ފަހު ސަލާމް
ފަހު ސަލާމް

އެޕާޓްމަންޓްގެ ބޭރު ދޮރުގައި ޓަކި ޖަހާތާ ކިހާ އިރެއް ވެއްޖެ ހެއްޔެވެ؟ އަހަންނަށް ހޭލެވުނީ އެ އަޑަށް ކަމެއް، ނުވަތަ ނުނިދިގެން ކަމެއް ބުނާކަށް ނޭނގެ އެވެ. އެނދުން ތެދުވެ ބަލައިލި އިރު، ކޮޓަރީގެ ދޮރު ހުރީ، އާންމުކޮށް އަހަރެމެން ނިދާ އިރު ބަހައްޓާ ވަރަށް، ކުޑަކުޑަކޮށް ހުޅުވައިފަ އެވެ.

އޭރު ވެސް ބޭރު ދޮރުގައި ޓަކި ޖަހާ އަޑު އިވެ އެވެ. އަހަރެންގެ އަތުގައި އަޅާފައި އޮތް އެޕަލް ގަޑިއަށް ބަލައިލި އިރު ދަންވަރު ދޭއް ޖަހާ ބޮޑުވެއްޖެ އެވެ.

މި ގަޑީގައި ދޮރުގައި ޓަކި ޖަހާނީ ކަމެއް ވެގެންނެވެ. އަވަހަށް ތެދުވެ، ގޮސް ދޮރު ހުޅުވާލީމެވެ. ކުރިމަތީގައި ހުރީ، ފިލްމުތަކުން ފެންނަ ކަހަލަ، ނުރައްކާތެރިކަން ބޮޑު ތަހުލީލުތައް ކުރާ ލެބޯރަޓަރީއެއްގައި ސައިންސްވެރިން އަޅާ ސަލާމަތީ ހުރިހާ އާލާތްތަކުން ފޮރުވިގެން ހުރި މީހެކެވެ. އޭގެ އިތުރު ދެ މީހަކު، އަހަރެންގެ އެޕާޓްމަންޓްގެ ކުރިމައްޗަށް ހުރި އެޕާޓްމަންޓް ދޮރު ކައިރީގައި ތިއްބެވެ. ހީވާ ގޮތުގައި އިތުރު ބަޔަކު އެތެރޭގައި ހަރަކާތްތެރިވެ އެވެ.

އަހަރެން އުޅޭ އިމާރާތަށް ކޮރޯނާވައިރަސް ވަދެއްޖެކަން އެހާ ހިސާބުން ޔަގީންވި އެވެ.

އެންމެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ހިމެނިގެން، އަހަންނާއި އަންހެނުންގެ ސާމްޕަލް ނެގުމާއި ދެ ގަޑިއިރުގެ ތެރޭގައި ވަކި އެއްޗެއް އަންގާނެ ވާހަކަ ބުނުމާއި ގެއިން އެ އެންމެން ނުކުމެގެން ދާން ބައިގަޑިއެއްހާ އިރު ވި އެވެ.

ޔުސްރާ ގެންދިޔަ ތަނެއް އަހަންނެއް ނުދެކެމެވެ.

މަގު މައްޗަށް ވާ ގޮތަށް ހުރި ބެލްކަންޏަށް ނުކުމެވެނީ އަހަރެެމެންގެ ނިދާ ކޮޓަރި ތެރެއިންނެވެ. އެކަމަކު ސިޓިން ރޫމްގައި، ރުޅިހަދައިގެން އިން އަންހެނުންގެ ނަޒަރުން ނެއްޓި، ބޭރު ބަލައިލުމުގެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ނިދިން ހޭލައްވައިލުމާއި ވެގެން އުޅޭ ގޮތް ރޭކާލާން އަންހެނުންނަށް ކުޑަ ވަގުތުކޮޅެއް ނެގި އެވެ. ނިދީގެ މަސްތުކަން ފިލައިގެން ދިޔުމާ އެކު، އޭނާއަށް ވާނެ ގޮތް އަހަންނަށް އެނގެ އެވެ. އެހެންކަމުން އެއްޗެއް ނުބުނެ، ސުވާލެއް ނުކޮށް، ހުރިހާ ކަމެއް ނިމެންދެން މަޑުކޮށްލީ އެވެ. ނުދަންނަ ބައެއްގެ ތެރޭގައި ޒުވާބެއް ފެށުމަށް ވުރެ ލަދުވެތިކަމެއް މަށަކަށް ނެތެވެ. "ބިރުނުގަންނާށޭ، ހުރިހާ ކަމެއް ރަނގަޅުވާނޭ" ފަދަ ހެޔޮ ނިޔަތުގައި ބުނެލާ ވާހައެއް ވެސް، އެގަޑީގައި، އަންހެނުން ނަގާނީ ނުބައިކޮށްކަން، އަހަންނަށް ޔަގީނެވެ.

