ވެކްސިނެއް ކިހާ ތާކު؟ ސައިންސްވެރިން އަވަދިނެތި
ވެކްސިނެއް ކިހާ ތާކު؟ ސައިންސްވެރިން އަވަދިނެތި

މިހާރު އެންމެން ވެސް އަހާ ސުވާލަކީ، ކޮވިޑް-19 އަށް ވެކްސިނެއް ލިބޭނީ ނުވަތަ ޔަގީން ފަރުވާއެއް ހޯދޭނީ ކޮން ދުވަހަކުންތޯ އެވެ. ކުރިން މިފަދަ ކަންކަމަށް މާ ބޮޑު ފިކުރެއް ނުކުރާ އެތައް ބަޔަކު ވެސް މިހާރުގެ ހާލަތުން ކަންބޮޑުވެ، ސައިންސްވެރިންގެ މަސައްކަތުގެ ސްޕީޑް ބަލަން ބޭނުންވެ އެވެ.

ވެކްސިނެއް ކިހާ ތާކު؟ ސައިންސްވެރިން އަވަދިނެތި
ވެކްސިނެއް ކިހާ ތާކު؟ ސައިންސްވެރިން އަވަދިނެތި

ދުނިޔޭގެ އެކި ގައުމުތަކުގެ ޚާއްސަ ލެބޯރަޓަރީތަކުގައި މިހާރު 24 ގަޑިއިރު ކަހަލަ ގޮތަކަށް ކުރިއަށް ދަނީ ވެކްސިނެއް ހޯދުމާއި ބަލިން ފަސޭހަކޮށްދޭނެ ކަށަވަރު ބޭހެއް އުފެއްދުމުގެ މަސައްކަތެވެ. ދުނިޔޭގެ ކުރީ ސަފުގައި އުޅޭ، އެމެރިކާ އާއި އިނގިރޭސި ވިލާތާއި ޗައިނާ އަދި ޖަރުމަނުގެ ސައިންސްވެރިން އިންސާނުން ބޭނުންކޮށްގެން ޓެސްޓްތައް ހަދަން ވެސް ފަށައިފި އެވެ.

އެކަމަކު ވައިރަސްއަކާ ދެކޮޅަށް ކަށަވަރު ވެކްސިނެއް ތައްޔާރުކުރުމަކީ، ފަސޭހަ އަދި އަވަސް މަސައްކަތެއް ވެސް ނޫނެވެ. ބައެއް ވައިރަސްތަކަށް، މިސާލަކަށް އާންމު އަރިދަފުސް ރޯގާ، ކަހަލަ ބަލިތައް އިންސާނުންގެ ތެރޭގައި އުޅޭތާ އެތައް މިލިއަން އަހަރެއް ވީއިރު ވެސް ވެކްސިނެއް ހެދިފައެއް ނުވެ އެވެ. އަދި އެއީ މީހާގެ ފުރާނައަށް ނުރައްކާ ކުރާ ކަހަލަ ރޯގާއަކަށް ނުވާތީ، ވެކްސިނެއް ހަދަން މިހާރު މާ ބޮޑު ހޭދައެއް ވެސް ނުކުރެ އެވެ.

ފުރަތަމަ ފިޔަވަހި: ޖަނަވާރު ބޭނުންކޮށްގެން

ދެ ވަނަ ފިޔަވަހި: ވެކްސިނަކީ ރައްކާތެރި އެއްޗެއްތޯ ބަލަން އިންސާނުންނަށް

ތިން ވަނަ ފިޔަވަހި: ވެކްސިނުން އިންފެކްޝަން ހުއްޓުވޭތޯ، މަދު ބަޔަކު ބޭނުންކޮށްގެން

ހަތަރު ވަނަ ފިޔަވަހި: ވެކްސިނުން އިންފެކްޝަން ހުއްޓުވޭތޯ، އެއަށް ވުރެ ގިނަ މީހުން ބޭނުންކޮށްގެން

ފަސް ވަނަ ފިޔަވަހި: ވެކްސިނުން އިންފެކްޝަން ހުއްޓުވޭތޯ، އެތައް ހާސް މީހުން ބޭނުންކޮށްގެން

ފާސްވުން: މި ހުރިހާ ފިޔަވަހިތަކުން ވެކްސިނަކީ ކާމިޔާބު އެއްޗެއް ނަމަ އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ދެ އެވެ.

