24 އެޕްރީލް 2020 - 21:27

މުސްލިމުންނަށް އަންނަ އެންމެ ބަރަކާތްތެރި އެއް މަސްކަމުގައިވާ މާތް ވެގެންވާ ރަމަޟާން މަހަކީ ދިވެހިންގެ ތެރޭގައި ތަފާތު އާދަކާދަ ވެސް ގުޅިފައިވާ މަސްވަރެކެވެ. އަޅުކަމަށް ހާއްސަ ސަމާލު ކަމެއް ދެވޭ މި މަހުގައި މިސްކިތްތަކަށް ބާރުބޮޑުވުމުގެ އިތުރަށް ކޮންމެ ދުވަހެއްގެ ދުވާލު މަގުމަތިވެސް ފެންނާނީ ހަމަ އެފަދަ ގޮތަކަށެވެ. އެކުވެރިންނާއި އާއިލާއާ އެކު ބާއްވާ ރޯދަވީއްލުންތަކާއި ތަރާވީސް ދަމުގެ ކެއުންތަކަކީ ވެސް މި މަސްވަރު ތެރޭގައި ފާހަގަކޮށްލެވޭ ކަންކަމެވެ. ރޯދައަށް ހުންނަ ވަގުތުގައި ހަވީރު ފިންޏަށް ރޯދަ ކުރުކޮށްލަން ދުއްވާލާ، ރޯދަ ވީއްލުމަށް ފަހު، ތަރާވީހަށް ފަހު އެކުވެރިންނާ އެކު ކޮފީއަކަށް އަރާލުމަކީ ރޯދަމަހު ދިވެހިންގެ ތެރެއިން ފެންނަ އާދަކާދަ ތަކެވެ.

ހެނދުނު ހޭލުމާ އެކު އެންމެ ފުރަތަމަ ވެސް އަވަސްވެގަންނާނީ އިރު އޮއްސެންވާއިރަށް ސުފުރާމަތި ފަޅުފިލުވާލާނެ މެނޫ އަކާ ދިމާއަށެވެ. އަވަހަށް ފިހާރައަށް ތަކެތި ގަންނަން އެންމެން އެއްކޮށް ވަންނަ އިރު މުޅި ފިހާރަ ފުރި ބާރުކޮށްލަ އެވެ. ކައުންޓަރުގެ ކިއު ފިހާރައިގެ އެއް ބިތުން އަނެއް ބިތަށް ދެމިގެން ދެއެވެ.

ބާޒާރު މަތި ފެންނާނީ އަދި މިއަށްވުރެ ބާރުބޮޑުކޮށެވެ. ފަނި ގިރާނެ ތަކެއްޗާއި އެކި މޭވާތަކާއި ފަތުގެ ބާވަތްތައް ހޯދުމަށް، ލޯކަލް މާރުކޭޓު ފުރެންދެން މީހުން ފެންނަން އޮންނާނެ އެވެ.