ރުޅިއައިސް އޭނާ އިނީ "މިކަން މިގެއަށް ލައިގަންނާނޭ،" ކަމަށް ބުނެ ކޮންމެ ދުވަހަކު ކަހަލަ ގޮތަށް އަންހެނުން ގޮވަމުން ދިޔަ އެތިވަރު ދިމާވުމުންނެވެ. ވަޒީފާގެ ގޮތުން އަހަރެން ޑިއުޓީއަށް ނުކުންނަން މަޖުބޫރެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް އަށް ގަޑިއިރު، ބައެއް ދުވަސް ދުވަހު 12 ގަޑިއިރު ވެސް އޮފީހުގައި އުޅެން ޖެހެ އެވެ.

އެކަމަކު އަހަރެންގެ ހަށިގަނޑުގައި ކޮރޯނާވައިރަސް ހުރި ކަމެއް އަދި ޔަގީނެއް ނޫނެވެ. ޔުސްރާ ޕޮޒިޓިވް ވެއްޖެ އެވެ. އޭނާ އެކަހެރިކުރަން ގެންގޮސްފި އެވެ. އަހަރެމެން ދެ މީހުންގެ ސާމްޕަލް ނެގީ، ކޮވިޑް-19 ބަލީގެ މީހަކާ އެހާ ކައިރީގައި އުޅޭ ބަޔަކަށް ވުމުން، ފުރުސަތު އޮވެދާނެތީ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ޔުސްރާގެ އެޕާޓްމަންޓް ކުރިމަތީގައި އަހަރެމެން އުޅޭތީ އެވެ.

"އެ އަންހެން މީހާއަށް ވާނީ އެހެންނޭ، އެކަންޏޭ މުޅި އުމުރު އެ އުޅެނީ، ތަންތަނުގައި ތެޅިފައި އަހަރެމެންނަށޭ ހުރިހާ އުނދަގުލެއް މި ލައިގަންނަނީ" ފަދަ ބަސްތަކުން، އަންހެނުންގެ ރުޅި ދޭތެރެ ދޭތެރެއިން ކޮންޓްރޯލުން ނެއްޓެ އެވެ. އެއްވެސް އެއްޗެއް ނުބުނެ އަހަރެން އިނީ އެވެ. ދެ ހަފުތާ ވަންދެން ސަރުކާރުގެ ހަރަދުގައި، އަންހެނުންނާ ދުރުގައި، މަޑުކޮށްލުމަކީ މި ވަގުތު ލިބޭނެ ބޮޑު ހަދިޔާއެކޭ އަހަރެންގެ ހިތަށްއެރި އެވެ. އެއީ ކިތައްމެ އަމިއްލަ އެދުން ބޮޑު ޚިޔާލަކަށް ވިޔަސް، މިދިއަ ދެ އަހަރު ހޭދަކުރި ޒުވާބުތަކުގެ ހަނދާންތަކުން އަހަންނަށް ކުށުގެ އިހުސާސެއް ނުކުރެވެ އެވެ.

ސަރުކާރުގެ ނިންމުމާ ދެކޮޅަށް ކުރެވޭނެ އެއްވެސް ކަމެއް ނެތަސް، އަހަންނަށް އަޑުއިވެމުން ދިޔައީ "މަށެއް އެއްވެސް ތަނަކަށް ނުދާނަން،" "ނިކަން އާދެ ބަލަ މިގެއަށް މަ ބަލާ!"، މިކަހަލަ ހަރުކަށި އިންޒާރުތަކެވެ.

