އިންޑިއާގެ މި އަހަރުގެ ނެޝަނަލް ފިލްމު އެވޯޑް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އިންޑިއާގެ މި އަހަރުގެ ނެޝަނަލް ފިލްމު އެވޯޑް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ކުރިން އާންމުކޮށް މެއި މަހު ބާއްވަމުން އަންނަ އިންޑިއާގެ ނެޝަނަލް ފިލްމު އެވޯޑްސް މި އަހަރު ވެސް ފަސްކުރަން ޖެހިއްޖެ އެވެ.

ކުރިން ތާވަލުކޮށްފައި އޮތް ގޮތުން ނަމަ މި އަހަރު ބާއްވާ 67 ވަނަ ނެޝަނަލް ފިލްމު އެވޯޑް ހަފުލާ ބާއްވަން އޮތީ އަންނަ މަހުގެ 3 ގަ އެވެ. އެ ތާރީހަކީ ކޮރޯނާވައިރަހާ ދިމާކޮށް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިންޑިއާގައި ދެވަނަ ފަހަރަށް އިއުލާންކުރި ލޮކްޑައުންގެ މުއްދަތު ހަމަވާ ދުވަހެވެ.

ކޮވިޑް-19 ގެ ހާލަތު އަދިވެސް ރަނގަޅުވަމުން ނުދާތީ އިންޑިއާގެ ލޮކްޑައުން ކުރިއަށް އޮތް ތަނުގައި އިތުރުކުރާނެ ކަމަށް ބެލެވެ އެވެ. މި ބައްޔާ ގުޅިގެން އެ ގައުމުގެ ފިލްމު އިންޑަސްޓްރީ ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފަ އެވެ. ސިނަމާތައް ބަންދުކޮށް، ފިލްމު ރިލީޒްކުރުން ހުއްޓިފައިވާ އިރު، ޝޫޓިންތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.

މުއްދަތެއް ނެތް ގޮތަށް މި އަހަރުގެ ނެޝަނަލް ފިލްމު އެވޯޑްސް ފަސްކުރި އިރު، މިދިޔަ އަހަރަކީ މި އެވޯޑްސް ފަސްކުރަން ޖެހުނު އަހަރެކެވެ. އެ ފަހަރު އެވޯޑްސް ފަސްކުރީ އާންމު އިންތިހާބާ ގުޅިގެންނެވެ. މިދިޔަ އަހަރު އެވޯޑް ލިބުނު ފަންނާނުންގެ ނަންތައް އޮގަސްޓް މަހު އިއުލާންކޮށް، އެވޯޑް ހަފުލާ ބޭއްވީ ޑިސެމްބަރު މަހުގެ ތެރެގަ އެވެ.

މެއި މަހު ނެޝަނަލް ފިލްމު އެވޯޑްސް އިންޑިއާގައި ބާއްވަމުން އައީ އެވޯޑްތައް ލިބޭ ފަންނާނުންގެ ނަންތައް އެޕްރީލް މަހުގެ ތެރޭގައި އިއުލާންކުރުމަށް ފަހު އެވެ. މި އެވޯޑަކީ އިންޑިއާގައި ހުރިހާ ބަހަކުން ހަދާ ފިލްމުތައް ޖަޖްކޮށްގެން ދޭ އެވޯޑެކެވެ.