އަންނަ ހަފުތާގައި ޚިދުމަތް ދޭނީ 9-12 އަށް: ބީއެމްއެލް
އަންނަ ހަފުތާގައި ޚިދުމަތް ދޭނީ 9-12 އަށް: ބީއެމްއެލް

އަންނަ ހަފުތާގެ ހޯމަ އާއި ބުދަ ދުވަހު ބޭންކުތައް ހުޅުވަން އެމްއެމްއޭ އިން ކަނޑައަޅާފައިވާއިރު، އެ ދެ ދުވަހު ޚިދުމަތް ދޭނީ ހެނދުނު 9 ން މެންދުރު 12 އަށް ކަމަށް ބޭންކް އޮފް މޯލްޑިވް (ބީއެމްއެލް) އިން މިއަދު ބުނެފި އެވެ.

މި ވަގުތުތަކުގައި ބީއެމްއެލްގެ އޮފީސްތައް ބަންދު ކޮށްފައި ހުރި ނަމަވެސް އޮންލައިންކޮށް ހިދުމަތް ލިބޭނެ އެވެ. މީގެ ތެރޭގައި ރާއްޖެ އިން ބޭރަށް ފައިސާ ފޮނުވުމާއި މުވައްޒަފުންގެ މުސާރަ ޖަމާކޮށްދިނުމާއި އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ޗެކްތަކަށް ފައިސާ ޖަމާ ކުރުމާއި ބޭންކް ޓްރާންސްފާ ފަދަ ހިދުމަތްތައް ހިމެނެ އެވެ.

ބީއެމްއެލުން ބުނީ މި ހިދުމަތްތަކުގެ ތެރެއިން ކުންފުނިތަކާއި އޮފީސްތަކުގެ މުސާރަތައް ޖަމާކޮށްދޭން އެދި ހެނދުނު 10:00 ގެ ކުރިން ހުށަހަޅާ ފޯމުތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށެވެ. އަދި ބޭރަށް ފައިސާ ފޮނުވަން ހެނދުނު 11:00 ކުރިން ފޯމު ހުށަހެޅުމުން އެއް ދުވަހުން ޕްރޮސެސް ކުރެވޭނެ ކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ދޭ ހިދުމަތްތަކުގެ ތެރެއިން ނަގުދު ފައިސާގެ މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުން އޭޓީއެމް މެދުވެރިކޮށް، އެ މުއާމަލާތް ކުރުމަށް ވަނީ އިލތިމާސްކޮށްފަ އެވެ. އޭޓީއެމް މެދުވެރިކޮށް، ފައިސާ ޖަމާ ކުރެވޭ އަދަދު ވެސް ބިއެމްއެލުން އިއްޔެ ވަނީ އިތުރުކޮށްފަ އެވެ. މިހާރު އަމިއްލަ ފަރާތްތަކަށް 100،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭއިރު ވިޔަފާރިތަކަށް 500،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ.

ނަގުދު ފައިސާ އޭޓީއެމް މެދުވެރިކޮށް ބަލައިގަންނަން ފަށައިފައި ވަނީ ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ބޭނުމުގަ އެވެ. ފައިސާ ފަދަ ތަކެތި އެކަކު އަނެކަކު އަތުން ދައުރުވާއިރު އޭގައި ވައިރަސް ހުރުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން ބުނެފައިވާއިރު މިއީ މުވައްޒަފުންގެ ރައްކާތެރިކަމަށް ނިންމި ނިންމުމެއް ކަމަށް ބީއެމްއެލުން ބުނެ އެވެ.