އަންހެނުންނަކީ ރުޅިގަދަ މީހެކެވެ. އަހަންނަށް ވަރަށް ހެޔޮ ވެސް އަންބެކެވެ. އެކަމަކު އެ ހެޔޮކަމާއި ބައެއް ފަހަރަށް އިހުސާސްކޮށްދޭ ލޯބިވެތިކަން، ކޮންމެ ދުވަހަކު އޮއްސާލައި ރުޅިވެރި ބަސްތަކުން އޮންނަނީ ފޮރުވިފަ އެވެ. އެހެންކަމުން ނޭނގި ނަމަވެސް ދެ މީހުންގެ ދެމެދުގައި ދުރުމިނެއް އުފެދެން ފެށިތާ ދުވަސްތަކެއް ވެއްޖެ އެވެ.

ބައެއް ފަހަރަށް ޔުސްރާއޭ ކިޔައިގެން ވެސް އެއްޗެހިތަކެއް ގޮވާލަފާނެ އެވެ. އެކަމަކު އަހަރެެމެންގެ ދިރިއުޅުމުގެ ތެރެއަށް އެއްގޮތަކަށް ވެސް އޭނާ ވަދެފައެއް ނުވެ އެވެ. ލިފްޓުން ދިމާވާ މަދު ފަހަރެއްގައި ވެސް، އަހަރެމެންނާ ދިމާއަށް ހިނިތުންވުން ފިޔަވައި، އިތުރު ކަމެއް ނުކުރެ އެވެ. އެ ހިނިތުންވުމަށް އަހަރެން ވެސް ހީލަމެވެ. އަންހެނުން ހުންނާނީ އެހެން ދިމާލަކަށް ބަލަހައްޓައިގެންނެވެ. އެކަމަކު އެޕާޓްމަންޓަށް ވަނުމާ އެކު، "ދެން ހަމަ އަންހެނަކު ހީލާ ކޮންމެ ފަހަރަކު ކަލޭ ވެސް ހީނލަން ޖެހޭހޭ" އަހާނެ އެވެ.

އެއީ އަހަންނަށް ބަދަލުކޮށްލެވުނު މިޒާޖެއް ނޫނެވެ. ނަސޭހަތް ދިނަސް، ރީތި ގޮތް ބުނެދިނަސް، އެ ގަބޫލެއްނުކުރެ އެވެ. އެހެންކަމުން އަހަރެން ނިންމައިގެން ހުންނަނީ ރައްދުނުދޭށެވެ. ކިޔައި އެއްޗެއް ކިޔަން ދޫކޮށްލާށެވެ.

އެއީ އަހަރެންގެ ކައިވެނީގައި، އަހަންނަށް އޮތް ގޮތެވެ.

ދެ ގަޑިއިރު ފަހުން، އެޗުޕީއޭގެ ފޯން ކޯލް އަ އެވެ. އަހަރެން ޕޮޒިޓިވްވެ، އެކަހެރިވާން ތައްޔާރުވާން އެންގީ އެވެ. އަންހެނުން ނެގެޓިވްވެ، އެކަމަކު 14 ދުވަސް ވަންދެން އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމުގެ އަމުރެވެ.

ޔުސްރާއަކީ ރީތި އަންހެނެކެވެ. ޓައިޕް އެކެއް، ހަކުރުބަލީގެ މީހެކެވެ.

ގެއިން އެކަނި ދިމާވާ ފަހަރުތަކުގައި އަހަރެން އޭނާއާ ވާހަކަ ދައްކަމެވެ. އެއް ފަހަރަކު ކޮފީއަކަށް ވެސް ދިޔައިމެވެ. އަހަރެމެން ދެ މީހުން ވަކިން ބައްދަލުވި ހަމައެކަނި ފަހަރަކީ އެ އެވެ. ކަން ދިމާވި ގޮތުން އޮފީސް ފިރިހެން ކުއްޖަކު ކައިވެނިކުރީ ޔުސްރާއާ އެކު އެއް ސްކޫލެއްގައި އުޅޭ ޓީޗަރަކާ އެވެ. ރާނބާ ރެސްޓޯރެންޓްގެ ފުރަތަމަ ބުރީގައި އޮތް ހަވީރު ސަޔަށް ފަހު، އެތަނުން ނުކުންނަން ހިނގައިގަނެވުނީ އަހަރެމެން ދެ މީހުންނަށް އެއް ފަހަރާ އެވެ. ދެން ކުޑަކޮށް ވާހަކަ ދައްކަމުން ގޮސް، ކޮފީއެއް ބޯލަންވީ ނޫންހޭ އަހާލެވުނީ ވެސް އަހަންނަށެވެ.

