24 އެޕްރީލް 2020 - 23:01

އޮންލައިންކޮށް ވިޔަފާރިކޮށްގެން 20،000ރ. ގެ ފައިސާގެ އިނާމު ލިބޭ ޕްރޮމޯޝަނެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ފަށައިފި އެވެ.

ރޯދަ މަހަށް ހާއްސަކޮށްގެން "ސްޓޭ ހޯމް" ގެ ނަމުގައި އެމްއައިބީން ފެށި މި ޕްރޮމޯޝަނަކީ ގޭގައި ތިބެގެން އޮންލައިން ވިޔަފާރި ކުރުމަށް ބާރު އެޅުމުގެ ގޮތުން އެ ބޭންކުން ފެށި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އެމްއައިބީގެ "ފައިސާ ޕޭ" އާއި "ފައިސާ މޯބައިލް" އާއި "ފައިސާ ކާޑު" އަދި "ފައިސާ ނެޓު" ބޭނުން ކޮށްގެން ފަސް ފަހަރަށްވުރެ ގިނަ ފަހަރު އޮންލައިންކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށެވެ.
މި ޕްރޮމޯޝަނުގެ އެއްވަނަ އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ 20،000ރ. ގެ ފައިސާގެ އިނާމް ލިބޭނީ އެންމެ ގިނަ ފަހަރު އޮންލައިންކޮށް ފައިސާ ދައްކާ ކަސްޓަމަރަށެވެ. މިގޮތަށް އިތުރު ހަ ކަސްޓަމަރަކު ވެސް އެމްއައިބީން ހޮވާނެ އެވެ. މި ކަސްޓަމަރުންގެ ތެރެއިން ކޮންމެ މީހަކަށް 5،000ރ. ގެ ފައިސާގެ އިނާމް ދިނުމަށް އެ ބޭންކުން ވަނީ ނިންމައިފަ އެވެ.
އެމްއައިބީން ވަނީ އެ ބޭންކުގެ އިންޓަނެޓް ބޭންކިން ބޭނުންކޮށްގެން ވިޔަފާރި ކުރެވޭނެ ފިހާރަތަކުގެ ލިސްޓު ވެސް އެ ބޭންކުގެ ވެބްސައިޓު mib.shor.tn/TM ގައި އާއްމުކޮށްފަ އެވެ. މީގެ ތެރޭގައި ރެޑްވޭވް އާއި ވީބީ މާޓު ފަދަ މާލޭގެ ބޮޑެތި ފިހާރަތައް ހިމެނެ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެމްއައިބީގެ އިންޓަނެޓް ބޭންކިންގެ ވަސީލަތްތައް ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން 250ރ. އަށްވުރެ މަތިން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް، ދައްކާ ފައިސާގެ ދެ ޕަސެންޓް އަނބުރާ ލިބޭނެ އެވެ.
އެމްއައިބީން ބުނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ހުޅުވާލި މި ފުރުސަތުގައި ވިޔަފާރި ކުރުމުގެ އިތުރުން ބިލުތަކަށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އެގޮތުން، ފެން ބިލާއި ކަރަންޓް ބިލް އެމްއައިބީގެ ވަސީލަތްތައް ބޭނުންކޮށްގެން ދައްކާ ކަސްޓަމަރުންނަށް ވެސް ދެ ޕަސެންޓު ފައިސާ އަބުރާ ލިބޭނެ އެވެ. ނަމަވެސް މީގެ ތެރޭގައި ފިތުރު ޒަކާތް ދައްކާ ކަސްޓަމަރުން ނުހިމެނޭނެ އެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރުމުގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު ވިޔަފާރި ކުރުމުގައި ނަގުދު ފައިސާ ބޭނުން ކުރުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކުން ހިޔާރު ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ.