ކޮވިޑް-19: ވައިރަސްއާ އެކު ގިނަ ދުވަސްތަކަކަށް އުޅެން ޖެހިދާނެ: ޑަބްލިއުއެޗްއޯ
ކޮވިޑް-19: ވައިރަސްއާ އެކު ގިނަ ދުވަސްތަކަކަށް އުޅެން ޖެހިދާނެ: ޑަބްލިއުއެޗްއޯ

ޖެނީވާ (އެޕްރީލް 23) - ކޮވިޑް-19 ގެ ބަލިކަން މި ޕްލެނެޓުގައި ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށާއި ބައެއް ގައުމުތައް އަދިވެސް އުޅެނީ ރޯގާގެ އެންމެ ކުރީ ސްޓޭޖުގައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން އިއްޔެ އިންޒާރުކޮށްފި އެވެ.

ޑަބްލިއުއެޗްއޯގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ވިދާޅުވީ ކޮރޯނާވައިރަސް ކޮންޓްރޯލް ކުރެވުނު ކަމަށް ބައެއް ގައުމުތަކަށް ހީވި ނަމަވެސް އެ ގައުމުތަކުގައި އަލުން ކޮވިޑް-19 ޖެހޭ މީހުން އިތުރުވާން ފަށާފައިވާ ކަމަށެވެ. އަދި އެފްރިކާ އާއި އެމެރިކާ ކޮންޓިނެންޓުގައި ޓްރެންޑް ހުރީ މައްޗަށް ކަމަށް ވިދާޅުވި އެވެ.

އދ.ގެ އެޖެންސީ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޓެޑްރޯސް ވިދާޅުވީ ދުނިޔޭގެ ސިއްހަތުގެ ކުއްލި ނުރައްކާ ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ ރަނގަޅު ވަގުތުގައި ކަމަށާއި އަދި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ގައުމުތަކަށް ތައްޔާރުވާން ވަގުތު ވެސް ލިބިފައިވާ ކަމަށެވެ.

ސިއްހީ ކުއްލި ނުރައްކާ ޑަބްލިއުއެޗްއޯ އިން އިއުލާން ކުރީ ޖެނުއަރީ 30 ގަ އެވެ. ޓެޑްރޯސް ވިދާޅުވީ އޭރު ޗައިނާ އިން ބޭރުން ޕޮޒިޓިވްވެފައި ވަނީ 82 މީހުން ކަމަށެވެ.

"ބައެއް ގައުމުތައް އެ އުޅެނީ ބަލީގެ އެންމެ ކުރީ ސްޓޭޖުގައި. ބަލި ކުރިން ފެތުރި، ރަނގަޅުވި ކަމަށް ހީވި ގައުމުތަކުގައި އަލުން ވަނީ ބަލި ފެތުރެން ފަށާފައި،" ޖެނީވާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެޑްރޯސް ވިދާޅުވި އެވެ. "އެއްވެސް ގޯހެއް ނުހައްދަވާ. އަދި ވަރަށް ދިގު ދުވަސްތަކެއް އެބައޮތް. މި ވައިރަސް ގިނަ ދުވަސްތަކެއް ވަންދެން އުޅޭނެ."

މުޅި ދުނިޔޭން ކޮރޯނާވައިރަހަށް މިހާތަނަށް ވަނީ 2,656,456 މީހުން ޕޮޒިޓިވްވެ 185,156 މީހުން މަރުވެފަ އެވެ. ރަނގަޅުވެފައި ވަނީ 729,873 އެވެ.