އެކަމަކު ޖަނަވާރެއްގެ ފަރާތުން އިންސާނުންގެ ތެރެއަށް ފުންމާލި އަދި މިހާރު މުޅި ދުނިޔެ ހިފާފައިވާ ކޮރޯނާވައިރަސް ބަލިކުރަން ބޮޑު ހޭދައެއްކޮށް، 24 ގަޑިއިރު މަސައްކަތުގައި އުޅުން ނޫން ގޮތެއް ގައުމުތަކަކަށް ނެތެވެ. އެހެންކަމުން އެއް ބަޔަކު ސަރުކާރުތަކުން ދޭ މާލީ އެހީ ބޭނުންކޮށްގެން އަދި ވިޔަފާރީގެ އުސޫލުން ވެކްސިން ތައްޔާރުކުރާ ކުންފުނިތަކުން އެމީހުންގެ އަމިއްލަ ފައިސާގައި، އަންނަނީ ތަހުލީލުތައް ކުރަމުންނެވެ.

އެކަމަކު މި ދާއިރާގެ އެންމެ އިސް ބައެއް ސައިންސްވެރިންގެ ނަޒަރުގައި އާންމުން ހީކުރާހާ އަވަހަށް ވެކްސިނެއް ތައްޔާރު ނުކުރެވި ވެސް ހިނގައިދާނެ އެވެ. މިސާލަކަށް މި އަހަރުގެ ތެރޭގައި އެފަދަ ވެކްސިނެއް ފެނުމަކީ ދުރު ކަމެއް ކަމަށް، ބައެއް ސައިންސްވެރިން ބުނެ އެވެ. އަނެއްބައި ސައިންސްވެރިން އުއްމީދުކުރަނީ ސެޕްޓެމްބަރު ހިސާބަށް ދާއިރު ވެކްސިނެއް އުފެއްދިދާނެ ކަމަށެވެ.

އާންމުކޮށް ވެކްސިން ހަދަނީ، އަސްލު ވައިރަސް ނުވަތަ ޖަރާސީމު ބޭނުންކޮށްގެން، އޭގެ ނުރައްކާތެރި ބައި ނައްތާލައިފަ އެވެ. އެކަމަކު މިހާރު ވައިރަސްގެ ވަކި ބައިތަކެއް އަމިއްލައަށް ތައްޔާރުކޮށް، އެހެން ވައިރަސްއެއްގެ ތެރެއަށް ލައިގެން ވެސް ބޭނުންކުރެ އެވެ. އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން މި މަހު އިންސާނުން ބޭނުންކޮށްގެން ފެށި ޓެސްޓްތަކުގައި ބޭނުންކުރަނީ، ރާމާމަކުނުގައި އުޅޭ އަރިދަފުސް ރޯގާ ޖައްސާ ވައިރަސްއަކަށް، ކޮރޯނާވައިރަސްގެ ޑީއެންއޭގެ ބައެއް ލައިގެން ތައްޔާރުކުރި ވެކްސިނެކެވެ.

އޮކްސްފޯޑްގެ ޓީމުން އިއްޔެ ވަނީ ޓެސްޓްތަކުގައި ބޭނުންކުރާ 800 ވަރަކަށް މީހުންގެ ތެރެއިން ދެ މީހެއްގެ ގަޔަށް ފުރަތަމަ ފަހަރަށް ވެކްސިން ޖަހައިފަ އެވެ.

އޮކްސްފޯޑްގެ ސައިންސްވެރިން އުއްމީދުކުރަނީ މި އަހަރުގެ ސެޕްޓެމްބަރު އެއް މިލިއަން ވެކްސިން ތައްޔާރުކުރެވިދާނެ ކަމަށެވެ. އަދި މިހާރު ޓެސްޓްކުރަމުން އަންނަ ވެކްސިން ކާމިޔާބުވާނެ ކަމުގެ "80 ޕަސެންޓް ޔަގީންކަން" އޮތް ކަމަށް، އެ ޔުނިވަސިޓީގެ އިސް ސައިންސްވެރިން ބުނެ އެވެ.

"މި ވެކްސިނާ މެދު އަހަރެންގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް،" މި ޓެސްޓްތަކުގެ އިސް ސައިންސްވެރިއެއް ކަމަށް ވާ ސާރާ ގިލްބާޓް ވިދާޅުވި އެވެ.

އެކަމަކު އިނގިރޭސި ވިލާތުގެ ސަރުކާރަށް ސިއްހީ ދާއިރާ އިން ލަފާ ދޭ މުޝީރު ޕްރޮފެސާ ކްރިސް ވިޓީ ދާދި ފަހުން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 އާ ދެކޮޅަށް ވެކްސިނެއް ވެސް އަދި ބޭހެއް ވެސް ތައްޔާރުވުން އެކަށީގެންނުވާ ކަމަށެވެ.

