24 އެޕްރީލް 2020 - 17:48

މި އަހަރުގެ ރޯދަ މަހާ މުސްލިމުން ކުރިމަތިލީ އިރު އަޅުކަމުގެ އާދަތަކަށް ވަނީ ބޮޑު ބަދަލެއް ގެންނަން ޖެހިފަ އެވެ. ދުނިޔޭގެ މުސްލިމުންގެ 1.8 ބިލިއަން އާބާދީ ވަނީ ގޭގައި ތިބެން ޖެހިފަ އެވެ.

ގާތްގަނޑަކަށް މުސްލިމް ހުރިހާ ގައުމެއްގައިހެން ވަނީ ރޯދަ މަހު ވެސް މިސްކިތްތައް ބަންދުކޮށްފަ އެވެ. ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތައް ވަނީ ގޭގައި ކުރަންޖެހިފަ އެވެ. ރޯދަ މަހު މުސްލިމުންގެ ގިނަ ބަޔަކު ޖަމާއަތުގައި ކުރާ ތަރާވީހް ނަމާދު ވެސް މި ފަހަރު ވަނީ ގޭގައި ކުރަންޖެހިފަ އެވެ. މިސްކިތްތަކާއި އެހެން ވެސް ތަންތަނުގައި ބާއްވާ ރޯދަ ވީއްލުމުގެ ޖާފަތްތައް މި ފަހަރަކު ނޯންނާނެ އެވެ.

މައްކާގެ މަސްޖިދުއްލް ހަރާމް އާއި މަދީނާގެ މަސްޖިދުއް ނަބަވީ އަދި ގުދުސްގެ މަސްޖިދުލް އަގްސާ އަކީ މީގެ ކުރީގެ ރޯދަ މަސްތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މީހުން ޒިޔާރަތްކުރާ ތަންތަނެވެ. ނަމަވެސް މައްކާ އާއި މަދީނާގެ ހަރަމްފުޅުގައި ފަރްޟް ނަމާދުތަކާއި ތަރާވީހް ނަމާދު ކުރި ނަމަވެސް ޖަމާއަތުގައި ބައިވެރިވަނީ އެ މިސްކިތްތަކުގެ މުވައްޒަފުން އެކަންޏެވެ. މުސްލިމުންގެ އެންމެ މުގައްދަސް ދެ މިސްކިތުގައި ކުރާ ތަރާވީހް ނަމާދު ވަނީ 10 ރަކުއަތަށް ކުރުކޮށްފަ އެވެ.

ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާގެ އަސޭ ޕްރޮވިންސްގައި އެތައް ބަޔަކު ރޭ ވަނީ ތަރާވީހު ނަމާދު މިސްކިތުގައި ޖަމާއަތުގައި ކޮށްފަ އެވެ. އިންޑޮނީޝިއާ ސަރުކާރުން އަންގާފައިވާ ގޭގައި ނަމާދު ކުރުމަށާއި ސޯޝަލް ޑިސްޓެންސިންއާ ޚިލާފަށް ތަރާވީހު ނަމާދުގައި މީހުން ތިބީ ގައިގޯޅިކޮށެވެ. އަސޭ އަކީ އިސްލާމީ ޝަރީއާގެ އުސޫލުތައް ތަންފީޒްކުރާ ޕްރޮވިންސެކެވެ.

ޕާކިސްތާނުގައި ރޯދަ މަސް ފަށަނީ ހޮނިހިރު ދުވަހު ކަމަށް ވިޔަސް އެ ގައުމުގެ ބައެއް ދީނީ ލީޑަރުން ވަނީ ރޯދަ މަހު މިސްކިތްތަކަށް ދާނެ ކަމަށް ބުނެފަ އެވެ. ކޮރޯނާވައިރަސް ފެތުރޭތީ ޕާކިސްތާނުގެ މިސްކިތްތައް ބަންދު ކުރި ނަމަވެސް، އެ އަމުރާ ޚިލާފުވެ އެތައް ބަޔަކު ވަނީ މިސްކިތަށް އަރައިފަ އެވެ. ރޯދަ މަހު ޕާކިސްތާނުގެ މިސްކިތްތައް ހުޅުވާތީ، އެ ގައުމުގެ ޑޮކްޓަރުންގެ ޖަމިއްޔާ އިން ވަނީ އެކަމާ ދެކޮޅަށް އިންޒާރުދީފަ އެވެ.