ދެ މީހުން މޭޒެއް ނެގީ އެންމެ ތިރިންނެވެ. ދެކެވުނީ އަހަރެން ކުރާ މަސައްކަތާއި ޔުސްރާގެ ޓީޗިންގެ ތަޖުރިބާ އެވެ. އޭނާއަކީ ފިޒިކްސްގެ ދާއިރާ އިން މާސްޓާޒް ޑިގްރީ ހަދާފައި ހުރި އަދި މަޖީދިއްޔާ ސްކޫލްގެ މަޝްހޫރު ފިޒިކްސް ޓީޗަރެކެވެ.

އެކަނި އުޅެނީ ކީއްވެގެންތޯ، މީހަކާ އިންތޯ، ނީންނަންތޯ، ލޯބިވެރިއެއް ހުރޭތޯ ނުވަތަ ނެތްތޯ ފަދަ އެއްވެސް ސުވާލެއް އަހަރެން ނުކުރަމެވެ. އެކަމަކު އެ ދުވަހު ދެ މީހުން އެކަކު އަނެކަކަށް ފޯނު ނަންބަރު ދިނެވެ.

އެހާ މައްޗަށް ކިޔަވައިގެން ހުރި އަދި މަޝްހޫރު ޓީޗަރަކު އެކަނި އުޅެނީ ކީއްވެގެންހޭ އަހަރެންގެ ހިތަށްއަރަ އެވެ. އޭނާގެ ލޯބިވެރިޔާ އަދިވެސް ބޭރުގައި ކިޔަނީ ކަމަށް ވެދާނެއޭ، ބައެއް ފަހަރު ހީވެ އެވެ.

އެކަމަކު ކޮވިޑް-19ގެ އަލާމާތްތައް ފެނި، ޓެސްޓް ހެދުމުން ރާއްޖެ އިން ފުރަތަމަ ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނި، ޔުސްރާ އެކަހެރި ކުރުމާ ހަމައަށް، އޭނާގެ އެޕާޓްމަންޓަށް އެއްވެސް ފިރިހެނަކު ޒިޔާރަތްކުރި ތަނެއް އަހަންނެއް ނުދެކެމެވެ. ބައެއް ފަހަރަށް އޭނާގެ އެކުވެރި އަންހެން ޓީޗަރުން އެ އެޕާޓްމަންޓަށް އައިސް ގޮސް އުޅެ އެވެ.

އަހަރެން ގެންދިޔައީ ހަމައެކަނި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ހާއްސަ ފެސިލިޓީއެއްގެ ގޮތުގައި ހަމަޖައްސާފައި އޮތް ރިސޯޓަކަށެވެ. އޭރު އެތަނުގައި، ސިއްހީ ބައެއް އެހީތެރިން ބުނި ގޮތުން ނަމަ، 20 މީހުން ތިއްބެވެ. ކޮންމެ މީހަކަށް ގެސްޓް ރޫމެކެވެ. އަހަރެން ރޫމަށް ގެންދިޔަ އިރު، ބައެއް ރޫމްތަކުގެ ބޭރު ގޮނޑީގައި، އަހަރެން ކަހަލަ "ބަލިމީހުން" ހިނިތުންވެފައި ތިއްބެވެ. ރީތި ރިސޯޓެއްގައި، ކުރިމަތީގައި އޮތް ހިތްގައިމު ގޮނޑުދޮށާއި މޫދަށް ނަޒަރު ހުއްޓާލުމުގެ ފުރުސަތު ދެ ހަފުތާއަށް އެ އޮތީ ލިބިފަ އެވެ.

