13 އޮކްޓޯބަރ 2016 - 21:42

ކޮމަންވެލްތުގެ މެމްބަރުކަމުން ރާއްޖެ ވަކިވާން ސަރުކާރުން ނިންމި ނިންމުމާ މެދު ހައިރާންވެ ވަޑައިނުގަންނަވާ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
މި ސަރުކާރުގެ ފޮރިން މިނިސްޓަރަކަށް ހުންނެވުމަށް ފަހު މިއަހަރުގެ މެދު ތެރޭގައި މަގާމުން އިސްތިއުފާ ދެއްވި ދުންޔާ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމަންވެލްތުން ވަކިވާން ނިންމި ނިންމުމާ މެދު ހިތާމަ ކުރައްވާ ކަމަށާއި އެކަމަކު އެ ނިންމުމާ މެދު އޭނާ ހައިރާންވެ ވަޑައިނުގަންނަވާ ކަމަށެވެ.
ދުންޔާ ދެވަނައަށް ކުރެއްވި ޓްވީޓެއްގައި ވަނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ދާއިރާއިން ކޮމަންވެލްތުގެ ގައުމުތަކުގެ ކިބައިން އެތައް ކަމެއް އަދިވެސް ރާއްޖެއިން ދަސްކުރަންޖެހޭ ކަމަށެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވެފައި މި ވަނީ ކޮމަންވެލްތުން ވަކިވާން ޖެހޭ ކަމަށް ވިދާޅުވެ، ސަރުކާރަށް ތާއީދުކުރައްވާ ބައެއް ބޭފުޅުން ވާހަކަ ދައްކަވަމުން ގެންދަވާތާ ދުވަސްތަކެއް ފަހުންނެވެ.
ދުންޔާ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވިއިރު ކޮމަންވެލްތާއި އދ. އިން ރާއްޖެއާ ބެހޭ ގޮތުން ފާހަގަކުރި މައްސަލަތަކުގެ ދިފާއުގައި ވާހަކަ ދައްކަވައި، ރާއްޖެއަށް ވަގުތާއި އެހީތެރިކަން ދޭން ގޮވާލެއްވި އެވެ. އެކި ގޮތްގޮތުން ރާއްޖޭގެ ދިފާއުގައި ހާރިޖީ ގޮތުން މަސައްކަތް ކުރެއްވުމަށް ފަހު ދުންޔާ މަގާމުން އިސްތިއުފާ ދެއްވީ މަރުގެ އަދަބު ތަންފީޒު ކުރަން ސަރުކާރުން ނިންމި ނިންމުމާ މެދު އުފެދުނު ޚިޔާލު ތަފާތުވުންތަކުގަ އެވެ.