އައިއެމްއެފުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި
އައިއެމްއެފުން ރާއްޖެއަށް 28.9 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ ގޮތުން އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީ (އާރުސީއެފް)ގެ ދަށުން ރާއްޖެއަށް 28.9 މިލިޔަން ޑޮލަރު ( 445.6 މިލިޔަން ރުފިޔާ)ގެ ލޯނެއް ދޭން ނިންމައިފި އެވެ.

އައިއެމްއެފްގެ ވެބްސައިޓްގައި އިއްޔެ ބުނެފައިވާ ގޮތުގައި ރާއްޖެއަށް ފައިސާ ދޫކުރަން ނިންމީ އައިއެމްއެފްގެ މެމްބަރުގައުމުތަކުގެ ތެރެއިން 30 ގައުމަކުން ކޮވިޑްގެ ގެއްލުމުން އަރައިގަންނަން ހުށަހެޅި ހުށަހެޅުންތައް ގަބޫލުކުރިއިރު، އޭގެ ތެރޭގައި ހިމެނިގެން ކަމަށެވެ.

ރާއްޖެއަށް ފައިސާ ދޫކުރުމާ މެދު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑުގައި ކުރި މަޝްވަރާތަކަށް ފަހު ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އަދި ޗެއާ ޓާއޯ ޒޭން ދެއްވި ސްޓޭޓްމަންޓްގައި ވިދާޅުވީ ކޮވިޑް-19 އާ ހެދި ރާއްޖެއަށް ޓޫރިސްޓުން ދަތުރުކުރުން ވަގުތީ ގޮތުން ހުއްޓުވުމުން މާލީ ބޮޑެތި ފޫނުބެދުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. ބަލި ފެތުރުން ހުއްޓުވަން ރާއްޖޭން ވަރަށް އަވަހަށް ފިޔަވަޅު އެޅި ކަން ފާހަގަކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައިއެމްއެފްގެ ރެޕިޑް ކްރެޑިޓް ފެސިލިޓީ (އާރުސީއެފް) އަކީ މެމްބަރު ގައުމުތަކަށް ކުރިމަތިވާ މާލީ ގެއްލުންތަކާ ގުޅިގެން ބެލެންސް އޮފް ޕޭމަންޓް ހަމަޖައްސަން ދަރަންޏަށް ފައިސާ ދޫކުރަން އޮންނަ ފެސިލިޓީ އެކެވެ. އެހެންވެ، އެ ގޮޮތަށް ފައިސާ ދޫކުރުމުގައި ބޮޑެތި ޝަރުތުތަކެއް ނުހުރެ އެވެ. އައިއެމްއެފްގެ އެހީ ހޯދާ އިރު ޝަރުތުކުރާ ހަރަދު ކުޑަކުރުން ފަދަ ކަންތައްތައް ކުރާކަށް ވެސް އާރުސީއެފް އިން ފައިސާ ދޫކުރާ އިރު ނާންްގަ އެވެ.

އާރްސީއެފް އިން ލޯނު ދޫކުރަނީ އެއްވެސް އިންޓަރެސްޓަކާ ނުލައި ފަސް އަހަރު ފަހުން ފައިސާ ދައްކަން ފަށާ ގޮތަށެވެ.

ރާއްޖެ އަށް ކުރިމަތިވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށްޓަކައި ބޭރުގެ އެކި މާލީ އެހީތައް ހޯދުމުގެ މަސައްކަތް ސަރުކާރުން ވަނީ ވަރަށްް ދުރާލާ ފަށާފަ އެވެ. އެގޮތުން ދާދި ފަހުން ވަނީ ވޯލްޑް ބޭންކުން 266 މިލިއަން ރުފިޔާ އަދި އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް) އިން ވަނީ 308 މިލިއަން ރުފިޔާގެ ލޯނު ލިބިފައި ވެ އެވެ.