ބަލި ބޮޑުވެގެން، ހޮސްޕިޓަލަށް ގެންދަން ނުޖެހޭހާ ހިނދަކު، މި އެކަހެރިކުރުމުން ގިނަ މީހުންނަށް އިހުސާސްކުރެވޭނީ ހިތްހަމަޖެހުމެވެ. ޗުއްޓީއެއްގެ އުފަލެވެ.

ޔުސްރާ ގެންދިޔައީ ކޮން ތަނަކަށް ކަމެއް އަހަންނަކަށް ނޭނގެ އެވެ. ފަހަރެއްގައި އަހަންނަށް ވުރެ ކުރިން މި ރިސޯޓަށް ވެސް އޭނާ ގެނެސްފައި ހުރެދާނެ އެވެ. ފަހަރެއްގަ އެވެ. ހަމަ ފަހަރެއްގަ އެވެ.

ކޮވިޑް-19 ގެ ފުރަތަމަ އަލާމާތް އަހަންނަށް އިހުސާސްކުރެވެން ފެށީ އެ ރެ އެވެ. ނިދާފައި އޮއްވާ ދާހިތްލާ ފޯވެގެން ހޭލެވުނީ އެވެ. އޭރު އޭސީ ވެސް ހުރީ 16 ގަ އެވެ. އެކަމަކު ހުން ގަދަކަމުން އަހަންނަށް ހޫނުކަން ނޫން އެހެން އިހުސާސެއް ނެތެވެ. ކަރުތެރެ ފާރުވެފައި ހުރި ކަމުގެ އުނދަގޫތަކެވެ. ބައެއް ފަހަރަށް ކެއްސާ ވެސް ލެވެ އެވެ.

ޑޮކްޓަރަކާއި ނަރުހެއް، ކޮޓަރިއަށް އައި އިރު ފަތިހު ހަތަރެއް ޖަހައިފި އެވެ. އެ މީހުން އަހަރެން ބެލުމަށް ފަހު، ހުން ތިރިކުރަން ބޭސް ކާން ދީފައި ދިޔައީ އެވެ.

އަނެއް ދުވަހު ވެސް ހަމަ އެ ހާލެވެ. އޭގެ ކުރިން ދުވަހަކު ވެސް އެވަރަކަށް ހުމެއް ނާދެ އެވެ. ކެއްސުން ގަދަވެ، ނޭވާ ކުރުވުމުގެ އުނދަގޫތައް ވެސް ކުރިމަތިވި އެވެ. ބައެއް ފަހަރަށް ހީވަނީ ފުއްޕާމެއަށް ކަށިތަކެއް ހެރޭ ހެންނެވެ. އެކަމަކު އަހަރެން ކަހަލަ ޒުވާނުންނަށް މާ ބޮޑު ކަމެއް ނުވެ، ބަލިން ސަލާމަތްވެވޭ ކަމަށް ޑޮކްޓަރުން ބުނެ އެވެ.

"ދެ ތިން ދުވަހުގެ ތެރޭގައި ރަނގަޅުވާނެއޭ" އަހަރެން ބެލި ޑޮކްޓަރުގެ ބަހަށް އިތުބާރުކުރަމެވެ. އެކަމަކު އެވަރުގެ ގަދަ ހުމެއްގައި، އެ ކެއްސުންތަކާއި އެ ނޭވާކުރުވުމާއި ޕުއްޕާމެއަށް އެ ވާ އުނދަގޫ ތަހައްމަލް ކުރަން ދެތިން ދުވަސް ވެސް މާ ގިނަ އެވެ.

އެނދުގެ ކުރިމައްޗަށް ހުރި ބިއްލޫރި ބިތުގެ ފޮތިގަނޑު ކަހާލުމުން، ފެންނަން އޮންނަނީ ހުދު ދޮންވެލިގަނޑާއި ނޫ ކުލައިގެ ބޮޑު މޫދެވެ. ހުން އައުމުގެ ކުރިން އެއީ އަހަރެންގެ އެކަނިވެރިކަން ފިލުވާލަދިން ހިތްގައިމުކަމެވެ. އެ ހިތްހަމަޖެހުން ފުނޑުކޮށްލާނެ ފަދަ ރުޅިވެރި ބަސްތަކެއް ބުނާކަށް އަންހެނުންނެއް ނެތެވެ. އެކަމަކު ބަލިމީހެއްގެ ގޮތުގައި އެކަހެރިކުރި އިރު އަންހެނުން ކައިރީގައި ނެތުމަކީ ވެސް މައްސަލައެކެވެ. އެހެން ނޫން ނަމަ، މި ގަދަ ހުމުގައި، ބޮލުގައި ރިހުމާއި ކެއްސުމުގައި، އޭނާ ލޯބިން، ހިތްވަރުދޭނެ އެވެ. އޭނާގެ ފިރުމުންތަކުގެ އިހުސާސްތައް ކުރެވުނީހެވެ.

