25 އެޕްރީލް 2020 - 12:45

ކޮވިޑް-19އާ ހެދި ޓޫރިޒަމް ދާއިރާއަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ވެބް ސެމިނާ (ވެބިނާ)އެއް ބާއްވަން ނިންމައިފި އެވެ.
މުޅި ދުނިޔެ އަށް ކުރިމަތިވެފައިވާ ބަލިމަޑުކަމާ ހެދި ޓޫރިޒަމަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް "ރިއެކްޓް، ރީތިންކް، ރިކަވަރ - ސޮލިއުޝަންސް ޓު ދަ ކޯވިޑް-19 ކްރައިސިސް" ގެ ނަމުގައި ކުރިއަށްގެންދާ މި ސެމިނާއަކީ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އާއި ޓްރިޕް އެޑްވައިޒާއާ ގުޅިގެން އެމްއެމްޕީއާރުސީން ބާއްވާ ސެމިނާއެކެވެ.
ޓޫރިޒަމް ދާއިރާގެ މާހިރުން ބައިވެރިވާ މި ސެމިނާގައި ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދާއިރާއަށް ދިމާވަފއިވާ ދަތިތަކާއި މި ކަންތައްތަކުން އަރައިގަންނާނެ ގޮތެއް ހޯދަން މަޝްވަރާ ކުރާނެ އެވެ.
މި ސެމިނާ ކުރިއަށް ގެންދާނީ އީ ޓޫއަރިޒަމް ފްރަންޓިއާސްގެ ސީއީއޯ ޑޭމިއަން ކޫކް އެވެ. އޭނާ އަކީ ސާސް އާއި އެބޯލާ ފަދަ ބަލިތަކުން އަރައިގަތުމުގައި ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅެކެވެ. މި ސެމިނާގައި ކުކް ގެ އިތުރުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އާއި ޕާޓާގެ ސީއީއޯ ޑރ. މާރިއޯ ހާޑީ ވެސް ބައިވެރިވާނެ އެވެ.
މި ސެމިނާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައި ވާއިރު އެމްއެމްޕީއާރުސީގެ ވެބްސައިޓާއި ޓޫރިޒަމްގެ "ވެބިނާ" zoom.us/webinar/register/WN_o3D0H37dQpikbaJx-P5fnQ މެދުވެރިކޮށް ވެސް ރަޖިސްޓްރީ ކުރެވޭނެ އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ފެނުމާއެކު ޓޫރިސްޓުން އައުން ވަގުތީ ގޮތުން މަނާކުރީ އެވެ. އާއްމުންގެ ރައްކާތެރިކަމަށްޓަކައި އެޅި މި ފިޔަވަޅުގެ ސަބަބުން މުޅި ޓޫރިޒަމް ދާއިރާ މިހާރު އޮތީ މަޑު ޖެހިފަ އެވެ. މި ހާލަތުން އަރައިގަނެ ޓޫރިޒަމް ދާއިރާ އިއާދަ ނުކުރެވޭ ނަމަ ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ދަށް ވުމަކީ އެކަށީގެންވާކަމެއް ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.