26 އެޕްރީލް 2020 - 12:06

އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖީ އާއި ޒީ ޏެޓްވޯކްގެ ޒީ5 ގުޅިގެން ގެނެސްދިން ވެބް ސީރީޒް "ބާރިޝް" ގެ ދެވަނަ ސީޒަންގެ ޓްރެއިލާ ދައްކާލައި ސްޓްރީމްކުރަން ފަށާ ތާރީހަކަށް މި މަހުގެ 29 ހަމަޖައްސައިފި އެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާ މި ސީރީޒްގެ ލީޑް ތަރިންނަކީ "3 އިޑިއަޓްސް" އާއި "ރަންގް ދެ ބަސަންތީ" އަދި "ހޭޓް ސްޓޯރީ 3" ފަދަ ފިލްމުތައް ކުޅެފައިވާ ޝަރުމަން ޖޯޝީ އާއި އާޝާ ނެގީ އެވެ.
"ބާރިޝް 2" ގެނެސްދޭން ކުޑަތަންވަމުން އަންނަ އިރު، ފުރަތަމަ ސީޒަން ގެނެސްދިނީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ.
ނަންދިތާ މެހެރާ ޑައިރެކްޓްކުރި ސީރީޒްގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ 20 އެޕިސޯޑެވެ. ނަމަވެސް ދެވަނަ ސީޒަނުގައި ހިމެނޭނީ ކިތައް އެޕިސޯޑް ކަމެއް އަދި ނޭނގެ އެވެ.
"ބާރިޝް" މިހާރު އަންނަނީ ޒީ ޓީވިން ދައްކަނުންނެވެ. ޓީވީން ސީރީޒް ދައްކަން ފެށީ ކޮރޯނާވައިރަހާ ދިމާކޮށް، ޝޫޓިންތައް ހުއްޓި، އެ ޗެނެލުން ގެނެސްދެމުން ގެންދިޔަ ޝޯތަކުގެ އާ އެޕިސޯޑްތަކެއް ގެނެސް ނުދެވޭތީ އެވެ.
އޯލްޓް ބަލާޖީ އާއި ޒީ5 އިން ގެނެސްދިން އެހެން ދެ ވެބް ސީރީޒެއް ވެސް ޒީން އަންނަނީ ދައްކަމުންނެވެ. އެއީ އިންޑިއާގެ އެންމެ މަގުބޫލު ޓީވީ ތަރިންގެ ތެރޭގައި ހިމެނޭ ސާކްޝީ ތަންވަރާއި ރާމް ކަޕޫރްގެ "ކަރްލޭ ތޫ ބީ މުހައްބަތު" އާއި ރޯނިތު ރޯއި (ބަޖާޖް) އާއި މޯނާ ސިންގްގެ "ކެހެނޭ ކޯ ހަމްސަފަރު" އެވެ.