24 އެޕްރީލް 2020 - 21:12

ކޮވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކޮށްފައިވުމާ އެކު ކުނި އަޅާނެ ކޮތަޅު ލިބުން ދަތިވުމުން ކޮތަޅު ވިއްކަން، ކުނި އުކާލަދޭ ކުންފުނި ވެމްކޯ އިން މިއަދު ފަށައިފި އެވެ.
ބޮޑު ސައިޒުގެ 60 ކޮތަޅުގެ ބޮނޑިއެއް ވިއްކަނީ 150ރ. އަށެވެ. އެ ކުންފުނީގެ ނަމްބަރު 7621666 އަށް ގުޅައި އޯޑަރު ދިނުމުން ދެ ދުވަސް ތެރޭ މާލެ ސަރަހައްދުގެ ގެތަކަށް ކޮތަޅު ގެންގޮސް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ވެމްކޯގެ މާކެޓިން އެންޑް ޕީއާރު އޮފިސަރު އަހުމަދު އާޒިމް ވިދާޅުވި ގޮތުގައި މިއީ ކުނި އަޅާނެ ކޮތަޅު ނެތިގެން ޝަކުވާތައް ލިބެން ފެށުމުން ވަގުތީ ގޮތުން ފެށި ހިދުމަތެކެވެ. ކޮންމެ ގޭބިސީއަކަށް ގިނަ ވެގެން އެއްފަހަރާ ވިއްކަމުން އަންނަނީ ތިން ބޮނޑި ކޮތަޅު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިއްހީ ކުއްލި ހާލަތުގެ ތެރޭގައި ދޭ ހިދުމަތެއް މިއީ. މާދަމާ އިން ފެށިގެން ޑެލިވަރީ ކޮށްދޭން ފަށާނަން،" އާޒިމް ވިދާޅުވި އެވެ.
ލޮކްޑައުންއާ އެކު އަގު ބޮޑުވި ތަކެތީގެ ތެރޭގައި ކޮތަޅު ވެސް ހިމެނެ އެވެ. ކުރިން 100ރ. އަށް ލިބުނު ކޮތަޅު ބޮނޑިއެއްގެ އަގު ބައެއް ފިހާރަތަކުން ވަނީ 200ރ. އަށް ބޮޑުކޮށްފަ އެވެ.
މުޅި މާލެ ލޮކްޑައުން ވުމާ އެކު ވެސް ގޭގެއިން އުކާލާ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ވެމްކޯ އިން އަންނަނީ ކުރަމުންނެވެ. ނަމަވެސް ކުރިއާ ހިލާފަށް މިހާރު އެޕާޓްމަންޓްތަކަށް ކުނި ބަލައި ވެމްކޯގެ މުވައްޒަފުން ނާރަ އެވެ. އެޕާޓްމަންޓްތަކުން މަގުތަކަށް ކުނި ބޭލުމުން ވެމްކޯ އިން އުކާލަދެ އެވެ.