ޔޫރަޕުގެ ބޮޑެތި ކްލަބްތައް ބަނގުރޫޓް ވުމުގެ ބިރު އެބައޮތް: ގަލިއާނީ
ޔޫރަޕުގެ ބޮޑެތި ކްލަބްތައް ބަނގުރޫޓް ވުމުގެ ބިރު އެބައޮތް: ގަލިއާނީ

މިލާން (އޭޕްރިލް 23) – ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅަ މެދުކަނޑާލާފައި އޮތުމުން އާމްދަނީ ނުލިބި ޔޫރަޕުގެ ބޮޑެތި ކްލަބްތައް ބަނގުރޫޓް ވުމުގެ ބިރު އެބައޮތް ކަމަށް އޭސީ މިލާނުގެ ކުރީގެ ސީއީއޯ އެޑްރިއާނޯ ގަލިއާނީ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުން ފެށިގެން ޔޫރަޕުގެ ލީގުތަކާއި ޔޫރަޕުގެ މުބާރާތްތައް މެދުކަނޑާލާފައިވާއިރު، އަލުން ފެށޭނެ ސީދާ ދުވަހެއް ނޭގެ އެވެ. ސީޒަން ކެންސަލްކޮށްފި ނަމަ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއްވާނެތީވެ، ގިނަ ބަޔަކު ބާރުއަޅަނީ ލަހުން ނަމަވެސް ސީޒަން އެއްކޮށް ފުރިހަމަކުރާށެވެ. އެކަމަށް ފުރުސަތު ދޭން ޔޫރޯ އާއި ކޮޕާ އެމެރިކާ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

އިޓަލީގެ ކުރީގެ ބޮޑުވަޒީރު ސިލްވިއޯ ބާލުސްކޯނީގެ އިސް މުވައްޒަފެއްގެ ގޮތުން 1986-2017 އަށް މިލާން ހިންގި ގަލިއާނީ އިޓަލީގެ ޓެލެލޮމްބާޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ކްލަބްތަކުގެ ދަރަންޏާއި ޓީވީ ރައިޓްސް އާމްދަނީ ގެއްލި، އެކައުންޓްތައް ހުލިވަމުން އަންނަ ކަމަށެވެ.

"ހަމައެކަނި ނުލިބި އޮތީ ޓީވީ ރައިޓްސް އިން ލިބެން ޖެހޭ އާމްދަނީގެ އެންމެ ފަހުގެ އިންސްޓޯލްމަންޓެއް ނޫން. ސްޓޭޑިއަމުން އާމްދަނީއެއް ނުލިބޭ. އަދި ޔުއެފާ އިން ޔޫރަޕުގެ މުބާރާތްތަކުން ދޭން ޖެހިފައި އޮތް 400 މިލިއަން ޔޫރޯ ވެސް އެބައޮތް. ޔޫރަޕުގެ ބޮޑެތި ކްލަބްތައް ބަނގުރޫޓްވުމުގެ ބިރުއެބައޮތް. މުސާރަތައް ކުޑަކޮށްގެން ހަމައެކަނި ނުފުދޭނެ،" ގަލިއާނީ ވިދާޅުވި އެވެ.

ޔޫރޯ ފަސްކުރަން ޖެހުމުން ޔުއެފާ އަށް ވެސް ބޮޑު އާމްދަނީއެއް ގެއްލިއްޖެ ކަމަށާއި އަދި އޮލިމްޕިކްސް ފަސްކުރަން ޖެހުމުން ވެސް ހީނުކުރާ ވަރުގެ ގެއްލުމެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެ ގޭމްސްގައި އެތުލީޓުންނާއި އޮފިޝަލުން ތައްޔާރުކުރި އޮލިމްޕިކް ވިލެޖް، ގޭމްސް އަށް ފަހު ޕަބްލިކް ހައުސިންއަކަށް ބަދަލުކުރަން އެޕާޓްމަންޓްތައް ވިއްކާފައިވާއިރު، ގޭމްސް ފަސްކުރަން ޖެހުމުން އެކަން ނުކުރެވި ގެއްލުންވާނެ ކަމަށް ގަލިއާނީ ވިދާޅުވި އެވެ.