ކޮވިޑް-19: އިންޑިއާގެ އެންމެ ބޮޑު ބާޒާރުން މީހަކު މަރުވެ، ބިރުވެރިކަން
ކޮވިޑް-19: އިންޑިއާގެ އެންމެ ބޮޑު ބާޒާރުން މީހަކު މަރުވެ، ބިރުވެރިކަން

ނިއު ދިއްލީ (އެޕްރީލް 23) - މޭވާ އާއި ތަރުކާރީގެ ހޯލްސޭލް ވިޔަފާރީގައި އޭޝިއާގައި ވެސް އެންމެ ބޮޑު ބާޒާރު ކަމަށްވާ ނިއު ދިއްލީގެ އާޒާދުޕޫރް މަންދީގައި މުދާ ވިއްކާ މީހަކު ކޮވިޑް-19 ގައި މަރުވުމުން އެތައް ބައެއްގެ މެދުގައި ބިރުވެރިކަން އުފެދި އެތަން ދުވަސްކޮޅަކަށް ނަމަވެސް ބަންދު ކުރަން ގޮވާލައިފި އެވެ.

ސައްކޭލާއި ޕިއާސްގެ ވިޔަފާރިކުރާ އުމުރުން 57 އަހަރުގެ މީހާ ކޮރޯނާވައިރަހަށް ޕޮޒިޓިވްވީ މިދިޔަ ހޯމަ ދުވަހު ކަމަށް އޮފިޝަލުން ބުނެ އެވެ. އެހެންވެ އޭނާއާ ކޮންޓެކްޓްވި އެންމެން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

އެކަމަކު އެ މާރުކޭޓަށް ބާޒާރު ކުރަންދާ ގިނަ މީހުން ގޮވާލަމުން ދަނީ އެ ތަން ބަންދުކުރުމަށެވެ.

"މާރުކޭޓުގައި ކޮރޯނާވައިރަސް ފެތުރިދާނެތީ ކަމާބެހޭ ފަރާތްތަކުން އެހާ ކަންބޮޑުވާހެން ހިއެއް ނުވޭ. އެކަމަކު އަހަރެމެން މި އެދެނީ ސަރުކާރުން އެތަން މި ވަގުތު ބަންދު ކުރަން،" އާޒާދުޕޫރު މާރުކޭޓަށް ވިޔަފާރިކުރަންދާ މީހަކު ބުންޏެވެ.

ނިއު ދިއްލީގެ އާޒާދުޕޫރު މާކެޓަކީ 78 އޭކަރުގެ ބޮޑު ސަރަހައްދެކެވެ. އެ ތަނަށް ވިޔަފާރި ކުރަން ދުވާލަކު ގާތްގަނޑަކަށް 200،000 މީހުންދާ ކަމަށްވެ އެވެ. އިންޑިއާ ލޮކްޑައުންކޮށްފައި އޮތް އިރު ވެސް އެ ބާޒާރު ވަނީ ހުޅުވާފައިފަ އެވެ. އަދި އެ ބާޒާރަށް ވިޔަފާރި ކުރަންދާ މީހުންނަށް ހުއްދަދީފައި ވަނީ ސޯޝަލް ޑިސްޓެންސިން ގައިޑްލައިނާ އެއްގޮތަށެވެ.

އިންޑިއާ އިން މިހާތަނަށް ވަނީ 20,471 މީހުން ޕޮޒިޓިވްވެ 652 މީހުން މަރުވެފަ އެވެ.