ދެ ވަނަ ރެއަށް އިރު އޮއްސިއްޖެ އެވެ. އަނދިރިކަން ވެރިވެގަތް އިރު، އަހަރެންގެ ހުން ހުރީ ކުރިއަށް ވުރެ މަތީގަ އެވެ. ރޮވެން ފެށުނެވެ. އެނދުގައި ނޯވެވިގެން، ތެދުވެ އިށީދެނވުނެވެ. އޭރު ގައިން ދާތައް ފައިބަނީ އެވެ.

ފޯނު އައީ އެ ވަގުތު އެވެ. ހީކުރީ ހާލު ބަލަން އަންހެނުން ގުޅީ ކަމަށެވެ. އެކަމަކު އެއީ އަންހެނުންގެ ކޯލެއް ނޫނެވެ.

"ކިހިނެއް ހާލު؟" ޔުސްރާ އެހެން އެހުމުން އޭނާއަށް އަހަރެން ފެނުނީ ބާއޭ ހިތަށްއެރި އެވެ. ނުފެނުނަސް، މިހާރު އޭނާއަށް އަހަރެންގެ ނޭވާގެ ބާރު އަޑު އިވޭނެ އެވެ. އަހަންނަށް އެއްޗެކޭ ބުނެވުމުގެ ކުރިން ކެއްސުންގަނޑު އަ އެވެ. އެކަމުން ސަލާމަތްވަންދެން ކަންފަތާ ފޯނު ދުރުކޮށްލެވުނެވެ.

"ވަރަށް ގަދައަށް ހުން އައިސް،" އަހަރެން ބުނީމެވެ.

"ހަމަ އެންމެ ވާހަކައެއް ބުނެލަން. ބުނަން ބޭނުން، އެކަމަކު ނުބުނެވި އޮތް ވާހަކައެއް،" އޭނާ ބުންޏެވެ.

އެކަމަކު ދެން ފޯނު ބޭއްވީ އެވެ. އެއްވެސް ވާހަކައެއް ނުބުނެ އެވެ.

"ޔުސްރާ! ޔުސްރާ!" އަހަންނަށް ގޮވާލެވުނެވެ.

އޭރު އަހަރެން މަޑުމަޑުން އެނދު މައްޗަށް ވެއްޓެމުން ދިޔަކަން އެނގެ އެވެ.

ފުރަތަމަ ހިތަށްއެރީ ކިހާ އިރަކު އަހަންނަށް ނިދިއްޖެ ބާވައޭ އެވެ. ލޯ ހުޅުވާލި އިރު، ކުރިމަތީ ބިއްލޫރި ބިތުގެ ފޮތިގަނޑު ހުރީ މެދުން، ކުޑަކޮށް ކަހާލައިފަ އެވެ. ރީތި ދުވަހެއްގެ އަވިގަނޑު ފެނެ އެވެ. ސިއްސައިގެން ގޮސް އަހަންނަށް އެނދުމަތީގައި އިށީދެވުނެވެ. އޭރު އަހަރެންގެ ހުމެއް ނެތް ފަދަ އެވެ. ކުޑަކޮށް ކެއްސާލެވުން ނޫން އެހެން އުނދަގުލެއް ނުވެ އެވެ.

