23 އެޕްރީލް 2020 - 19:04

ރައީސް: އަޅުގަނޑުމެން ގެއިން ބޭރަށް ނުނިކުމެ، ކެތްތެރިކަމާއެކު މި ދަތިކަން ތަހައްމަލުކުރުމަކީ، މި ނުރައްކަލުން އަރައިގަތުމަށް އޮތް އެންމެ ފަސޭހަ މަގު. ރާއްޖެއިން ކޮވިޑް19ގެ ނުރައްކާތެރިކަން ފިލައިގެން ނޫނީ، އަޅުގަނޑުމެންގެ އިގްތިސާދީ ޙަރަކާތްތައް ފެށޭނެ އެއްވެސް ގޮތެއް ނެތް. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، މި އުނދަގޫ ދަތި ހާލަތުގައި ވެސް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދީ، ރައްޔިތުންގެ އަސާސީ އަދި ޒަރޫރީ ބޭނުންތަކަށް މަގު ފަހިކޮށްދިނުމަށް.
ރައީސް: މި ބަރަކާތްތެރި މައްސަރުގައި، ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރަން ބޭނުންވާ އިލްތިމާސަކީ، މިއީ އަޅުގަނޑުމެންގެ ދީލަތިކަމާއި އޯގާތެރިކަން އިސްކޮށް، މީހުންނަށް އެހީތެރިކަން ފޯރުވައި، އަޅައިލާ މައްސަރަކަށް ހަދަމާތޯއޭ. އަޅުގަނޑުމެންގެ ކިބައިގައިވާ އިންސާނިއްޔަތުކަމުގެ މާތް ސިފަ ކުރިއަށް ނެރެ، އަޅުގަނޑުމެންގެ ތެރޭގައި ތިބި ދުވަސްމީހުންނާއި ބަލި މީހުންނަށް ހެޔޮ ފޯރުވައި އުޅެން އަޅުގަނޑުމެން އިސްކަން ދެމާތޯއޭ.
ރައީސް: މުޅި ދުނިޔޭގެ އިގްތިސާދު ދަށްވެ އެކަމުގެ ނަތީޖާ ރާއްޖެ އަށް ވެސް މިވަނީ ކުރިމަތިވެފައި. އަޅުގަނޑުމެންގެ ތެރޭގައި ވެސް، ވަރަށް ދަތި ހާލުގައި އުޅޭ މީހުން އެބަތިބި. މާލީ ގޮތުންނާއި ބޯހިޔާވަހިކަމުގެ ގޮތުން ވެސް ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ މީހުން، އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އަދި ސިއްހީ ގޮތުން ވެސް ވަރަށް ނާޒުކު ހާލަތުގައި އުޅޭ ބަޔަކު އެބަތިބި. ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް ހުރަސްއެޅިފައިވާ މީހުން ވެސް އެބަތިބި.
ރައީސް: ރޯދަ މަހަކީ އަޅުކަމުގެ މޫސުން. ގުރްއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަނެކުންނަށް ދީލަތިވުމާއި އެހީ ފޯރުވުމުގެ މައްސަރު. އެހެންކަމުން، މި މުހިންމު ދުވަސްތައް އަޅުގަނޑުމެން ހޭދަކުރަންވީ، ކޮވިޑް19 ގެ ނުރައްކާތެރިކަން އަޅުގަނޑުމެންގެ ތެރެއިން ފިއްލަވައި، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގެ ހާލަތަށް އެނބުރި ދިޔުމުގެ ހެޔޮ ތައުފީގު ދެއްވުން އެދި، ﷲގެ ހަޒްރަތުގައި ދުއާ ދެންނެވުމުގައި.
ރައީސް ވިދާޅުވީ މި އަހަރުގެ ރޯދަ މަސް މި އަންނަނީ ކޮވިޑް 19 ގެ ބަލީގެ ތެރޭގައި ކަމަށާއި އަދި މިކަން މިއައީ މިސްކިތްތައް ބަންދުކޮށް މިސްކިތްތަކުގައި އަޅުކަން މެދުކަނޑާލަން ޖެހިފައިވާ ހާލަތަކަށް ގޮސްފައި ވަނިކޮށް ކަމަށް ވިދާޅުވި. އެހެން ނަމަވެސް ނަމާދު ކޮށް، ގުރުއާން ކިޔަވަައި، މި ބަލިން ސަލާމަތްވުމަށް އެދި ދުއާކުރަން ސަމާލުކަން ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި. އަދި ރައީސް ވިދާޅުވީ މިފަދަ ހާލަތެއްގައި ބަރަކާތްތެރި ރޯދަ މަސް ކުރިމަތިވި ކަމީ ނަސީބެއް ކަމަށް. އަދި ގޭގަގައި ތިބެގެން ވެސް ފަރުޟު ނަމާދުތައް ބަރާބަރަށް ކުރެއްވުމަށް އިސްކަން ދެއްވަން ރައީސް އެދިވަޑައިގެންނެވި.
މި އަހަރުގެ ރޯދަ މަސް ފެށުމުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެބަ ގެންދަަވަ އެވެ.
)އިތުރު ތަފުސީލު(