24 އެޕްރީލް 2020 - 18:13

ޑާކާ (އެޕްރީލް 24) - ކޮވިޑް-19 އަށް ފަރުވާ ދިނުމުގައި ކުރީ ސަފުގައި މަސައްކަތް ކުރި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ޑޮކްޓަރުން ކޮރޯނާވައިރަހަށް ޕޮޒިޓިވެފައިވާ ކަމަށް އެ ގައުމުގެ ޑޮކްޓާސް ފައުންޑޭޝަން (ބީޑީއެފް) އިން ބުނެފި އެވެ.
ބީޑީއެފް އިން ބުނީ ބުރާސްފަތި ދުވަހާ ހަމައަށް 251 ޑޮކްޓަރުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ގިނަ ޑޮކްޓަރުން ބައްޔަށް ހުށަހެޅެނީ އެކަށީގެންވާ މިންވަރަށް ޕާސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓް (ޕީޕީއީ) ނެތުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 200 ވަރަކަށް ޑޮކްޓަރުން ޕޮޒިޓިވްވެފައި ވަނީ ވެރިރަށް ޑާކާ އިންނެވެ.
ބަންގްލަދޭޝް އިން ޑޮކްޓަރަކު ޕޮޒިޓިވްވެއްޖެ ނަމަ ކަރަންޓީން ކުރުމަށް ފަހު އެ ޑޮކްޓަރަކު މަސައްކަތް ކުރި ވޯޑް ވަގުތީ ގޮތުން ބަންދު ކުރެ އެވެ.
ވޯލްޑް ބޭންކުގެ ހިސާބުތައް ދައްކާ ގޮތުން 2017 ވަނަ އަހަރު ބަންގްލަދޭޝްގެ އާބާދީގެ ކޮންމެ 1،000 މީހަކަށް ތިބީ 0.5 ޑޮކްޓަރުންނެވެ.
ބަންގްލަދޭޝް އިން މިހާތަނަށް ވަނީ 4,689 މީހުން ޕޮޒިޓިވްވެ 131 މީހުން މަރުވެފަ އެވެ.