ޕާޓީތަކަށް ފައިސާ ނުދޭ މައްސަލާގައި ޕީޕީއެމުން ވެސް އިދިކޮޅު ޕާޓީތަކާ އެއްގަލަކަށް އަރައިފި
ޕާޓީތަކަށް ފައިސާ ނުދޭ މައްސަލާގައި ޕީޕީއެމުން ވެސް އިދިކޮޅު ޕާޓީތަކާ އެއްގަލަކަށް އަރައިފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދީ ހިފަހައްޓާފައިވާ މައްސަލާގައި، ސަރުކާރު ހިންގާ ޕީޕީއެމް އިން އިދިކޮޅު ޕާޓީތަކާ އެއްގަލަށް އަރައި، އިލެކްޝަންސް ކޮމިޝަނަށް މިއަދު ފާޑު ކިޔައިފި އެވެ.

ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ ފައިސާ ނުދޭ މައްސަލާގައި އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ޑީއާރުޕީ ބައިވެރިވެގެން މިއަދު ހަވީރު ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަބްދުލްއަލީމެވެ.

އަލީމަކީ މިހާރު ޚިޔާލު ތަފާތުވުމުގައި ޕީޕީއެމް ތެރެއިން އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

އެކަމަކު އެ ބައްދަލުވުމުގައި ޕީޕީއެމް ބައިވެރިވީ އެއީ ހުރިހާ ޕާޓީއަކަށް ދިމާވެފައިވާ މައްސަލައަކަށް ވެފައި އެކަމާ ބެހޭގޮތުން ވާހަކަ ދައްކަން ކަމަށް އަލީމް ވިދާޅުވި އެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވީ ހަމައެކަނި ޕާޓީތަކަށް ފައިސާ ނުދޭ މައްސަލައިގެ ވާހަކަ ދައްކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަކި ބަޔަކަށް މެސެޖެއް ދިނުމުގެ ގޮތަކުންނެއް ނޫން. ހުރިހާ ސިޔާސީ ޕާޓީއެއް ހިމެނޭ ކަމެއް ވީމަ. މިއީ އިދާރީ ކަމެއް ވީމަ އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން،" އިދިކޮޅު އިއްތިހާދާއި ޕީޕީއެމް ގުޅުނީތޯ ނޫސްވެރިން ސުވާލު ކުރުމުން އަލީމް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވަމުން އަލީމް ވިދާޅުވީ އެ ފައިސާ ނުދީ ހިފެހެއްޓުމުގެ އެއްވެސް ބާރެއް ކޮމިޝަނަށް ނެތް ކަމަށާއި މިހާރުން މިހާރަށް އެ ފައިސާ ދޭންޖެހޭނެ ކަމަށެވެ. އާންމުކޮށް ހުރިހާ ޕާޓީތަކަކީ ގަވާއިދުން އޮޑިޓް ރިޕޯޓާއި މާލީ ޚަރަދުތަކުގެ ތަފްސީލު ހުށަހަޅަމުންދާ ޕާޓީތަކެއް ކަމަށްވާއިރު އެގޮތަށް ފައިސާ ނުދީ ހިފެހެއްޓުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕާޓީތައް ހިންގާ ގޮތޭ ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައި އޮތް ސިޓީގައި ދައްކާފައިވާ ވާހަކަތަކަކީ ފައިސާ ނުދީ ހިފަހައްޓަންޖެހޭ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭ،" އަލީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އަލީމް ބައިވެރިވެ ވަޑައިގަތީ ޕީޕީއެމްގެ ކައުންސިލުން ފާސްކުރުމެއް ނެތި ކަމަށާއި އެހެންވެ އޭނާއާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން މިއަދު ވަނީ ވިދާޅުވެފަ އެވެ.

