ކޮވިޑް-19 ގެ ވެކްސިން އަޖުމަ ބަލަން ދެ މީހަކަށް ޖަހައިފި
ކޮވިޑް-19 ގެ ވެކްސިން އަޖުމަ ބަލަން ދެ މީހަކަށް ޖަހައިފި

ލަންޑަން (އެޕްރީލް 24) - ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން އޮކްސްފޯޑުން ހަދާ ޓެސްޓްތަކުގައި، އެ ވެކްސިން ދެ ވޮލަންޓިއަރަކަށް ބުރާސްފަތި ދުވަހު ޖަހައިފި އެވެ.

ކޮވިޑް-19 ގެ ވެކްސިން އަޖުމަ ބަލަން ދެ މީހަކަށް ޖަހައިފި
ކޮވިޑް-19 ގެ ވެކްސިން އަޖުމަ ބަލަން ދެ މީހަކަށް ޖަހައިފި

އިންސާނުން ބޭނުންކޮށްގެން ވެކްސިން ޓެސްޓް ކުރަން 800 ވޮލަންޓިއަރުން ވަނީ ހޮވައިފަ އެވެ. އޭގެ ތެރޭން ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޖަހާނެ އެވެ. ބާކީ ތިބި މީހުންނަށް ދޭނީ މެނިންޖައިޓިސް ވެކްސިން އެވެ. ވެކްސިންގެ އަޖުމަ ބެލުން ޑިޒައިންކޮށްފައިވާ ގޮތުން ވޮލަންޓިއަރުންނަށް ޖެހީ ކޮން ވެކްސިންއެއް ކަމެއް އެ މީހުންނަކަށް ނޭނގެ އެވެ.

ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޝޮޓް ދިން އެލިސާ ގްރެނާޓޯ ބުނީ އޭނާ އަކީ ސައެންސްވެރިއެއް ކަމަށާއި ސައެންޓިފިކް ގޮތުން އޭނާ އަށް ވެދެވެން އޮތް އެހީއެއްވާން ބޭނުންވާ ކަމަށެވެ.

ކޮވިޑް-19 ގެ ވެކްސިން އޮކްސްފޯޑް ޔުނިވާސިޓީގެ ޓީމަކުން އުފެއްދީ ތިން މަހެއްހާ ދުވަހުގެ މަސައްކަތުންނެވެ. އެ ރިސާޗުގައި އިސްކޮށް ހުންނެވީ ވެކްސިނޮލޮޖީ ޕްރޮފެސަރު ސާރާ ގިލްބާޓެވެ.

"މި ވެކްސިންއާ މެދު އަޅުގަނޑުގެ އުއްމީދު ބޮޑު،" އޭނާ ވިދާޅުވި އެވެ. "ފުޅާ ދާއިރާއެއްގައި މި ވެކްސިން ބޭނުންކުރުމުގެ ކުރިން ވެކްސިން ރަނގަޅަށް މަސައްކަތް ކުރޭތޯ ބަލަން ބޭނުންވޭ."

ޕްރޮފެސަރު ގިލްބާޓް ކުރިން ވިދާޅުވެފައި ވަނީ ކޮވިޑް-19 ގެ ވެކްސިން ކާމިޔާބުވާނެ ކަމުގެ 80 ޕަސެންޓް ޔަގީން ކަމަށެވެ. ނަމަވެސް ފަހުން އެކަމަނާ ވިދާޅުވީ ވަކި އަދަދެއް ހާމަކުރައްވަން ބޭނުން ނުވާ ކަމަށެވެ.

ވެކްސިންގެ އަޖުމަ ބެލުމުގެ ދެ ވަނަ މަރުހަލާގައި 5،000 ވޮލަންޓިއަރުން ބޭނުން ކުރާނެ އެވެ. އެފްރިކާގައި ވެސް ވެކްސިންގެ ޓެސްޓްތައް ހަދަން އޮކްސްފޯޑުގެ ޓީމުން ބޭނުންވެ އެވެ.

ސައެންސްވެރިން އުއްމީދު ކުރަނީ ކޮވިޑް-19 ގެ ވެކްސިންގެ އެއް މިލިއަން ޑޯޒް ސެޕްޓެމްބަރު މަހާ ހަމައަށް ތައްޔާރު ކުރެވޭނެ ކަމަށެވެ. ވެކްސިން ކާމިޔާބު ނަމަ ގިނަ އަދަދަކަށް އުފައްދަން ފަށާނެ އެވެ.

އޮކްސްފޯޑް ޓީމުން ވަނީ މާސް އަށް ވެސް ވެކްސިންއެއް އުފައްދައިފަ އެވެ.

ކޮވިޑް-19 ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓްތައް ޖޫން މަހު ފަށާނެ ކަމަށް ލަންޑަނުގެ އިމްޕީރިއަލް ކޮލެޖުން ވަނީ ބުނެފަ އެވެ. ވެކްސިން އުފެއްދުމުގެ މަސައްކަތަށް އޮކްސްފޯޑާއި އިމްޕީރިއަލް އަށް އިނގިރޭސި ސަރުކާރުން ވަނީ 40 މިލިއަން ޕައުންޑް ދީފަ އެވެ.