25 އެޕްރީލް 2020 - 05:38

ވޮޝިންޓަން (އެޕްރީލް 25) - ޑިސްއިންފެކްޓެންޓެއް ހަށިގަނޑަށް ފޮނުވައިގެން ކޮރޯނާވައިރަސް މަރާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެ ގޮތަށް އެކަން ނުކުރުމަށް ދުނިޔޭގައި ޑިސްއިންފެކްޓެންޓް އުފައްދާ އެންމެ ބޮޑު އެއް ކުންފުނިން އިންޒާރު ދީފި އެވެ.

ޑިޓޯލް އާއި ލައިސޯލް ފަދަ ޕްރޮޓަކްޓްތައް އުފައްދާ އާރުބީ ކުންފުނިން ބުނީ އެއީ އެއްވެސް ހާލެއްގައި ހަށިގަނޑަށް ބޭނުން ކުރަން އުފައްދާ އެއްޗިއްސެއް ނޫން ކަމަށެވެ.

"ހެލްތު އަދި ހައިޖީން އުފެއްދުން އުފައްދާ ދުނިޔޭގެ ކުރިއަރާފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން ބުނަން ބޭނުން ވަނީ ޑިސްއިންފެކްޓެންޓް އުފެއްދުންތައް ހަށިގަނޑަށް ދޭން ޖެހޭ އެއްވެސް ހާލަތެއް ނާންނާނެކަން،" އާރުބީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ކުންފުނިން ބުނީ ޑިސްއިންފެކްޓެންޓް އަދި ހައިޖީން ޕްރޮޑަކްތައް ބޭނުން ކުރަން ޖެހޭނީ ޔޫޒޭޖް ޑައިޑްލައިނުގައި ބުނެފައިވާ ގޮތަށް އެކަނި ކަމަށެވެ.
ވައިޓް ހައުސްގައި ކޮންމެ ދުވަހަކު ވެސް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވެފައި ވަނީ ޑިސްއިންފެކްޓެންޓް ހަށިގަނޑަށް ދީގެން މިނިޓެއްގެ ތެރޭގައި ވައިރަސް މަރާލައި ހަށިގަނޑު ވައިރަހުން ސާފުކޮށްލާނެ ކަމަށެވެ. އަދި ބާރުގަދަ ޔޫވީ ލައިޓެއް ހަށިގަނޑަށް އަޅުވައިގެން ވެސް ވައިރަސް މަރާލެވިދާނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް އެ ގޮތަށް ވިދާޅުވެފައި ވަނީ ކޮރޯނާވައިރަސް އަވިން ބަލިކަށިވާ ކަމަށާއި ހަށިގަނޑުން ބޭރުވާ ޑްރޮޕްލެޓްސްގައި ހުންނަ ވައިރަސް ބްލީޗުން މަރުވާ ކަމަށް ސައެންސްވެރިންތަކެއް ބުނުމާ ގުޅިގެންނެވެ.
ޓްރަމްޕުގެ ވާހަކަތަކަށް ފާޑުކިޔުން އަމާޒުވާން ފެށުމުން ވައިޓް ހައުސް އިން ބުނެފައި ވަނީ ޓްރަމްޕް ވިދާޅުވި އެއްޗެއްގެ މާނަ ނޫސްވެރިން އޮޅުވާލީ ކަމަށެވެ.
ޓްރަމްޕުގެ ވާހަކަތަކާ ގުޅިގެން ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވެސް ވަނީ އެއްވެސް ބާވަތެއްގެ ޑިސްއިންފެކްޓެންޓެއް ހަށިގަނޑަށް ނުފޮނުވުމަށް އިންޒާރުކޮށްފަ އެވެ. އަދި އެފަދަ ކަމެއްކޮށްފި ނަމަ މީހާ ވިހަވެ ފުރާނަ އަށް ނުރައްކާވެދާނެ ކަމަށް ވެސް ބުނެފައިވެ އެވެ.