އަސުރަށް ފަހު އާއިލާ އާއި އެކުވެރިންނާ އެކު ރޯދަ ކުރު ކުރަން ނުކުންނަ އިރު، މާލޭގެ އުސްފަސްގަނޑު ސަރަހައްދުން ކުޑައެއް ބޮޑެއް ނެތި މަޑި އަރުވަން ނުކުމެ ތިބޭ މީހުން ފެންނާނެ އެވެ. މިއީ ވެސް ރަމަޟާން މަހާ ގުޅިފައިވާ ދިވެހިންގެ އާދައެކެވެ. މުޅި މާލެ ތެރޭގައި ރޯދަ ކުރު ކުރުމަށް ގްރޫޕް ހަދާފައި ފިނި ބުރު ޖަހަން ދުއްވާ އިރު ބަންގިއަށް ކިރިޔާ ހަމަ ގެއަށް ވަދެވޭނީ އެވެ.
ނަމާދު ވަގުތުތަކުގައި މިސްކިތަކަށް ބަލާލިޔަސް ހަމަ މިފަދަ މަންޒަރުތަކެއް ފެނިގެންދާނެ އެވެ. އަދި ވަކިން ހާއްސަކޮށް ތަރާވީހް ނަމާދު ވަގުތަކީ ދެޖިންސުގެ އެންމެން ވެސް އެކަމަކަށް ސަމާލުކަން ދޭ ހާއްސަ ވަގުތެކެވެ.
އެހެންނަ މަވެސް މި އަހަރު މި މަންޒަރުތައް ފެންނާކަށް ނެތެވެ. މި އަހަރުގެ ރޯދަ މަސް އައި އިރު މުޅި ދުނިޔެ ކުރިމަތިލަމުން މިދަނީ އެއަށް ވުރެ ބިރުވެރި ހާލަތަކާ އެވެ. އެކަކު އަނެކަކާ ބައްދަލުވެ އެއްވެ އުޅުމަކީ މި ހާލަތުގައި އެންމެ ނުރައްކާތެރިކަމަށް ވަނީވެފަ އެވެ. މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 މާލެއިން ވެސް ފެނުމާ އެކު މުޅި މާލެ ލޮކްޑައުނައަކަށް ގެނެސްފައިވާ އިރު މި ހުރިހާ އެއްވުންތަކެއް ހުއްޓި އެންމެން މިވަނީ ގޭގެ ހަތަރު ފާރުތެރޭގައި ބަންދުވެފަ އެވެ.
މާލޭގެ މަގުތަކަށް މިއަދު ބަލާލި އިރު، ރޯދަކުރު ކުރުމުގެ މަންޒަރުތައް ފެނުނީ ވަރަށް ވެސް ތަފާތުކޮށެވެ. އާންމުކޮށް ފުރިފައި އޮންނަ އުސްފަސްގަނޑާ، މުޅި މާލެ ތެރެ ވެސް އޮތީ ހުހަށެވެ. މިހާ ދުވަހު ރޯދަ ކުރުކޮށްލަން ދުއްވާލަން ނުކުތް މީހުންނާއި ފޫހި ފިލުވާލާ އެކުވެރިންނާ ބައްދަލުކޮށްލަން ނުކުތް އެންމެން މިއަދު ފެންނަން ތިބީ ގޭ ބެލްކަނީތަކުގަ އެވެ.
ރޯދަވީއްލަން ކައްކާ ނިމުމަށް ފަހު އަންހެނުންނާއި ފިރިހެނުން އަދި ކުދި ބޮޑު އެންމެން ވެސް ނުކުތީ މަގުމަތި ބަލާލަން ބެލްކަންޏަށެވެ. އެހެން އަހަރުތަކުގެ ރޯދަ މަހު މުޅި މާލެ ތެރޭ ދުއްވާލެވުނަސް މިފަހަރުގެ ހާލަތު އޮތް ގޮތުން ބެލްކަނީއާ ހަމައަށް ނުކުމެލުވުން ވެފައި ވަނީ ވެސް ނަސީބަކަށެވެ.
ރޯދަކުރު ކުރުމުގެ ކަންކަން މިހާތަފާތުކޮށް ފެނިގެން ދިޔައިރު، މިސްކިތްތަކާއި ފިހާރަތަކުގެ ހާލަތުވެސް އޮތީ ހަމަ މިފަދަ ގޮތަކަށެވެ. ހެނދުނު ހޭލުމާ އެކު ރޯދަ ވީއްލަން ތައްޔާރު ކުރާނެ އެއްޗެހި ހޯދުމަށް ފިހާރަތަކުގައި ތޮއްޖެހި ކައުންޓަރުތަކުގައި ދަމާލާ ދިގު ކިއު ބަދަލުވެގެން ގޮސްފައި މިވަނީ ޑެލިވަރީގެ ހިދުމަތަށެވެ. ކޮންމެ ދުވަހަކު ހަދާނެ އެއްޗެއް އެ ދުވަހަކު ވިސްނައި އެ ހޯދަން ދިއުމުގެ ސަގާފަތް ބަދަލުކޮށް އެއް ދުވަސްކުރިން ތަކެއްޗަށް އޯޑަރު ކުރަން ޖެހިފައި މިވަނީ ޑެލިވަރީގެ ހިދުމަތް ތާށި ކަމުންނެވެ. ބާޒާރުމަތީގައި ވެސް ގޮޅިތައް ހުސްވެ ތަން އޮތީ ބަންދުކޮށްފަ އެވެ.
އެހެން މަސްތަކާ ހިލާފަށް ކޮންމެ ނަމާދު ވަގުތެއްގައި ފުރޭ މިސްކިތައް ވެސް އޮތީ ފަޅަށެވެ. ޖަމާއަތުގައި ނަމާދުކުރުން ވަނީ ހުއްޓިފަ އެވެ. ތަރާވީހް ނަމާދު ވަގުތަކީ ރަމަޟާން މަހަށް ހާއްސަ ވަގުތެކެވެ. މި ނަމާދަކީ އެތައް ބަޔަކު އިސްކަމެއް ދީގެން ޖަމާއަތުގައި ކުރާ ނަމާދަކަށް ވާއިރު މި ރަމާޟަން މަހު އެކަން ވެސް މިވަނީ ހުއްޓިފަ އެވެ.
މި އަހަރުގެ ރަމަޟާން މަހާ ބައްދަލުކުރި އިރު، މިއީ ރަމަޟާން މަހެއް ކަމުގެ އިހުސާސް ކުރެވޭލެއް ކުޑަ އެވެ. މަގުތައް ފަޅުވެ ދިވެހިންގެ އާދަކާދަތައް ބަދަލުވެ މިއަދު މި ތިބީ މުޅިން އާ ގޮތަކަށް ހޭނެން މަޖުބޫރު ވެފަ އެވެ.