27 އެޕްރީލް 2020 - 09:20

ކުރިން މި މަހުގެ 10 ގައި ރިލީޒްކުރަން އޮއްވައި ކޮރޯނާވައިރަހާ ހެދި ފަސްކޮށްފައިވާ ޑައިރެކްޓަރު ކަބީރު ޚާންގެ ކުޅިވަރު ފިލްމު "83" ގެ ޑިޖިޓަލް ރައިޓްސް ހޯދަން، މަޝްހޫރު ސްޓްރީމިން ޕްލެޓްފޯމަކުން ބޮޑު އަގެއް ހުށަހަޅާފައިވާ ބުނާ ވާހަކަ އެ ފިލްމުގެ ޕްރޮޑަކްޝަން ހައުސްއެއްގެ ގޮތުގައި ހިއްސާވާ ރިލައިންސް އެންޓަޓައިންމަންޓިން ދޮގުކޮށްފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނިގޮތުގައި ރަންވީރު ސިންގާއި ދީޕިކާ ޕަދްކޯން އެކީގައި ފެނިގެންދާ ފިލްމަށް ހުށަހަޅާފައި ވަނީ 143 ކްރޯޑް ރުޕީސް (19 މިލިއަން ޑޮލަރު) އެވެ.
ނަމަވެސް އެކަން ދޮގުކުރަމުން ރިލައިންސް އެންޓަޓައިންމަންޓް ގްރޫޕްގެ ސީއީއޯ ޝިބާޝިޝް ސަރުކާރް ބުނީ "83" ސިނަމާތަކުގައި ރިލީޒްކުރުމުގެ ކުރިން އެއްވެސް ސްޓްރީމިން ޕްލެޓްފޯމަކަށް ދޫކޮށްނުލާނެ ކަމަށެވެ. އަދި އެފަދަ މަޝްވަރާތަކެއް ވެސް ކުރިއަށް ނުދާ ކަމަށާއި ޑިޖިޓަލް ރައިޓްސް 43 ކްރޯޑް ހުށަހެޅި ވާހަކަގައި ވެސް އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.
މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ޝިބާޝިޝް ވަނީ "83" އަކީ ސިނަމާގައި ތަޖުރިބާކޮށްލަން ޖެހޭ ފިލްމެއް ކަމަށާއި އެ ފިލްމު ތިއޭޓަރުތަކުގައި އަޅުވާނެ ކަމަށް ބުނެފަ އެވެ. އެކަމަކު ސިނަމާތައް ބަންދުކޮށްފައިވާތީ ފިލްމު ޕްރިމިއާކުރެވޭނެ ދުވަހެއް ނޭނގޭ ކަމަށް ބުންޏެވެ.
"އަހަރެމެން އަންދާޒާކުރަނީ ކުރިއަށް އޮތް ހަތަރެއް ނުވަތަ ހައެއްކަ މަސް ތެރޭގައި އާންމު ހާލަތަކަށް ރުޖޫއަވެވި، ސިނަމާތައް ވެސް ހުޅުވުމުން އެއިޓީ ތުރީ ސިނަމާތަކުގައި ރިލީޒްކުރެވޭނެ ކަމަށް،" ޝިބާޝިޝް ބުންޏެވެ. "އެ އުންމީދުގައި މިހާރު މި ތިބީ."
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "83" އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ސްޕޯޓްސް ޑްރާމާއެކެވެ. މި ފިލްމުގައި އޭރު އިންޑިއާ ޓީމްގެ ކެޕްޓަނަކަށް ހުރި ކަޕިލް ދޭވްގެ ރޯލް ކުޅެފައި ވަނީ ރަންވީރެވެ.