25 އެޕްރީލް 2020 - 12:03

އެމްސްޓެޑަމް (އޭޕްރިލް 25) – ކޮވިޑް-19 ފެތުރޭތީ މެދުކަނޑާލި ނެދަލެންޑްސް ލީގު އިތުރަށް ކުރިއަށް ނުގެންދަން ނިންމައި ކެންސަލްކޮށްފި އެވެ.
މާނައަކީ މި ސީޒަނުގެ ޗެމްޕިއަނެއް ވެސް އަދި ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވާނެ ޓީމުތަކެއް ވެސް ކަނޑައެޅޭ ގޮތްނުވުމެވެ. މިއީ އެ ލީގު 1956 ވަނަ އަހަރު ފެށި ފަހުން ޗެމްޕިއަނެއް ކަނޑަނޭޅި ދިޔަ ފުރަތަމަ ފަހަރެވެ. އެއްވެސް ޓީމެއް ރެލިގޭޓްނުވާތީވެ، ދެ ވަނަ ޑިވިޝަނުން އެއްވެސް ޓީމެއް ޕްރޮމޯޓެއް ވެސް ނުވާނެ އެވެ. ރެލިގޭޓްނުކޮށް ޕްރޮމޯޓްކޮށްފި ނަމަ އަންނަ ސީޒަނުގެ މެޗުތައް އިތުރުވެ ކަލަންޑަރަށް ބާރުބޮޑުވެދާނެތީ އެހެން ހެދެން ނެތީ ކަމަށް ނެދަލެންޑްސް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
ނެދަލެންޑްސް ލީގަކީ ސީޒަން ކެންސަލްކުރި ޔޫރަޕުގެ މަތީ ފަންތީގެ ފުރަތަމަ ލީގެވެ. ފީފާ އާއި ޔުއެފާ އިން ވެސް ބާރު އަޅަނީ ހާލަތު ތަންދިނުމާ އެކު، މެދުކަނޑާލާފައިވާ ލީގުތައް ކުރިއަށްގެންގޮސް ސީޒަން ފުރިހަމަކުރާށެވެ. ނެދަލެންޑްސް އިން މިގޮތަށް ނިންމީ، ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ބޮޑެތި އިވެންޓްތައް ކުރިއަށް ގެންދިއުން ނެދަލެންޑްސް ސަރުކާރުން މަނާކުރުމާ އެކު އެވެ. ނެދަލެންޑްސް ފުޓްބޯޅަ އެސޯސިއޭޝަން ބުނެފައިވާ ގޮތުގައި މި ސީޒަން ކުޅެވޭނެ އެއްވެސް ގޮތެއް ނެތީ ކަމަށެވެ.
ނުކުޅެ ބާކީ ނުވަ މެޗު އޮތްއިރު ތާވަލުގެ އެއް ވަނައިގައި 56 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ ގަދަބާރު އަޔަކްސް އެވެ. އެ އަދަދަށް ޕޮއިންޓް ހޯދައިގެން ދެ ވަނައިގައި އޮތީ އޭޒެޑް އަލްމާރެވެ. ޗެމްޕިއަނެއް ކަނޑަނޭޅި ނަމަވެސް އެންމެ ކުރީގައި އޮތް ދެ ޓީމުގެ ހައިސިއްޔަތުން މި ދެ ޓީމަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ދޭނެ އެވެ. އެކަމަކު އެކަން ނިންމާނީ ޔުއެފާ އިންނެވެ. އެ އިދާރާ އިން ވަނީ ލީގު ފުރިހަމަނުކުރާ ގައުމުތަކުގެ ޓީމުތަކަށް ޗެމްޕިއަންސް ލީގުން ފުރުސަތު ނުދޭނެ ކަމުގެ އިޝާރާތެއްކޮށްފަ އެވެ. އެކަމަކު މިހާރު ހާލަތު ބަދަލުވެ ލީގުތައް ފުރިހަމަކުރުމުގެ ފުރުސަތު ކުރިއަށް ވުރެ ހަނިވެފައިވާތީވެ ޔުއެފާ އިން އެ ވިސްނުން ބަދަލުކޮށްފާނެ ކަމަށް ބެލެވެ އެވެ.
އެގޮތުން މެދުކަނޑާލާފައިވާ ޔޫރަޕް ގައުމުތަކުގެ ފުޓްބޯޅަ ސީޒަނާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކަށް އެބައޮތް ކަމަށާއި އެކަމަކު ޔުއެފާގެ ވަކި ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާ އާއި ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުން އެއްބަސްވެފައިވަނީ ލީގުތައް ޖުލައި 31 ގެ ނިޔަލަށް ފުރިހަމަކުރުމަށް ފަހު ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ މެޗުތައް އޮގަސްޓް މަހު ބާއްވާށެވެ. އަންނަ މޭ މަހުގެ ފަހުކޮޅު ލީގުތައް ފެށިއްޖެ ނަމަ ޖުލައި މަހުގެ ނިޔަލަށް ފުރިހަމަކުރެވޭނެ އެވެ.