31 މެއި 2016 - 20:26

އަރަބި ބަހަކީ ދިވެހިންގެ ދެވަނަ ބަހެއްގެ ގޮތުގައި ހަދަން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށާއި އެކަމަށް ތައްޔާރު ކަމަށް މިސްރުގެ ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލްގެ ސެކެޓްރީ ޖެނެރަލް ޕްރޮފެސަރު އަބްދުލް ފައްތާހު ސުލައިމާން އަހްމަދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް ޔުނިވާސިޓީގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ފައްތާހު ވިދާޅުވީ އަރަބި ބަހަކީ ދިވެހިންގެ ދެވަނަ ބަހަށް ހެދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށެވެ.
އެގޮތުން ފަންނީ އެހީތެރިކަމުގެ ގޮތުން އަވަސް މުސްތަގުބަލެއްގައި އަރަބި ކިޔަވައި ދިނުމުގެ ތަމްރީނު ލިބިފައި ތިބި ޓީޗަރުން ފޮނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަރަބި ކިޔަވައިދޭން ޝައުގުވެރިވާ މީހުންނަށް ތަމްރީނު ޕްރޮގްރާމްތައް ހިންގާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފައްތާހު ވަނީ ސްކޫލާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހަރުދަނާވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.
ވޯލްޑް ފެޑަރޭޝަން އޮފް އަރަބް އިސްލާމިކް އިންޓަނޭޝަނަލް ސްކޫލަކީ ދުނިޔޭގައި އަރަބި ތައުލީމު ކުރިއަރުވައި، އަރަބި ބަސް އަދި އިސްލާމީ ތައުލީމް އެއް މަންހަޖެއްގެ ދަށުން ކިޔަވައި ދިނުމުގެ މަސައްކަތް ކުރާ ސްކޫލެކެވެ.
މި ބައްދަލުވުމުގައި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މުހަންމަދު ޒާހިރު ހުސެއިނާއި ވައިސް ޗާންސެލަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދާއި ޔުނިވާސިޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.