އޮސްކާ ހޯދި "ޕެރަސައިޓް" ފޫހިކަމަށް ބުނުމުން ރާޖަމޯލީ އަށް ފާޑުކިޔަނީ
އޮސްކާ ހޯދި "ޕެރަސައިޓް" ފޫހިކަމަށް ބުނުމުން ރާޖަމޯލީ އަށް ފާޑުކިޔަނީ

މި އަހަރުގެ އޮސްކާ އެވޯޑްސްގެ އެންމެ މޮޅު ފިލްމުގެ މަގާމު ހޯދި ދެކުނު ކޮރެއާގެ ފިލްމު "ޕެރަސައިޓް" އަކީ ވަރަށް ފޫހި އަދި އެއްގޮތަކަށް ވެސް ކަމުނުދާ ފިލްމެއް ކަމަށް އިންޑިއާގެ އެންމެ ވަރުގަދަ އެއް ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ ބުނުމުން ޓްވިޓާގައި އޭނާ އަށް ފާޑުކިޔައިފި އެވެ.

"ބާހްބަލީ" ގެ ދެ ފިލްމު ގެނެސްދީގެން ކުޅަދާނަކަން ދެއްކި ޑައިރެކްޓަރު ޓީވީ ޗެނެކަލަށް ދިން އިންޓަވިއުއެއްގައި ބުނީ "ޕެރަސައިޓް" ފޫހިކަމުން އެ ފިލްމު ބަލަން އިންދައި ނިދުނީ ކަމަށެވެ.

އޭނާގެ މި ވާހަކަތަކާ ގުޅިގެން ފާޑުކީ ބައެއް މީހުން ބުނީ ރާޖަމޯލީ އަށް ފިލްމު ކަމުނުދިޔައީ އޭނާގެ ފިލްމުތަކުގައި ދައްކުވައިދޭ ކަހަލަ ވަރުގަދަ ހަށިގަނޑުލީ އެކްޓަރުން ނޫޅޭތީ ކަމަށް ވެދާނެ ކަމަށެވެ. އަދި ރާޖަމޯލީ އަކީ ބައެއް ފަހަރު ގަބޫލުކުރަން ދަތި ކަންތައްތަކެއް އޭނާގެ ފިލްމުތަކުގައި ދައްކުވައިދޭ މީހެއް ކަމަށާއި "ޕެރަސައިޓް" ކަހަލަ މޮޅު ފިލްމެއް އޭނާ އަށް ހަދަން ވެސް ނޭނގޭ ކަމަށް ބައެއް މީހުން ބުންޏެވެ.

ނަމަވެސް ވަރަށް ގިނަ ބަޔަކު އޭނާގެ ދިފާއުގައި ވެސް ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ރާޖަމޯލީ އަށް ފިލްމު ކަމުނުދިޔުމަކީ އެކަމަށް ފާޑުކިޔަން ޖެހޭ ސަބަބެއް ނޫން ކަމަށާއި އެއީ އަމިއްލަ ވިސްނުން ކަމަށް ބުންޏެވެ. އަދި ކޮންމެ މީހަކަށް ވެސް ކަމުދާނީ އެ މީހަކު ގަޔާވާ ކަހަލަ ފިލްމުތަކެއް ކަމަށް ބުންޏެވެ.

ބޮންގް ޖޫން-ހޯ ޑައިރެކްޓްކުރި ބްލެކް ކޮމެޑީ ތުރިލާ "ޕެރަސައިޓް" އަކީ އޮސްކާގެ މޮޅު ފިލްމުގެ އިތުރުން މޮޅު އޮރިޖިނަލް ސްކްރީންޕްލޭ އާއި މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު ބޭރު ފިލްމުގެ އެވޯޑް ވެސް ހޯދި ފިލްމެކެވެ. އޮސްކާގެ އިތުރުން ވެސް ނުފޫޒު ގަދަ އެތައް އެވޯޑެއް އެ ފިލްމު ހޯދާފައިވެ އެވެ.

"ޕެރަސައިޓް" އޮސްކާގެ ތާރީހުގައި އާ ސޮފްހާ ލިޔެފައި ވަނިކޮށް މިދިޔަ ފެބްރުއަރީ މަހު އިންޑިއާގެ ޕްރޮޑިއުސަރަކު ވަނީ އެ ފިލްމު ހަދާފައި ވަނީ އޭނާގެ ފިލްމެއްގެ ޕްލޮޓަށް ބިނާކޮށް ކަމަށް ބުނެ ދައުވާ ކުރާނެ ކަމަށް ބުނެފަ އެވެ.

ރާޖަމޯލީ މިހާރު އަންނަނީ އަންނަ އަހަރު "އާރްއާރްއާރް" ކިޔާ ވަރުގަދަ ފިލްމެއް، ގެނެސްދޭން މަސައްކަތްކުރަމުންނެވެ.