އެސްޓީއޯގެ އީސްޓޯރު އަނެއްކާވެސް ހުޅުވާލައިފި
އެސްޓީއޯގެ އީސްޓޯރު އަނެއްކާވެސް ހުޅުވާލައިފި

މާލެ ލޮކްޑައުންކޮށް، ޒަރޫރީ ބޭނުންތަކުގެ ސާމާނު ހޯދަން ދަތިވެފައިވާ މައްސަލަ ހައްލުކުރުމަށް އޮންލައިންކޮށް ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯ އިން ހުޅުވާލި ވެބްސައިޓު، އީސްޓޯރުގެ ހިދުމަތް އަލުން ދޭން ފަށައިފި އެވެ.

އެސްޓީއޯ އިން އެ ހިދުމަތް މެދުކަނޑާލީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ގިނަ އޯޑަރުތަކެއް ލިބުމުން، އެ ތަކެތި ޑެލިވަރީކުރާށެވެ. ފުރަތަމަ ނެގި އޯޑަރުތައް ގޭގެއަށް ޑެލިވަރީކޮށް ނިނުމާ އެކު މިއަދު ހެނދުނު 9:00 އިން ފެށިގެން އަނެއްކާވެސް އީސްޓޯރު މިވަނީ ހުޅުވާލައިފަ އެވެ.

އީސްޓޯރުގެ ހިދުމަތް އަލުން ފެށި ނަމަވެސް އެއްފަހަރާ އެހާ ބައިވަރު މުދާ ގެންގޮސްދޭން އެެދި އޯޑަރު ނުކުރުމަށް އެސްޓީއޯއިން އިލްތިމާސް ކުރެ އެވެ. އެސްޓީއޯއިން ބުނީ އެއްފަހރާ ގިނަ އަދަދެއްގެ ތަކެއްޗަށް އޯޑަރު ކުރުމަށް ގިނަ މީހުންނަށް ހިދުމަތް ދޭން އުނދަގޫ ވާނެ ކަމަށެވެ. އެހެންކަމުން ކޮންމެ ކަސްޓަމަރަކު ވެސް ގިނަވެގެން ހަފުތާއަކަށް ބޭނުންވާ ވަރަށް އޯޑަރު ކުރުމަށް އެ ކުންފުނިން އެދެ އެވެ.

އެސްޓީއޯ އީސްޓޯރުގެ ހިދުމަތަކީ ޣޭގައި ތިބެގެން ވިޔަފާރި ކުރުމަށް ބާރު އަޅައި އާއްމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރު ކޮށްދިނުމަށް އެ ކުންފުނިން ތައާރަފު ކުރި ވެބްސައިޓެކެވެ. މީގެ އިތުރުން ބޭސް ސިޓީތަކަށް ބޭސް ޑެލިވަރީ ކޮށްދިނުމުގެ ހިދުމަތް ވެސް އެކުންފުނިން ވަނީ ފަށައިފަ އެވެ.

ކޮވިޑް-19 ފެތުރުމާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ އިރު ގޭގައި ތިބެގެން އޮންލައިން ވިޔަފާރި ކުރުމަށް ކަމާ ބެހޭ ފަރާތްތަކުން ބާރު އަޅަ އެވެ. އަދި ނަގުދު ފައިސާގެ މުއާމަލާތްތައް މަދުކޮށް އޮންލައިންކޮށް ފައިސާ ދެއްކުމަށް ވެސް ސިއްހީ މާހިރުން ލަފާ ދެ އެވެ.