ކޮވިޑް-19: މުދާ ހިފައިގެން މޯލްޑިވިއަންގެ ބޯޓުތައް ރަށްރަށަށް
ކޮވިޑް-19: މުދާ ހިފައިގެން މޯލްޑިވިއަންގެ ބޯޓުތައް ރަށްރަށަށް

ރަށްރަށަށް މުދާ ގެންދިޔުމުގައި ކުރިމަތިވާ ދަތިތަކަށް ހައްލު ކުރުމަށް، މޯލްޑިވިއަންގެ ކާގޯ ފްލައިޓްތަކެއް އަތޮޅުތަކަށް ބޭއްވުމަށް ނިންމައިފި އެވެ.

ކޮރޯނާ ވައިރަސްއާ ހެދި މާލެ ލޮކްޑައުން ކުރުމުން، ރަށްރަށަށް މުދާ އުފުލުމުގައި ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި މުދާ ލިބުމުގައި ދަތިތަކެއް އެބަހުއްޓެވެ. އެކަން ހައްލު ކުރުމަށް، މުދާ ހިފައިގެން ކޮންމެ ދުވަހަކު ވެސް މޯލްޑިވިއަނުން ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން މިރޭ ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި ގޮތުގައި ކޮންމެ ރަށަކުން ވެސް، އެ ރަށަކަށް ދަތިވެފައިވާ ތަކެތީގެ ލިސްޓު، ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އާ ހިއްސާކުރުމުން، އެ އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން ދަތުރުތައް ބާއްވާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަދަ ގިނަ ދަތުރުތަކެއް ކޮންމެ ދުވަހަކު ވެސް އެތައް ފަހަރަކު ކުރާނެ އެވެ. މި ދަތުރުތަކުގައި، މިހާރު ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ތެރެއިން، ދޫކޮށްލަން ޖެހޭ މީހުން ވެސް ރަށަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މާލެ ސަރަަހައްދު ލޮކްޑައުން ކުރުމުން، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ސާމާނު ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށްޓަކައި ދޯނި ފަހަރަށް ތަކެތި ޑެލިވަރީ ކުރުމަށްޓަކައި އެމްޕީއެލް އާއި އިކޮނޮމިކް މިނިސްޓްރީން ވަނީ "ލޮކްޑައުން ކޮމިޓީ"އެއް އުފައްދައިފަ އެވެ. ރަށްރަށަށް މިވަގުތަށް ބޭނުންވާ ތަކެތި ހޯދައި ބެލުމަކީ ވެސް މި ކޮމެޓީގެ މަސައްކަތެކެވެ.

ސަރުކާރުން ވަނީ މި ހާލަތުގައި ވެސް ކާޑުގެ ބާވަތްތައް އެއްވެސް ދަތިކަމެއް ނެތި ރާއްޖޭގެ ރަށްތަކަށް ފޯރުކޮށްދޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ކަންކަން އެސްޓީއޯ އިން އަންނަނީ ހަމަޖައްސަމުންނެވެ.