26 އެޕްރީލް 2020 - 09:46

މީދެ ދެ އަހަރު ކުރިން ރިލީޒްކުރި ކާމިޔާބު ބޮލީވުޑްގެ ސަސްޕެންސް ތުރިލާ "އަންދާދުން" ގައި ތައްބޫ ކުޅުނު ރޯލަކީ ގިނަ ބައެއްގެ ތައުރީފު އަށް އޭނާ އަށް އޮހުނު ފިލްމެކެވެ. ކްރިޓިކުންނާއި އޯޑިއަންސް ވެސް ތައްބޫ ދައްކުވައިދިން ރޯލަށް ވަރަށް ސަނާކިޔާފައިވެ އެވެެ. ބައެއް ކްރިޓިކުން އޭރު ފާހަގަކޮށްފައިވާ ގޮތުގައި ސްރީރާމް ރަގްވަން ޑައިރެކްޓްކުރި "އަންދާދުން" ގައި ތައްބޫ ކުޅުނު ކެރެކްޓާ ސިމީ ސިންހާގެ ރޯލް އޭނާ ނޫން އެއްވެސް މީހަކަށް އެހާ ފުރިހަމަކޮށެއް ނުކުޅެވޭނެ އެވެ.
މިއީ އެކަމަށް ބާރުދޭ އެހެން ވާހަކައެކެވެ. "އަންދާދުން" ގެ ތަމަޅަ ރިމެކެއް ހަދާ ވާހަކަ މިދިޔަ އަހަރު އިއުލާންކޮށްފައި ވަނިކޮށް، ރިޕޯޓްތައް މިހާރު ބުނާގޮތުން ތައްބޫ އަށް ވަނީ އެ ފިލްމުގައި ވެސް އޭނާ ކުރިން ކުޅުނު ރޯލް ކުޅެން ހުށަހަޅައިފަ އެވެ. އަދި މިކަމާ ބެހޭ މަޝްވަރާތައް މިހާރު އަންނަނީ ކުރަމުންކަން ފިލްމުގެ ޕްރޮޑިއުސަރުން ކަށަވަރުކޮށް ދީފައިވެ އެވެ.
ތައްބޫ އަށް ފިލްމު ހުށަހެޅި ވާހަކަ މީޑިއާތަކުން ރިޕޯޓްކޮށްފައި މި ވަނީ އޭނާގެ ކުޅުނު ރޯލް ތަމަޅަ ފިލްމުގައި ކުޅޭނީ ރާމިޔާ ކްރިޝްނަން ކަމަށް މީގެ ދެ ހަފުތާއެއްހާ ކުރިން ބައެއް މީޑިއާތަކުން ބުނެފައިވެ އެވެ.
ރާމިޔާ އަކީ "ބާހްބަލީ" ގެ ފިލްމުތަކުގައި ސިވަގާމީގެ ރޯލް ކުޅުނު ބަތަލާ އެވެ. އޭނާ ކުރިން ހިންދީ ފިލްމުތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންގެ "ޗާހަތު" އާއި "ކަލް ނަޔަކް" ފާހަގަކޮށްލެވެ އެވެ.
އަޔޫޝްމަން ކްރާނާ ބަތަލުގެ ރޯލް ކުޅެގެން އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ވެސް ހޯދި "އަންދާދުން" ގައި އޭނާ ކުޅުނު ރޯލް ތަމަޅަ ފިލްމުގައި ކުޅެނީ ފިލްމުގެ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ ތިޔަގަރާގަންގެ ދަރިފުޅު ޕްރަޝާންތެވެ. ފިލްމު ޑައިރެކްޓްކުރާނީ މޯހަން ރާޖާ އެވެ.
ތައްބޫ އާއި އަޔޫޝްމަންގެ އިތުރުން "އަންދާދުން" ގެ މުހިއްމު ރޯލެއް ރާދިކާ އަޕްޓޭ ވެސް ކުޅެފައިވެ އެވެ. މި ފިލްމަށް ލިބުނު ނެޝަނަލް އެވޯޑްތަކުގެ ތެރޭގައި އެންމެ މޮޅު ހިންދީ ފިލްމާއި އެންމެ މޮޅު ސްކްރީންޕްލޭ ހިމެނެ އެވެ.