ހަގީގަތުގައި މިހާރު ވެސް ސައިންސްވެރިން ހޯދާފައި ވަނީ ވަރަށް ބޮޑު ކުރިއެރުމެކެވެ. ކޮރޯނާވައިރަސްގެ ފުރިހަމަ ޑީއެންއޭގެ ތަސްވީރެއް ލިބުނީ ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ދުނިޔޭގެ އެކި ގައުމުތަކުގައި 70 ވަރަކަށް ވެކްސިން ތައްޔާރުކުރަން ތަހުލީލުތައް އަންނަނީ ކުރަމުންނެވެ. މިއީ ކުރިން ނަމަ ދުނިޔެއިން ފެނުނު މަންޒަރެއް ނޫނެވެ.

އެމެރިކާގެ ބޭލާ ކޮލެޖް އޮފް މެޑިސިންގެ ނެޝަނަލް ސްކޫލް އޮފް ޓްރޮޕިކަލް މެޑިސިންގެ ޑީން ޑރ. ޕީޓާ ހޯޓެޒް އަކީ، ވެކްސިންގެ ދާއިރާގައި އެމެރިކާ އިން ފާހަގަކޮށްލެވޭ، މޮޅު ސައިންސްވެރިއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އަހަރެއްހާ ދުވަހުގެ ތެރޭގައި ވެކްސިނެއް ތައްޔާރުކުރެވިދާނެ އެވެ. އެކަމަކު އެއީ އެއަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބެމުން އަންނަ ނަމަ އެވެ. މާނައަކީ މިހާރު މި ފެތުރޭ ވަރަށް ބަލި ފެތުރެމުން ދިއުމަކީ، ވެކްސިނާއި ބޭސް އުފައްދަން ސައިންސްވެރިންނަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށް ވުމެވެ. މި ފުރުސަތުގެ ބޭނުން ހިފިއްޖެ ނަމަ، ވެކްސިނެއް އުފެއްދުން، އާންމު އުސޫލުތަކަށް ވުރެ ވަރަށް ބޮޑަށް އަވަސްކުރެވިދާނެ އެވެ.

"އެ މައުލޫމާތު އަހަރެމެންނަށް ލިބޭނެ ވަގުތަކީ މިއީ،" ޑރ. ހޯޓެޒް ވިދާޅުވި އެވެ.

"ހުރިހާ އެންމެން ސޯޝަލް ޑިސްޓެންސް ހަދައި، ބަލި ޖެހޭ މީހުން މަދުވެގެން ދާއިރު، ޖޫން މަހަށް ފަހު، ޓެސްޓްތަކުގައި ބައިވެރިކުރަން ލިބޭ ބަލިމީހުންގެ އަދަދު ވެސް މަދުވެދާނެ."

އޭނާ ވިދާޅުވި ގޮތުގައި ވެކްސިނެއްގެ ކާމިޔާބުވުން ބިނާވެފައި އޮތީ އޭގެ ރައްކާތެރިކަމާއި އެ ބޭނުންކޮށްފި ނަމަ ބަލި ނުޖެހޭނެކަމުގެ ޔަގީންކަމުގެ މައްޗަށެވެ. އެ ދެ ބައި ފުރިހަމަވާނީ، ސައިންސްވެރިން އުއްމީދުކުރާ ގޮތަށް، އެއްވެސް ކަހަލަ ގޯހެއް ނެތި، ޓެސްޓްތައް ބަރާބަރަށް ކުރިއަށް ގޮސްގެންނެވެ.

"އެއް އަހަރާއި ދޮޅު އަހަރުގެ ތެރޭގައި ވެކްސިނެއް ލިބުމަކީ އޭގެ ޒާތުގައި ވަރަށް ބޮޑު ކާމިޔާބީއެއް،" ޑރ. ހޯޓެޒް ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ވެކްސިންގެ އަމާޒަކަށް ވެސް ވަނީ، އަސްލު ވައިރަސް މީހެއްގެ ގަޔަށް ވަނުމާ އެކު ހަށިގަނޑުގެ ދިފާއީ ނިޒާމު ހޭލައްވާލައި، އެއަށް ހަމަލާދިނުމެވެ. ކޮވިޑް-19ގެ ބަލިމީހުންގެ ތެރެއިން 80 ޕަސެންޓް މީހުންނަށް މާ ބޮޑު ނުރައްކަލެއް ނެތި، ހަށިގަނޑުގެ އެ ނިޒާމުގެ ތެރެއިން ވައިރަސް ބަލިކުރެ އެވެ. އެކަމަކު އަނެއް 20 ޕަސެންޓް މީހުންނަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހެ އެވެ. މި ވަގުތު ބޭނުންކުރަނީ އޭގެ ކަށަވަރުކަމެއް ނެތް ބޭސްތަކެކެވެ. އެ ބޭސްތައް ބައެއް މީހުންނަށް އެހީއަކަށްވެ އެވެ. އަނެއް ބަޔަކަށް އެއްވެސް އަސަރެއް ނުކުރެ އެވެ.

