ކޮވިޑް-19އާ ހެދި ލިވަޕޫލްގެ ޓްރާންސްފާ އުސޫލަށް ބަދަލެއް
ކޮވިޑް-19އާ ހެދި ލިވަޕޫލްގެ ޓްރާންސްފާ އުސޫލަށް ބަދަލެއް

ލަންޑަން (އޭޕްރީލް 24) - ކޮވިޑް-19 ގެ ސަބަބުން ލިވަޕޫލަށް ދިމާވެފައިވާ މާލީ ދަތިކަމަށް ލުޔެއް ހޯދުމުގެ ގޮތުން، އަންނަ ޓްރާންސްފާ ބާޒާރުގައި ހަރަދުކުރުމުގެ ވިސްނުން ބަދަލުކުރަން މަޝްވަރާކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނަށް ފަހު ލިވަޕޫލުން އެ ޓީމުގެ ބައެއް ކުޅުންތެރިން ދޫކޮށްލަން ކުރިން ނިންމި އެވެ. އޭގެ ތެރޭގައި މި ސީޒަނަށް ފަހު ކޮންޓްރެކްޓް ހަމަވާ އިނގިރޭސި މިޑްފީލްޑަރު އެޑަމް ލަލާނާގެ އިތުރުން ބޭނުންވާ މިންވަރަށް ކުޅުމުގެ ފުރުސަތު ނުލިބޭތީ ޓީމު ދޫކޮށްލަން ބޭނުންވެފައިވާ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޭޔާން ލޮވްރެން އަދި ސްވިޒަލެންޑްގެ ވިންގް ޒެރްޑަން ޝަގީރީ ހިމެނެ އެވެ. މި ކުޅުންތެރިން ވިިއްކާލަން ކުރިން ލިވަޕޫލުން ނިންމި ނަމަވެސް އާ ކުޅުންތެރިންނަށް ކުރާ ހަރަދު ދަށްކޮށް މި ކުޅުންތެރިން ކްލަބްގައި މަޑުކުރުވާ ގޮތަށް ހަދަން ލިވަޕޫލުން އަންނަނީ މަޝްވަރާކުރަމުންނެވެ.

ލިވަޕޫލުން ވަނީ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ކްލަބްގެ ބައެއް ސްޓާފުން ނޯޕޭ އަށް ފޮނުވާލައި ސަރުކާރުގެ ސްކީމްތެރޭގައި ބައިވެރިވާން ފުރަތަމަ ނިންމައިފަ އެވެ. އެކަމަކު އެ ނިންމުމަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމާ އެކު އެ ނިންމުން ބަދަލުކޮށް ކްލަބްގެ ހުރިހާ ސްޓާފުންނަށް މުސާރަ ދޭން ނިންމި އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ކުރިން ބެލެވިފައި އޮތް ގޮތުން ޓްރާންސްފާ މާކެޓްގައި ލިވަޕޫލުން މަދުވެގެން 100 މިލިއަން ޕައުންޑް ހަރަދުކުރާނެ އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން ކްލަބުގެ ހަރަދަށް ގެންނަ ބަދަލާ އެކު އެ އަދަދު ވަރަށް ބޮޑަށް ކުޑަކުރާނެ އެވެ. ޖަރުމަނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ބޮޑު އަގެއް ދީފައި މި ފަހަރު ގަންނާނެ ހަމައެކަނި ކުޅުންތެރިއަކީ އާރްބީ ލިޕްޒިގަށް ކުޅެމުން އަންނަ ވިންގް ޓިމޯ ވާނާ އެވެ. ވާނާ ގަންނަން ބޭނުންނަމަ ލިވަޕޫލުން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން 52 މިލިއަން ޕައުންޑް ދޭން ޖެހެ އެވެ.

ބްރެޒިލްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން އަންނަނީ ޗެލްސީ އަށް ކުޅޭ ވިލިއަން ހޯދަން ވެސް މަޝްވަރާކުރަމުންނެވެ. ޗެލްސީއާ އެކު ވިލިއަން ހަދާފައިވާ ކޮންޓްރެކްޓް މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. ވިލިއަން ވަނީ ޗެލްސީގައި މަޑުކުރުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފަ އެވެ. އުމުރުން 31 އަހަރުގެ ވިލިއަން ހޯދަން ބާސެލޯނާ އިން ވެސް މަސައްކަތްކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލުން ވިލިއަން އަށް ފާރަލުމަކީ ވެސް އެ ކްލަބްގެ ޓްރާންސްފާ ޕޮލިސީ އަށް ގެނެވުނު ބަދަލުގެ ތެރެއިން ކުރެވޭ ކަމެކެވެ. އެއީ ހިލޭ ޓްރާންސްފާގެ ދަށުން ކުޅުންތެރިން ގެނެސް ސްކޮޑް ވަރުގަދަކުރުމެވެ.