ސުބާޝް ގާއީގެ "ސޯދާގަރް" އަކީ އާމިރު ޚާން ދޫކޮށްލި ފިލްމެއް
ސުބާޝް ގާއީގެ "ސޯދާގަރް" އަކީ އާމިރު ޚާން ދޫކޮށްލި ފިލްމެއް

އާމިރު ޚާނަކީ އޭނާ އަށް ކަމުދާ ކަހަލަ ރޯލެއް ނުލިބޭ ނަމަ ކިތަންމެ ބޮޑު ފިލްމެއް ނަމަވެސް ދޫކޮށްލަން ފަސްޖެހޭ އެކްޓަރެއް ނޫނެވެ. މީގެ ކުރިން އެގޮތަށް އޭނާ ދޫކޮށްލި ފިލްމުތައް އެހެން އެކްޓަރުން ކުޅެގެން ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދާފައިވެ އެވެ. ޔާޝް ޗޯޕްޅާ 1993 ގައި ގެނެސްދިން "ޑަރް" އަކީ އޭގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭ ފިލްމެކެވެ.

އެ ފިލްމުން އާމިރު ދޫކޮށްލި ނެގެޓިވް ކެރެކްޓާ ކުޅެގެން ޝާހްރުކް ޚާންގެ ވިދުން ގަދަވި އެވެ.

އާމިރު ދޫކޮށްލި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޑައިރެކްޓަރު ސުބާޝް ގާއީ 1991 ގައި ގެނެސްދިން "ސޯދާގަރް" އެވެ. އެ ފިލްމަކީ ފަހުން އާމިރާ އެކު އަކޭލޭ ހަމް އަކޭލާ ތުމް (1995) އަދި މަން (1999) ކުޅުނު ބަތަލާ މަނީޝާ ކޮއިރަލާ ބޮލީވުޑަށް ތައާރަފުވު ފިލްމެވެ.

ރިޕޯޓްތައް ބުނާގޮތުން އާމިރު "ސޯދާގަރް" އެއްބަސްނުވީ ފިލްމުގެ ލީޑް ބަތަލަކީ އޭނާ ކަމަށް ވިޔަސް، ކެރެކްޓާގެ ސްކްރީން ޓައިމް ކުޑަވުމެވެ. އެ ފިލްމުގެ ވާހަކަ ބޮޑަށް ބިނާވެފައި އޮތީ ކުރީގެ ދެ ލެޖެންޑުން ކަމަށްވާ ދިލިކް ކުމާރާއި ރާޖް ކުމާރު ކުޅުނު ކެރެކްޓާތަކަށެވެ. ފިލްމުން އާމިރަށް ލިބުނު ރޯލްގައި މާ ހާއްސަ ކަމެއް ނެތުމާއި ރޯލް ކުރުވުުން އޭނާ ދޫކޮށްލީ އެވެ.

"ސޯދާގާރް" އާމިރު ގަބޫލުނުކުރުމުން ފަހުން، ގާއީގެ އެއްވެސް ފިލްމަކުން އޭނާ އަށް ފުރުސަތެއް ލިބިފައެއް ނުވެ އެވެ.

އާމިރު ފިލްމު ދޫކޮށްލުމުން އެ ފުރުސަތު ފަހުން ލިބުނީ "ސޯދާގަރް" އިން ތައާރަފުވި ވިވެކް މުޝްރާނަށެވެ. ފިލްމުން ވަރަށް ގިނަ ބައެއްގެ ލޯބި އޭނާ އަށް ލިބުނު ނަމަވެސް ވިވެކަކީ ބޮލީވުޑްގައި މާ ކާމިޔާބު އެކްޓަރެއް ނޫނެވެ. އަދި މާ ގިނަ ދުވަސްތަކެއް ނުވެ، އޭނާ ބަދަލުވީ ސަޕޯޓިން އެކްޓަރަކެވެ. އެގޮތުން ފަހުން ކުޅުނު ހުރިހާ ފިލްމުތަކެއްގައިގެން ވިވެކް ކުޅެފައި ވަނީ ސަޕޯޓިން ރޯލްތަކެވެ.

"ސޯދާގަރް" ގެ އިތުރުން އޭނާގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިލްމަކީ ޖޫހީ ޗާވްލާ އާއި ނަގްމާއާ އެކު ކުޅުނު 1992 ގެ "ބޭވަފާ ސޭވަފާ" އެވެ.

"ސޯދާގަރް" އާމިރު ދޫކޮށްލި ނަމަވެސް އެކަމާ ފަހުން އޭނާ ވަރަށް ދެރަވި ކަމަށްވެ އެވެ. ސަބަބަކީ ހިންދީ ސިނަމާގެ ވަރުގަދަ ދެ ޝަހުސިއްޔަތަކާ އެކު ސްކްރީން ހިއްސާކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުންނެވެ. އުމުރުން މިހާރު 97 އަހަރުގެ ދިލިޕް ކުމާރު އަދިވެސް ދުނިޔޭގައި ހުރި ނަމަވެސް ރާޖް ކުމާރު ވަނީ 69 އަހަރުގައި 1996 ގައި މަރުވެފަ އެވެ.

އާމިރުގެ ކުރިއަށް އޮތް ފިލްމަކީ "ލާލް ސިންގް ޗައްޑާ" އެވެ.