ވެންޓިލޭޓަރަށް ލަނީ، ވައިރަސް ގިނަވެ، ފުއްޕާމޭ ހަލާކުވާ ހިސާބުންނެވެ. އެ ހާލަތަށް ދާ ގިނަ މީހުން ސަލާމަތްވާނެ ކަމުގެ އުއްމީދު ކުޑަ އެވެ.

ކާމިޔާބު ވެކްސިނެއް ނަމަ، ކޮރޯނާވައިރަސް ހަށިގަނޑަށް ވަނަސް، ސެލްތައް ބޭނުންކޮށްގެން ގިނަވުން ހުއްޓާލަ އެވެ. އަދި ވައިރަސްގެ ބާރު ކަނޑުވާލަ އެވެ. ވެކްސިންގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމް ތައްޔާރުވަނީ، ކޮރޯނާވައިރަސްއަށް ހަމަލާދީ، ބަލިކުރާށެވެ.

އޮކްސްފޯޑްގެ ސައިންސްވެރިން ވަނީ މެދުއިރުމަތީގައި ފުރަތަމަ ފެތުރެން ފެށި، މާސްއަށް ވެސް ވެކްސިނެއް ތައްޔާރުކޮށްފަ އެވެ. ކޮރޯނާވައިރަސްއަކުން ޖެހޭ މި ބައްޔަށް ހެދި ވެކްސިންގެ ނަތީޖާ ތަހުލީލުތަކުން ފެނުނީ ރަނގަޅަށެވެ. އެކަމަކު މާސް ޖެހޭ މީހުން މަދުކަމުން، އެ ވެކްސިންގެ އެހާ ބޮޑު ބޭނުމެއް އަދި ނެތެވެ.

މުޅިން އަލަށް މިހާރު ފެތުރިގެން އުޅޭ ކޮރޯނާވައިރަސްއާ ދެކޮޅަށް މުޅި ދުނިޔެ ނުތެދުވެ، ސަލާމަތެއް ނެތްކަން ކަށަވަރެވެ. ދުނިޔޭގެ އިގުތިސާދު ފުނޑިއްޖެ އެވެ. އިންސާނީ ދިރިއުޅުން އެކޮޅުކޮޅުން ޖެހިއްޖެ އެވެ. އެހެންކަމުން ކިތައްމެ ބޮޑު ހޭދައެއް ކޮށްގެން ވެސް ވެކްސިނެއް، ވެކްސިންތަކެއް، ނުވަތަ ބޭހެއް، ބޭސްތަކެއް ހެދުމުގެ މަސައްކަތް އެތައް ގައުމެއްގައި އެބަ ކުރިއަށް ދެ އެވެ.

އިނގިރޭސި ސަރުކާރުން ދިން 40 މިލިއަން ޕައުންޑްގެ މާލީ އެހީގެ ދަށުން އޮކްސްފޯޑްގެ ޓީމުން ވެކްސިން ޓެސްޓްކުރުމުގެ މި މަރުހަލާއަށް ފަހު ދެން އޮންނާނީ ގާތްގަނޑަކަށް 5،000 މީހުން ބޭނުންކޮށްގެން ކުރާ ޓެސްޓްތަކެވެ. މިހާރުގެ ފިޔަވަހި ނިމި، ގިނަ މީހުން ހިމެނޭ ޓެސްޓް ބުރަށް ދާއިރު، ވެކްސިންގެ ކަށަވަރުކަމާ މެދު ގިނަ މައުލޫމާތުތަކެއް ހުންނާނީ ލިބިފަ އެވެ. އެހެންކަމުން ސެޕްޓެމްބަރު ހިސާބުގައި އެ ވެކްސިން އާންމުކޮށް ބޭނުންކުރަން ފެށުން އެކަށީގެންވެ އެވެ.