26 އެޕްރީލް 2020 - 09:51

ދުވަހަކު ވެސް އެޑަލްޓް ކޮމެޑީއެއް ނުކުޅޭނެ ކަމަށާއި އެ ސްޓައިލްގެ ފިލްމުތަކާ އެހާ ގަޔާނުވާ ކަމަށް ޖޯން އަބްރަހަމް ބުނެފި އެވެ.
އެކްޝަން ހީރޯއެއްގެ ގޮތުގައި ބެލުންތެރިން ލޭބަލްކޮށްފައިވާ އެކްޓަރު ބުނިގޮތުގައި އެޑަލްޓް ކޮމިޑީ އަކީ ކުޅެން އެހާ ހިތްހަމަޖެހޭ ޖޯންރާއެއް ވެސް ނޫނެވެ.
"އެހެންވެ ދުވަހަކު ވެސް އެކަހަލަ ފިލްމަކަށް އެއްބަހެއް ނުވާނަން،" ފިލްމު އިރޮޓިކް ތުރިލާ "ޖިސްމު" އިން 2003 ގައި ބޮލީވުޑަށް ނުކުތް ޖޯން ބުންޏެވެ.
އޭނާ ބުނި ގޮތުގައި ގިނަ ޖޯންރާތަކުގެ ފިލްމުތައް ތަޖުރިބާކުރަން ބޭނުންވާ އެވެ. އެގޮތުން ދެން އެންމެ ބޮޑަށް ކުޅެން ބޭނުންވަނީ ބިރުވެރި ފިލްމެއް ކަމަށް ބުންޏެވެ. ޖޯން، 47، ކުރިން ވަނީ ސުޕަނެޗްރަލް ހޮރޯއެއްގައި މަސައްކަތްކޮށްފައިވެ އެވެ. އެއީ 2005 ވަނަ އަހަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ގެނެސްދިން "ކާލް" އެވެ.
މި ފަހުން ގިނައިން އެކްޝަން ރޯލްތަކުން ފެންނަ ޖޯންގެ އެންމެ ފަހުން ސްކްރީނަށް އައި ފިލްމަކީ ކޮމެޑީއެކެވެ. އެއީ މިދިޔަ އަހަރުގެ ފަހުކޮޅު ރިލީޒްކުރި "ޕާގަލްޕަންތީ" އެވެ.
މި އަހަރަށް ޖޯންގެ ތިން ފިލްމެއް ތާވަލުކޮށްފައި އޮތް އިރު، އެ ތިން ފިލްމަކީ ވެސް އެކްޝަން ފިލްމުތަކެވެ. އެއީ "މުމްބާއީ ސާގާ" އާއި "އެޓޭކް" ގެ އިތުރުން "ސަތިއަމޭވް ޖަޔަތޭ 2" އެވެ.