23 އެޕްރީލް 2020 - 23:18

މާލޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އިނގިރޭސި ވިލާތުން އައިސް ކަރަންޓީނުގެ މުއްދަތު ހަމަކޮށް ޑަބަލް ނެގެޓިވްވެފައިވާ މީހަކު ވެސް ހިމެނޭ ކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ދޭން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ ޔޫކޭ އިން އައިސް ކަރަންޓީން ފުރިހަމަކޮށް، ޓެސްޓް ނެގެޓިވް ވުމުން ދޫކޮށްލާފައި ހުރި މީހަކު ފެނުނީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ މީހާ އަށް ބަލި ޖެހިފައި ވަނީ ރާއްޖޭން ކަމަށް ބެލެވޭ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
ޑރ. ނަޒްްލާ ވިދާޅުވީ އެ މީހާ އަކީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ޔޫކޭ އިން ރާއްޖެ އައި މީހެއް ކަމަށެވެ. އެ މީހާ ރާއްޖެ އައުމާ އެކު އެއާޕޯޓުން ކަރަންްޓީނަށް ގެންދިޔަ ކަމަށާއި އޭނާގެ ފުރަތަމަ ޓެސްޓު ހެދީ 28 ވަނަ ދުވަހު ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަރަންޓީނުގެ 14 ދުވަހުގެ މުއްދަތު ހަމަ ކުރުމަށް ފަހު މި މަހުގެ ހަ ވަނަ ދުވަހު އަނެއްކާ ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވުމުން އޭނާ ދޫކޮށްލާފައިވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
ޕޮޒިޓިވް މީހެއްގެ ކްލޯޒް ކޮންޓެކްޓެއްގެ ގޮތުގައި މި މީހާ ފާހަގަވެ ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތްތައް ފެނި ޓެސްޓްކުރި އިރު މިހާރު ޕޮޒިޓިވް ވެފައިވާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ރާއްޖެ އިން ބޭރުން އައިސްފައިވާ މީހެއްގެ ކޭސްއަކަށް ވާތީ މިކަމާ ގުޅިގެން ޓެގް ޓީމާ ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. ނަމަވެސް އޭނާ ކުރިން ކޮށްފައިވާ ދެ ޓެސްޓު ވެސް ނެގެޓިވް ވެފައި ވުމުން އޭނާ އަށް ބަލި ޖެހިފައިވަނީ ކޮންޓެކްޓްވި މީހާގެ ފަރާތުން ކަމަށް ނަޒްލާ ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޔޫކޭ އިން އައި މީހާއާ ކޮންޓެކްޓްވި ޕޮޒިޓިވް މީހާގެ އެހެން އެއްވެސް ކޮންޓެކްޓެއް މިހާތަނަށް އަދި ޕޮޒިޓިވް ވެފައެއް ނުވެ އެވެ.
ރާއްޖޭން ބޭރުން އައި މީހުންގެ ތެރެއިން ޕޮޒިޓިވްވި ގިނަ ދިވެހިންނަކީ ވެސް އިނގިރޭސި ވިލާތުން އައި މީހުންނެވެ.
މުޅި ރާއްޖެއިން މިހާތަނަށް 108 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފަ އެވެ. މީގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި 64 ބިދޭސީންނެވެ. ބިދޭސީންގެ ތެރޭގައި ގިނައީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލާދޭޝް މީހުންނެވެ.