23 އެޕްރީލް 2020 - 20:04

މާދަމާ ފެށޭ މި އަހަރުގެ ރޯދަ މަހާ އެކު، އެހެން މީހުންނަށް އެހީތެރިވުމާއި އަޅުކަންތައް އިތުރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އެދިވަޑައިގެންފި އެވެ.
ދިވެހިންނަށާއި ދުނިޔޭގެ އެންމެހައި މުސްލިމުންނަށް ރޯދަ މަހުގެ ތަހުނިޔާ ވިދާޅުވުމުގެ ގޮތުން ދެއްވި ޚިޠާބުގައި، ކޮވިޑް-19 ގެ ނުރައްކާތެރިކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މި ފަހަރުގެ ރޯދަ މަސް ބައްދަލުކުރީ، މިއިން ޒަމާނެއްގައި ވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ އިމްތިހާނަކާ ކުރިމަތިލާން ޖެހިފައިވާ ދުވަސްވަރެއްގައި ކަމަށެވެ.
"ކޮވިޑް-19ގެ ބަލިމަޑުކަން އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާންމު ހަރަކާތްތައް ހުއްޓުމަކަށް ގެނެސްފި. އިޖުތިމާއީ ގައިދުރުކުރުމަށް އިސްކަންދޭން ޖެހުމުގެ ސަބަބުން، އަޅުގަނޑުމެން ޖަމާއަތުގައި އަދާކުރާ އަޅުކަންތައް ވެސް މި ވަނީ މެދުކަނޑައިލަން ޖެހިފައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިފަދަ ވަގުތަކާ ރޯދަ މަސް ދިމާވުމަކީ މި ނުރައްކާތެރި ބަލިން އަރައިގަތުމަށް ﷲ މެދުވެރި ކުރެއްވި މަތިވެރި ނަސީބެއް ކަމަށް ގަބޫލުފުޅު ކުރައްވަ އެވެ.
ރޯދަ މަހަކީ އަޅުކަމުގެ މަސް ކަމަށް ވުމުން، އަޅުކަންތައް ކުރުން އިތުރު ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރެއްވި އެވެ. އަދި ނުރައްކާތެރި ކޮވިޑް-19 އިން ރައްކާތެރި ކޮށްދެއްވުން އެދި ދުއާ ކުރުން އިތުރު ކުރުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގަތެވެ.
"މިސްކިތްތައް ބަންދުކުރަން ޖެހުނަސް، ﷲ އަށް މުނާޖައާ ދެންނެވުމުގެ ދޮރުތައް ވަނީ ތަނަވަސްކަމާ އެކު ހުޅުވިފައި. ގޭގައި ތިބެގެން ވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް ހުރިހާ ބޭފުޅުން ވެސް އިސްކަން ދެއްވުން ވަރަށް މުހިންމު،" ރައީސް ވިދާޅުވި އެވެ.
"ކީރިތި ގުރުއާން ކިޔެވުން އިތުރުކޮށް، ތަރާވީހު ނަމާދު ކުރުމަށާއި ދަމު ނަމާދު ކުރުމަށް ސަމާލުކަން ދެއްވައި، ހުރިހާ ބޭފުޅުން ވެސް ﷲގެ ހަޒްރަތުގައި ދުއާ ދަންނަވަންވީ، މި ބަލީގެ ނުރައްކާތެރިކަމުން މުޅި އިންސާނިއްޔަތު ސަލާމަތް ކޮށްދެއްވާތޯ."
މުޅި ދުނިޔޭގެ އިގްތިސާދު ވެސް ދަށްވެ އޭގެ އަސަރު ރާއްޖެ އަށް ވެސް ފޯރާފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ރާއްޖޭގައި ވެސް ވަރަށް ދަތި ހާލުގައި އުޅޭ މީހުން އެބަތިބި ކަމަށެވެ.
"މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުން ވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަދި ސިއްހީ ގޮތުން ވެސް ވަރަށް ނާޒުކު ހާލަތުގައި އުޅޭ ބަޔަކު އެބަތިބި. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރަސް އެޅިފައިވާ މީހުން ވެސް އެބަތިބި،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، ރައީސް އިލްތިމާސް ކުރެއްވީ ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށެވެ. އަދި އިންސާނިއްޔަތުކަން ކުރިއަށް ނެރެ ދުވަސްވީ މީހުންނާއި ބަލި މީހުންނަށް އެހީތެރިވުމަށް ވެސް ނަސޭހަތްތެރިވެވަޑައިގަތެވެ.
"މިއީ، ކީރިތި ގުރުއާނުގެ މައްސަރު ކަމަށްވާއިރު، އެ މާތް ފޮތް އުނގަންނައިދޭ އެންމެ މަތިވެރި އަހުލާގީ ސިފަތަކަކީ، އަނެކުންނަށް އޯގާތެރިވުމާއި، ފަގީރުންނާއި ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ނިކަމެތީންނަށް ހެޔޮފޯރުވުން،"
"އެހެންކަމުން، އަޅުގަނޑުމެންނަށް ކުރިމަތި ވެފައި މިވާ ދަތި ހާލަތުގައި، އަނެކުންގެ ހިތާމަތައް ފިލުވައިދީ، ދީލަތިވެ އެހީތެރިކަން ފޯރުވުމަކީ، މި މާތް މައްސަރުގެ ދަރުމައާއި ސަވާބު ފުރިހަމަ ގޮތުގައި ހޯދުމަށްޓަކައި ވެސް އަޅުގަނޑުމެން ސަމާލުކަން ދޭންޖެހޭ ކަންތައް."
އެތައް ބަޔަކު ގޭގައި ތިބި އިރު ހިދުމަތުގައި ގިނަ ބަޔަކު ބުރަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި ސިފައިންނާއި ފުލުހުންނާއި ޑެލިވަރީގެ ހިދުމަތް ދޭ މީހުން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި އެ މީހުން ކުރަމުން އެ ގެންދަނީ އަގު ވަޒަން ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ އިގުތިސާދީ ހަރަކާތްތައް ފެށެން ނެތް ކަމަށެވެ. މި އުނދަގޫ ވަގުތުގައި ސަރުކާރުން މަސައްކަތް ކުރަނީ ރައްޔިތުން އުފުލަން ޖެހޭ ތަކުލީފުތައް ކުޑަކޮށްދީ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދޭން ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، މިއީ އަތުގައި ހުރި ފުދުންތެރިކަމާއި ވަސީލަތްތައް، އެންމެ ފުރިހަމަ އަށް އިގުތިސާދުކޮށް، އިސްރާފުކުރުމާ މުޅިން ދުރުހެލިވާންވީ ވަގުތެވެ.
"ރޯދައިގެ އަޅުކަމުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ވަރުގަދަ ފިލާވަޅަކީ ވެސް، ކާބޯތަކެތި އިގުތިސާދުކޮށް އިސްރާފު ނުކުރުން. ބޭކާރު ހަރަދުތައް ހުއްޓާލައި ފަހަށް ރައްކާކުރުމުގެ މަތިވެރި ސިފަ އަޅުގަނޑުމެންގެ ކިބައިގައި ހަރުލެއްވުމަށް، މި ހާލަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިންމު ކަމެއް،"
ރައީސްގެ ވާހަކަފުޅު ނިންމަވައި ލެއްވީ ކޮވިޑް-19 އިން ރާއްޖެ ރައްކާތެރިކުރުމަށް، މަސައްކަތް ކުރާ ސިއްހީ އެހީތެރިންގެ މަސައްކަތުގައި ބަރަކާތް ލައްވައި، އެ މީހުންގެ އެއެހެ މަސައްކަތަށް ކުރިއެރުމާއި ކާމިޔާބު ދެއްވުން އެދި ދުއާ ދަންނަވަމުންނެވެ.