25 އެޕްރީލް 2020 - 09:52

ދުވަހަކު ވެސް އެކްޓަރަކާ ލޯބީގެ ގޮތުން ނުގުޅޭނެ ކަމަށާއި އެކަހަލަ ކަމަކާ އެއްވެސް ވަރަކަށް ނުވެސް ވިސްނާ ކަމަށް އަރަމުން އަންނަ ބޮލީވުޑްގެ ޒުވާން ބަތަލާ ބޫމީ ޕެޑްނޭކަރް ބުނެފި އެވެ.
ޕިންކްވިލާގެ "ނޯ މޯ ސީކްރެޓްސް" ގެ ދެވަނަ ސީޒަނުގެ ފަހު އެޕިސޯޑަށް ދައްތަ ސަމިކްޝާއާ އެކު ދިން އިންޓަވިއުއެއްގައި 30 އަހަރުގެ ބަތަލާ ބުނީ އެކްޓަރަކާ ރައްޓެހިވުމަކީ އެއް އިރެއްގައި ވެސް ހިތަށްއެރި ކަމެއް ނޫން ކަމަށެވެ.
ނަމަވެސް ބޫމީ އާއި މަދުމަދުން ފިލްމުތަކުން ފެންނަ އެކްޓަރު ޖެކީ ބަގްނާނީ ރައްޓެހިވެގެން އުޅޭކަމުގެ އަޑުތަކެއް އަރާފައިވެ އެވެ. ޖެކީ އަކީ ޖެނުއަރީ މަހު ރިލީޒްކުރި ސައިފް އަލީ ޚާންގެ ފިލްމު "ޖަވާނި ޖާނެމަން" ގެ އެއް ޕްރޮޑިއުސަރެވެ. އޭނާ އަކީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ދަރިއެކެވެ.
ބޫމީ އާއި ޖެކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް މީޑިއާތަކުގައި ޚަބަރުތައް ފެތުރަނަސް އެކަމާ ބެހޭ ގޮތުން ދެ މީހުން ވެސް މިހާތަނަށް އެއްވެސް ވާހަކައެއް ދައްކައިފައެއް ނުވެ އެވެ. މީގެ އިތުރުން މިދިޔަ އަހަރު ރިލީޒްކުރި ބޫމީގެ "ޕަތީ ޕަތުނީ އޯރް ވޯ" ގެ ޕްރޮޑިއުސަރު ޖޫނީ ޗޯޕްޅާ އާއި ބޫމީ ރައްޓެހިވެގެން އުޅޭ ވާހަކަތަކެއް ވެސް ފެންމަތިވި އެވެ.
ޕިންކްވިލާ އަށް ދިން އިންޓަވިއުގައި ބޫމީ ބުނީ ފިލްމީ ތަރިއަކާ ނުވަތަ ފިލްމީ ދާއިރާގެ ފަންނާކަކާ ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވާ ސަބަބަކީ އެ އިންޑަސްޓްރީގައި ވަރަށް ބުރަކޮށް މަސައްކަތްކުރަން ޖެހޭތީ އެކަކު އަނެކަކަށް ވަގުތު ދިނުން އުނދަގޫވާނެތީ އެވެ.
"ފިލްމީ ދާއިރާގެ މީހުންނަކީ ވަރަށް ބިޒީކޮށް އުޅޭ ބައެއް. އެހެންވީމަ އެކްޓަރަކާ ރައްޓެހިވުމަކީ އެކަކު އަނެކަކަށް ވަގުތު ދޭން ވަރަށް އުނދަގޫވާނެ ކަމެއް. އޭގެ ސަބަބުން ގުޅުން ދަމަހައްޓަން ވެސް ވަރަށް ދަތިވާނެ." އޭނާ ބުންޏެވެ. "އަހަންނަށް ގަބޫލެއްނުކުރެވޭނެ އެފަދަ ގުޅުމެއް ކާމިޔާބުވާނެ ކަމަކަށް ވެސް."
ބޫމީ ބުނިގޮތުގައި އެކްޓަރަކާ ރައްޓެހިވުމަކީ އަމިއްލަ ދިރިއުޅުން "ލިމިޓް" ވެސް ވާނެ ކަމެކެވެ. އެހެންވެ އެއީ ވެސް ފިލްމީ ތަރިއަކާ ނުގުޅެން ބޭނުންވާ ސަބަބެއް ކަމަށް ބުންޏެވެ.
"އަހަރެން ބޭނުމެއް އަބަދު ފިލްމީ މަސައްކަތުގެ ވާހަކަ ދައްކާކަށް. އެކްޓަރަކާ ރައްޓެހިވެއްޖެ ނަމަ ފިލްމީ ވާހަކަ ނޫން ވާހަކަ ދައްކާކަށް ވެސް ނޯންނާނެ،" އޭނާ ބުންޏެވެ. "އެހެންވެ ހިއެއް ނުވޭ ދުވަހަކު ވެސް އެކްޓަރަކާ ލޯބީގެ ގޮތުން ގުޅޭނެއެކޭ."
"ޓޮއިލެޓް: އޭކް ޕްރޭމް ޚަތާ" އާއި "ޝުބް މަންގަލް ސާވްދާން" އަދި "ދަމް ލަގާ ކޭ ޙައިޝާ" ފަދަ ފިލްމުތައް ކުޅުނު ބަތަލާ ބޫމީ ބުނީ ހަޔާތުގެ ބައިވެރިއަކަށް ބޭނުމީ އެހެން ދާއިރާއެއްގައި އުޅޭ މީހެއް ކަމަށެވެ.
"އޭރުން އެ ގުޅުމެއް މާ ރަނގަޅަށް ދެމަހެއްޓޭނެ." އޭނާ ބުންޏެވެ.
އިންޓަވިއުގައި، މިހާރު ހުރީ ހުސްކޮށްތޯ އެހުމުން ބުނީ ބައިވެރިއަކު ނެތް ކަމަށެވެ. އަދި ދައްތަ ސަމިކްޝާ ވެސް ހުސްކޮށް ހުންނާތީ ބައިވެރިއަކު ހޯދުމާއި ކައިވެންޏަކާ ދޭތެރޭ މި ވަގުތު ސީރިއަސް ނުވިސްނާ ކަމަށް ބުންޏެވެ.