ހަމަ ކުއްލިއަކަށް ހުންގަނޑު ފިލައިގެން ދިޔައީ ހެއްޔެވެ؟ މިއީ ކޮން ކަހަލަ ބައްޔެއް ހެއްޔެވެ؟

އެކަމަކު އެވަގުތު އެނދު މަތީގައި އޮތް ފޯނު ފެނުނެވެ. ޔުސްރާގެ ހަނދާންތައް ކުއްލިއަކަށް ވެރިވެގަތެވެ. އަހަރެން އަވަހަށް ފޯން ބަލައިލީމެވެ. ވައިބާ އިން ޔުސްރާގެ މެސެޖެއް އޮތެވެ. "ލަވް ޔޫ" އާ އެކު ރަތް ކުލައިގެ ހިތެކެވެ. އެކަމަކު ހިތާ ޖެހިގެން، ކަރުނަ ފައިބަމުން ދިޔަ ހިތާމަވެރި މޫނެއްގެ ނިޝާނެވެ.

އަހަންނަށް ގުޅޭ ގޮތެއް ނުވި އެވެ. އެތައް ސަތޭކަ ފަހަރަކު ގުޅަން އުޅުނީމެވެ.

ޔުސްރާގެ ފޯނު އޮތީ ނިންވާލައިފަ އެވެ.

އޭގެ ތިން ދުވަސް ފަހުން އަހަންނަށް އެނގުނީ ކޮވިޑް-19 ގައި ރާއްޖެއިން މަރުވި ދެ ވަނަ މީހަކީ ޔުސްރާ ކަމެވެ.

އަހަރެން ރަނގަޅުވެގެން ގެއަށް ބަދަލުކުރި އެވެ. އެކަމަކު ގެއަށް އައި އިރު، އަންހެނުން އަހަރެން ދޫކޮށް، އޭނާގެ މަންމަގެ ގެއަށް ބަދަލުވެއްޖެ އެވެ. ސަބަބު އެނގޭނީ އޭނާއަށެވެ.

ޔުސްރާގެ އެޕާޓްމަންޓްގެ ދޮރަށް ބަލަހައްޓައިގެން އަހަންނަށް ހުރެވެ އެވެ. އޭނާ އަހަރެން ދެކެ ލޯބިނުވި ނަމަ، އެ ކުރު މެސެޖް، އޭނާގެ ހަޔާތުގެ އެންމެ ފަހު ދުވަސްތަކުގައި، ފޮނުވުމުގެ ބޭނުމެއް ނެތެވެ.

މީހަކު ދެކެ ލޯބިވާކަން، މަރުވުމުގެ ކުރިން ހަމައެކަނި މެސެޖަކުން ބުނުމަކީ ހާދަ ހިތްދަތިކަމެކެވެ. މި އޮތް ހުރިހާ ދުވަހު އޭނާ އެ އުޅުނީ އެހުރިހާ ކަމެއް ސިއްރުކޮށް، އެކަމަކު ކޮންމެވެސް ދުވަހަކުން އަހަރެން ލިބޭނެ ކަމަށް އުއްމީދުކޮށްގެންނެވެ.

އެ ވާހަކަ ކިޔައިދިނީ، ރާނބާގައި ކައިވެނި ސައި ބޭއްވި ދެމަފިރިންނެވެ.

ޔުސްރާގެ މަންމަ އާއި ބައްޕަ، އޭނާ ވަރަށް ކުޑައިރު މަރުވުމުން އޭނާ ބެލީ ބޮޑުދައިތަ އެވެ. އެކަމަކު އޭ ލެވެލް ނިންމައި، ވަޒީފާއަކަށް ވަނީއްސުރެ އުޅެމުން އައީ އެކަނިމާއެކަންޏެވެ. އޭނާގެ ލޯބިވެރިއެއް ނެތެވެ.

އޭނާއަށް އަހަރެން ފުރަތަމަ ފެނުނީ، މަޖީދިއްޔާގައި އޮތް މާހެފުމަކަށް، އަހަރެން ދިޔަ ރެއެއްގަ އެވެ. އަހަރެން ގެ އޮފީހުން މަޖީދިއްޔާ އަށް ދިން ސްޕޮންސަޝިޕަކާ ގުޅިގެން، އެ މާހެފުމުގައި، ބައިވެރިވާން ލިބުނު ދައުވަތުގައި ފޮނުވީ އަހަންނެވެ. އެރޭ އަހަރެން ވާހަކަ ވެސް ދައްކަން ޖެހުނެވެ.

ޔުސްރާއަށް ކޮންމެވެސް ގޮތަކުން އަހަރެން ކަމުދިޔައީތާ އެވެ.

