23 އެޕްރީލް 2020 - 14:19

އެސްޓީއޯ ފާމަސީން ބޭސް ޑެލިވަރީ ކުރަން ބޭނުންވާ މީހުންނަށް ހާއްސަ ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން ކޮންމެހެން ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ކުރިން ވަނީ ވައިބާ މެދުވެރިކޮށް ބޭސް ސިޓީ ފޮނުވައިދިނުމުން ޑެލިވަރީކޮށްދިނުމުގެ ޚިދުމަތް ދެމުންނެވެ. ނަމަވެސް ޕޯޓަލް ތައާރަފުކުރުމާ އެކު ބޭސް ސިޓީ ފޮނުވަން ޖެހޭނީ sto.mv/Online/Prescriptions މި ޕޯޓަލް މެދުވެރިކޮށެވެ.
އެސްޓީއޯގެ މީޑިއާ ކޯޑިނޭޓަރު އަބްދުﷲ މުހައްމަދު ވިދާޅުވީ ވައިބާ ބޭނުން ކޮށްގެން ބޭސް ޑެލިވާ ކުރަން ފެށީ ވަގުތީ ގޮތުން އެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކަމަށެވެ. ނަމަވެސް މި ޕޯޓަލާ އެކު ބޭސް ސިޓީ ބަލައިގަނެ އެއަށް ބޭސް ފޯރުކޮށްދޭން ފަސޭހަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައެއް ފަހަރު ފޮނުވާ ބޭސް ސިޓީތަކަށް ޖަވާބު ނުދެވެނީ މެނުއަލްކޮށް ކުރަން ޖެހޭތީ. އެކަމަކު މި ޕޯޓަލް މެދުވެރިކޮށް ބޭސް ސިޓީ ފޮނުވުމުން ވަގުތުން ޖަވާބު ލިބޭނެ. ބޭސް ސިޓީގެ އަޕްޑޭޓު ޓްރެކް ވެސް ކުރެވޭނެ،" އަބްދުﷲ ވިދާޅުވި އެވެ.
އެސްޓީއޯ ފާމަސީން ބޭހަށް އެދި ހުށަހަޅާއިރު ބޭސް ސިޓީއަކީ ތިން މަސް ހަމަނުވާ ބޭސް ސިޓީއަކަށް ވާން ޖެހޭނެ އެވެ. އަދި ބޭސް ޑެލިވާ ކޮށްދިނުމުން ބޭސް ސިޓީގެ އަސްލާއި އައިޑީ ކާޑުގެ ކޮޕީއެއް ދޭން ޖެހޭނެ އެވެ. ބޭސް ސިޓީ ފޮނުވާތާ ހަފުތާއެއްގެ ތެރޭގައި ބޭސް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެ އެވެ.
ބޭސް ސިޓީއާ ޑެލިވަރިއާ ގުޅޭ އިތުރު މައުލޫމާތު ވެސް އެސްޓީއޯގެ ޕޯޓަލުން ލިބެން ހުންނާނެ އެވެ.