އެ ބައްދަލުވުމުގައި ދެން ތިބި ޕާޓީތަކުން ވެސް ވަނީ ޕާޓީތަކަށް ފައިސާ ނުދޭ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާއި އެ ކޮމިޝަންގެ މެމްބަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ. އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބު ކައިރިވަމުންދާއިރު ކެމްޕެއިނާއި އެހެން ކަންކަމަށް ޚަރަދުކުރަން ޕާޓީތަކުގައި ފައިސާ ނެތް ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރަނީ އިންތިޚާބުގެ ކެމްޕެއިނަށް ހުރަސް އަޅަން ކަމަށް ޕާޓީތަކުން ތުހުމަތު ކުރި އެވެ.

"އިންތިޚާބަށް ޕާޓީތަކުން ކެންޑިޑޭޓުން ހޮވަންޖެހިފައިވާ ދަނޑިވަޅެއްގައި މިފަދަ ނިންމުމެއް ނިންމާ، ޕާޓީތަކަށް ދަތިކުރަމުން ދިއުމަކީ ހުރިހާ ޕާޓީތަކުން ކަންބޮޑުވާ ކަމެއް،" އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވި އެވެ.

ޕާޓީތަކަށް ފައިސާ ދޫކުރަންޖެހޭ މުއްދަތު ހަމަވިތާ އެތައް ދުވަހެއްވީއިރު ވެސް އެ ފައިސާ ދޫ ނުކުރުމަކީ އިލެކްޝަންސް ކޮމިޝަނަށް އޮތް ބާރެއް ނޫން ކަމަށާއި ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ ގޮތުން އެ ފައިސާ ކޮމިޝަންގައި މިހާރު ހުރިކަމާ މެދު ސުވާލު އުފެދޭ ކަމަށް ޕާޓީތަކުން ބުންޏެވެ.

"މިކަމުގައި ފޮރުވިފައިވާ ތަފާތު ސަބަބުތައް ހުރުމަކީ އެކަށީގެންވާ ކަމެއް. ގަބޫލުކުރެވޭނީ އެއް ކަމަކީ މިކަމަށް ބޭނުންވާ ފައިސާ އިލެކްޝަންސް ކޮމިޝަންގައި ނެތި ނުވަތަ ކަނޑައަޅިގެން ޕާޓީތަކަށް ހަރަކާތްތެރިވުން ހުއްޓުވާލުމަށްޓަކައި ފައިސާ މި ހިފަހައްޓަނީ. އެކިފަހަރު އެކި އުޒުރު މި ދައްކަނީ،" އަދާލަތު ޕަޓީގެ ނައިބު ރައީސް އަލީ ޒާހިރު އެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

ފައިސާ ނުދީ ހިފެހެއްޓުމުގެ ސަބަބެއްގެ ގޮތުން ޕާޓީތައް ހިންގުމުގެ ދޯދިޔާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަ ކުރިއިރު ވަކި ޕާޓީއަކުން ކުރި ކަމާ ގުޅިގެން ހުރިހާ ޕާޓީއަކަށް ފިޔަވަޅު އެޅުމުކީ ހަމަޖެހޭ ކަމެއް ނޫން ވެސް ޕާޓީތަކުން ފާހަގަކުރި އެވެ.

"ޕާޓީތަކަކީ ސަރުކާރުގެ ވުޒާރާއެއް ނުވަތަ ޑިޕާޓްމެންޓެއް ނޫން. ޕާޓީތައް ހިންގަންޖެހޭނެ ގޮތް ސަރުކާރުން ނުވަތަ ކޮމިޝަނަކުން ކަނޑައަޅާކަށް ނުޖެހޭ. އެގޮތަކަށް ނޫން ގާނޫނު މާނަ ކުރަންޖެހޭނީކީ،" ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ހުސައިން ރަޝީދު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ފައިސާ ނުދީ ހިފެހެއްޓީ ފިންގަޕްރިންޓް ނެތް މެމްބަރުންގެ ފިންގަޕްރިންޓް ހުށަހެޅުމަށް ދިން މުއްދަތު ހަމަނުވާތީ ކަމަށް ބުނެއެވެ. އެކަމަކު ފަހުން އެ ކޮމިޝަނުން ވަނީ ޕާޓީތައް ހިންގުމުގައި ހުރި މައްސަލަތައް ފާހަގަކޮށް، ފައިސާ ދިނުން އަނެއްކާވެސް ފަސްކޮށްފަ އެވެ.