އުމުރުން 29 އަހަރުގެ ޔުސްރާ، އަހަރެން އުޅޭ ބުރީގައި، އަހަރެން އުޅޭ އެޕާޓްމަންޓްގެ ކުރިމަތީގައި ހުރި ތަނަށް ބަދަލުވީ، މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ. އެ އެޕާޓްމަންޓް އޭނާ ހޯދީ ކިހިނެއް ކަމެއް ވެސް ނޭނގެ އެވެ.

އޭނާގެ ރައްޓެހި ޓީޗަރު ކައިރީ ބުނެފައި އޮތް ގޮތުން ނަމަ، މާ ގިނަ ދުވަހެއް ނުވެ އަހަރެން ހުސްވާނެ އެވެ. އެކަމަކު އޭގެ ކުރިން އަހަރެން ކައިރީ އެއްވެސް ވާހަކައެއް ބުނާކަށް ބޭނުމެއް ނުވި އެވެ. އަދި އެހެން މީހަކު ލައްވާ، ޔުސްރާގެ ހިތުގެ ސިއްރު ކިޔައިދޭކަށް ވެސް ގަބޫލެއްނުވި އެވެ.

މިއީ ކޮން ކަހަލަ ލޯތްބެއް ހެއްޔެވެ؟ މިއީ ކޮން ކަހަލަ ސިއްރުކުރުމެއް ހެއްޔެވެ؟ ދުނިޔޭގައި އަހަރެން ދެކެ ލޯބިވާ ކަމަށް ގަބޫލުކުރި އަންހެނުން، އަހަރެން ބަލިވެ އެކަހެރި ކުރި ވަގުތު، ކުރިމަގަށް ގޮތް ނިންމައިފި އެވެ. އަހަރެން އައުމުގެ ކުރިން އޭނާ އަހަރެން ދޫކޮށްލީ އެވެ. އެކަމަކު ދުނިޔޭގައި ހުރި އިރު އަހަންނަށް ލޯބި ސިއްރުކުރި އަންހެނަކު، މަރުމަތީގައި، ބަނޑުންކޮށްލީ އޭނާގެ ސާފު ހިތާއި އެ ހިތުގައި އޮތް އެކަމަކު ލިބެން ނެތް ލޯތްބެވެ.

އަހަންނަށް މިހާރު ނިދެނީ ފޯނަން ބަލަން އޮވެގެންނެވެ. ޔުސްރާގެ މެސެޖެވެ. އަދި އެ މެސެޖަށް އަހަރެން ދިން ޖަވާބެވެ. "ލަވް ޔޫ ޓޫ" އޭ ޖަހާފައި، ހިތަކާ އެކު އެ މެސެޖް އަހަރެން ފޮނުވީ، ރިސޯޓްގައި ބަލިމީހެއްގެ ގޮތުގައި ހުރެ އެވެ. އެކަމަކު މެސެޖް ޑެލިވާވެފައެއް ނުވެ އެވެ.

އެ ޖަވާބު ނުފެނި ޔުސްރާ ދުނިޔެ ދޫކުރީ އެވެ.

އެ ލޯބިވެރިޔާގެ ގައިގައި ހިފަހައްޓާލާނެ ވަގުތެއް އަހަންނަކަށް ނުލިބުނެވެ. ލޮލަށް ބަލަހައްޓައިގެން އިނދެ، ދުނިޔޭގައި ހުރުމަށް ހިތްވަރުކުރާށޭ ބުނެލާނެ ފުރުސަތެއް ވެސް ނުލިބުނެވެ. އެންމެ ކުޑަވެގެން ދެ މީހުންގެ އަތް ޖޯޑުކޮށްލާނެ ގޮތެއް ވެސް ނުވި އެވެ.

ހަމައެކަނި ވައިބާގެ އެ މެސެޖާއި އެ ލޯބި ހިތެވެ. ދެން ޔުސްރާއަށް އޭނާގެ ލޯބި ނުލިބި، ދުނިޔެއަށް އެންމެ ފަހު ނޭވާލާން ޖެހިދާނެ ކަމަށް ބަލައި، ރަމްޒުކޮށްދިން ހިތާމަވެރި މޫނެވެ.