ސީޒަން ކެންސަލްކުރެވިދާނެ އެކަމަކު ޝަރުތަކާ އެކު
ސީޒަން ކެންސަލްކުރެވިދާނެ އެކަމަކު ޝަރުތަކާ އެކު

ޒިއުރިކް (އޭޕްރީލް 24) - ކޮރޯނާވައިރަހުގެ ސަބަބުން މެދުކަނޑާލާފައިވާ ޔޫރަޕް ގައުމުތަކުގެ ފުޓްބޯޅަ ސީޒަނާ މެދު ގޮތެއް ނިންމުމުގެ އިހުތިޔާރު އެ ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކަށް އެބައޮތް ކަމަށާއި އެކަމަކު ޔުއެފާގެ ވަކި ޝަރުތުތަކެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެފި އެވެ.

ޔުއެފާ އިން މި ގޮތަށް ނިންމީ ގިނަ ގައުމުތަކުން ކޮރޯނާވައިރަހާ ހެދި މި ފަހަރުގެ ފުޓްބޯޅަ ސީޒަން މިހާރު އޮތް ހިސާބުން ނިންމާލަން ޔުއެފާގެ ލަފަޔަކަށް އެދެމުން އަންނާތީ އެވެ.

ޔުއެފާ އިން އިއްޔެ ބޭއްވި ވީޑިއޯ ކޮންފަރެންސެއްގައި ބުނީ އަލުން ފަށާނެ އެއްވެސް ގޮތެއް ފެންނަން ނެތް ގައުމުތަކަށް ސީޒަން މިހާރު އޮތް ހިސާބުން ނިންމާލުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެކަމަކު ލީގުގެ މަގާމުތަކާ މެދު ގޮތެއް ކަނޑައަޅަން ޖެހޭނީ ކުޅިވަރުގެ އުސޫލުގެ ތެރެެއިން ކަމަށެވެ. އެ ގޮތުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމުގައި ޕްލޭއޮފް މެޗުތަކެއް ރޭވިދާނެ ކަމަށާއި ކޮންމެ ގޮތަކަށް ނިންމި ނަމަވެސް ލީގުގެ މަގާމުތައް ކަނޑައަޅަން ޖެހޭނެ ކަމަށް ޔުއެފާ އިން ވަނީ އަންގައިފަ އެވެ.

ސީޒަން މިހާރު އޮތް ހިސާބުން ނިންމާލަން މަސައްކަތްކުރާ ތިން ގައުމަކީ ނެދަލެންޑްސް އާއި ބެލްޖިއަމް އަދި ސްކޮޓްލެންޑް އެވެ.

ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް. ގިނަ ބަޔަކު އެއްވެ އުޅޭ ގޮތަށް ކުރިއަށްދާ އެއްވެސް އިވެންޓެއް ކުރިއަށް ނުގެންދަން ނެދަލެންޑްސްގެ ސަރުކާރުން އަންގާފައިވުމާ އެކު އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފުޓްބޯޅަ ސީޒަން މިހާރު އޮތް ހިސާބުން ނިންމާލަން އަމާޒުހިފައިފަ އެވެ. މިހާރު އޮތްގޮތަށް ނެދަލެންޑްސްގެ ލީގު ނިންމާލައިފިނަމަ ޗެމްޕިއަންކަން ލިބޭނީ އަޔަކްސް އަށެވެ. ސީޒަނުގައި ބާކީ ނުވަ މެޗު ނުކުޅެ އޮތްއިރު އަޔަކްސް އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އޭޒެޑް އަލްކްމާރްއާ އެއްވަރަށް ޕޮއިންޓް ހޯދާފައިވީ ނަމަވެސް ލަނޑުގެ ތަފާތުންނެވެ. އޭޒެޑް އަލްކްމާރުން ވަނީ މި ފަހަރު ލީގުގައި ކުޅުނު ދެ މެޗުން ވެސް އަޔަކްސް ބަލިކޮށްފަ އެވެ. ސީޒަން މިހާރު އޮތް ހިސާބުން ކެންސަލްކުރާނަމަ އަލްކްމާރު ބޭނުންވަނީ ޗެމްޕިއަންކަން ހޯދަން ވަކި މެޗެއް އަޔަކްސްއާ އެކު ކުޅޭ ގޮތަށް ހެދުމަށެވެ.

ބެލްޖިއަމުން ވަނީ ލީގު ކެންސަލްކޮށް އެއް ވަނައިގައި އޮތް ބްރޫޖަށް ތަށި ދޭން ނިންމައިފަ އެވެ. ސްކޮޓްލެންޑުން ވަނީ ފުރަތަމަ ޑިވިޝަން ފިޔަވައި ދަށް ލީގުތަށް ނިންމާލަން ކްލަބްތަކުގެ މެދުގައި ނެގި ވޯޓަކުން ފާސްކޮށްފަ އެވެ. އަދި އެ ގޮތަށް ސްކޮޓްލެންޑްގެ ފުރަތަމަ ޑިވިޝަން ވެސް ނިންމާލަން އެ ގައުމުގެ ޕްރޮފެޝަނަލް ލީގުގެ ބޯޑުން އަންނަނީ މަސައްކަތްކުރަމުންނެވެ. މިހާރު އޮތްގޮތަށް ސްކޮޓްލެންޑް ލީގު ނިންމާލައިފިނަމަ ޗެމްޕިއަންކަން ދޭން ޖެހޭނީ ސެލްޓިކަށެވެ.

ޔޫރަޕްގެ ވަރުގަދަ ލީގުތައް އަންނަނީ އަލުން މެޗުތައް ފަށަން މަސައްކަތްކުރަމުންނެވެ. އެކަމަށް އެންމެ ބާރު އަޅާ ގައުމު ތަކަކީ އިންގްލެންޑާއި ޖަރުމަނާއި ފްރާންސްގެ އިތުރުން އިޓަލީ އެވެ. މީގެން ކޮންމެ ގައުމަކުން ވެސް ލީގު އެއްކޮށް ނިންމާލަން އެންމެ ބޭނުންވާ ސަބަބަކީ ކްލަބްތަކަށް މާލީ ގޮތުން ލިބޭ ގެއްލުންތައް ކުޑަކުރުމެވެ. ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށްގެންދަން މި ގައުމުތަކުން މެޗުތައް ބާއްވާއިރު އެންމެ ބޮޑަށް ބަރޯސާވާނީ ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އަށެވެ.

އެންމެ އަވަހަށް އަލުން ފެށޭނެ ކަމަށް ބެލެވެނީ ޖަރުމަނު ލީގެވެ. ލީގު ބޯޑުން އަންނަ މަހުގެ ނުވަ ވަނަ ދުވަހު އަލުން ފަށަން ނިންމާފައިވާ ނިންމުމަށް މި ހަފްތާ ތެރޭ ޖަރުމަނު ސަރުކާރުން ގޮތެއް ކަނޑައަޅާނެ އެވެ. އިޓަލީން ވަނީ އޮގަސްޓް ދެ ވަނަ ދުވަހާ ހަމައަށް ސީޒަން ދަންމާލަން ނިންމައިފަ އެވެ. އަދި އިންގްލެންޑުން ބޭނުންވަނީ ލަސްވެގެން ޖުލައި މަހުގެ 20 ގެ ކުރިން ހުރިހާ މެޗެއް ނިންމާލުމަށެވެ.

ޔުއެފާގެ ދެ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ފެށުން ގާތީ އޮގަސްޓް މަހުގެ ތެރޭ ކަމަށް ގިނަ ރިޕޯޓްތައް ބުނެ އެވެ.