24 އެޕްރީލް 2020 - 11:34

ސީއެޗްއެސްއީން 1994 ގައި ތައުލީމް ހާސިލް ކުރި ބެޗުގައި 20 ޑޮކްޓަރުން ހިމެނެ އެވެ. މީގެ އިތުރުން އެ ބެޗުގަޢި ޕައިިލެޓުންނާއި އާކިޓެކްޓުންނާއި ޑިޒައިނަރުން ވެސް ހިމެނެ އެވެ. އެހެން ފަންތިތަކުގެ ވެސް ތަޖުރިބާކާރުން ހިމެނެ އެވެ. މި އެންމެން އެކުވެގެން މިހާރު އަންނަނީ، މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ ކޮރޯނާވައިރަސް އަށް އެހީ ފޯރުކޮށްދޭން ތައްޔާރުވަމުންނެވެ.

"ބެޗު 94"ގެ ހަދިޔާ ހާއްސަ ކޮށްފައި ވަނީ، ކޮރޯނާވައިރަސްއާ ދެކޮޅަށް، އެންމެ ކުރީ ސަފުގައި ރާއްޖޭގައި ހަނގުރާމަ ކުރަމުން އަންނަ ޑޮކްޓަރުންނާއި ނަރުހުންނަށެވެ. މާސްކާއި ޝީލްޑާއި ރައްކާތެރިކަމުގެ ހެދުމުގެ އިތުރުން ބަލި މީހުންގެ މޫނުގައި ލައްވާފައި ހުންނަ "ކޮވިޑް ބޮކްސް" ވެސް އެ މީހުން މިހާރު އަންނަނީ ހަދަމުންނެވެ.
އެ ބެޗުގައި ހިމެނިވަޑައިގަންނަވާ، އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި އެއީ އަބަދުވެސް ވަރަށް ހަރަކާތްތެރި، އެކުވެރި ޒުވާނުންތަކެކެވެ. ސީއެޗްއެސްއީން ތައުލީމް ފުރިހަމަ ކުރިތާ 26 އަހަރު ވީއިރު ވެސް، އަދިވެސް ހަފުތާއަކު އެއް ފަހަރު ކަހަލަ ގޮތަކަށް ކޮފީ މޭޒުތަކުން ބައްދަލުވެ އެވެ. ނޫނީ އެ މީހުންގެ ހާއްސަ ވައިބާ ގުރޫޕުގައި "ކޮންމެވެސް ކަންތައްގަނޑެއް" ހިންގައިލަ އެވެ.
ގިނަ ޑޮކްޓަރުންތަކެއް ހިމެނޭތީއާއެކު، މި ބަލިމަޑުކަމުގައި އެހީތެރިކަން ފޯރުކޮށްދޭން ނިންމީ ގުރޫޕު އެންމެންގެ އަތުން ފައިސާ ނަގައިގެންނެވެ. އެ ފައިސާ އިން، 5،000 މާސްކާއި ރައްކާތެރިކަމުގެ 100 ހެދުން ރާއްޖޭން ބޭރުން މިހާރު ވަނީ ގަނެފަ އެވެ. ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން، ގޭގައި ތައްޔާރު ކުރި ޝީލްޑްތައް ވެސް ނިންމައި، 100 އެއްހާ ތަކެތި އައިޖީއެމްއެޗަށް މިހާރު ހަދިޔާކޮށްފި އެވެ. އިތުރު ތަކެތި އަދިވެސް އަންނަނީ ތައްޔާރު ކުރަމުންނެވެ.
މި ގުރޫޕުގެ އެންމެ ހާއްސަ އުފެއްދުމަކީ އިންޓިއުބޭޝަން ބޮކްސް ނުވަތަ "ކޮވިޑް ބޮކްސް" އެވެ. އެޑްމިޓް ކުރާ ބަލި މީހާގެ އަނގަޔަށް ހޮޅި ގުޅައި އިންޓިއުބޭޓް ކުރާއިރު، މޫނު ފޮރުވޭ ގޮތަށް ބާއްވާ މި ފޮށީގެ ސަބަބުން ޑޮކްޓަރުންނަށް ރައްކާތެރިކަން ލިބެ އެވެ.
މެލޭޝިއާގެ މި އުފެއްދުން މޮޑިފައި ކޮށްގެން، ކްލާސްމޭޓުން ތައްޔާރު ކުރި އެއް ފޮށި މިހާރު ވަނީ އައިޖީއެމްއެޗަށް ހަދިޔާކޮށްފަ އެވެ. އެ ފޮށި ޓެސްޓުކޮށް، ރަނގަޅު ނަމަ އިތުރު 10 ފޮށި ތައްޔާރު ކުރާނެ އެވެ.
"ބެޗު 94"ގައި ހިމެނޭ ދިވެހި ޒުވާނުން، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އުޅެ އެވެ. އަދި އެއިން ކޮންމެ މީހަކު ވެސް ވަނީ، ކޮރޯނާވައިރަސްއާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ކޮންމެވެސް ގޮތަކަށް އެހީތެރިވެ ދީފަ އެވެ.
"ލޭ ހަދިޔާ ކުރި ނަމަވެސް އަޅުގަނޑުމެންގެ ބެޗުމޭޓުން އެ ކަމަށް އިސް ނަގާނެ. އެއީ އާދައިގެ ބައެއް ނޫން. ހަމަ ބުނެލުން އޮންނާނީ" ޑރ. ފައިސަލް ވިދާޅުވި އެވެ.
ކޮރޯނާވައިރަސް އިން ރައްކާތެރިވުމަށް، ގިނަ ބަޔަކު އަންނަނީ ފަރުދީ ފެންވަރުގައި އެ މީހަކަށް ދެވުނު އެހީއެއް ދެމުންނެވެ. ބައެއް މީހުން ގޭގައި ތިބެ މާސްކު ތައްޔާރު ކުރާއިރު، ޑެލިވަރީތައް ކުރުމުގައި ވެސް ގިނަ ބަޔަކު ވަނީ އިސްނަގައިފަ އެވެ.