަމަށާއި އެއީ ދެ އެޖްގެ ފޯނަކަށް ވާނެ ކަމަށެވެ.
ނޫސްތަކުގައި ބުނެފައި ވަނީ އަލަށް ނެރޭ ފޯނަށް ނޯޓް 7 ގެ ނަން ދޭން ނިންމާފައި ވަނީ އެސް7 އެޖް އާ އޮޅުން އަރާފާނެތީ ކަމަށެވެ. މި ޚަބަރުތަކުގައި ބުނެފައި ވަނީ މި ފޯނު ޖުލައި މަހު މި ފޯނު އުފައްދަން ފަށާނެ ކަމަށް ބެލެވޭ ކަމަށާއި އެހެންވެ އޯގަސްޓް މަހު ފޯނު ބާޒާރަށް ނެރުން އެކަށީގެންވާ ކަމަށެވެ.
އަޑު ފެތުރިފައިވާ ގޮތުގައި، އަލަށް ނެރޭ ފޯނުގެ ޑިސްޕްލޭއަށް މާބޮޑެތި ބަދަލުތަކެއް ނުގެންނާނެ އެވެ. އެކަމަކު ކުޑަ ތަންކޮޅެއް ސައިޒު ބޮޑުވާނެ ކަމަށްވެ އެވެ. ޗައިނާގެ ސޯޝަލް މީޑިއާ ވެބްސައިޓް ވެއިބޯގައި ވާހަކަ ދެކެވޭ ގޮތުގައި މި ފޯނުގައި ހިމެނޭނީ 12 މެގަޕިކްސެލްގެ ކެމެރާއެކެވެ.
މި ފޯނުގެ ކެމެރާގެ އޮޓޯ ފޯކަސް ރަނގަޅުކުރުމަށް އިންފްރާރެޑް ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެޕަލް އިން އަލަށް ނެރެން ތައްޔާރުވަމުންދާ ފޯނުގެ ސަބަބުން މިފަހަރު ސެމްސަންގަށް ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ. އާ އައިފޯނުގައި ފޯނުތަކަށް މުޅިން އާ ބައެއް ފީޗާތައް ހިމަނާނެ ކަމަށް އަޑު ފެތުރިފައިވެ އެވެ. އެގޮތުންް ހެޑްފޯނަށް ޖެކް ޖަހަން ނުޖެހޭ ގޮތް އެޕަލް އިން ތައާރަފްކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ.