ސްޓީވަން ހޯކިންގެ ވެންޓިލޭޓަރު ހޮސްޕިޓަލަކަށް ހަދިޔާކޮށްފި
ސްޓީވަން ހޯކިންގެ ވެންޓިލޭޓަރު ހޮސްޕިޓަލަކަށް ހަދިޔާކޮށްފި

ލަންޑަން (އެޕްރީލް 23) - ދުނިޔޭގައި މިފަހަކަށް އައިސް އުފެދުނު އެންމެ މޮޅު ފިޒިސިސްޓް ސްޓީވަން ހޯކިން އަވަހާރަވުމުގެ ކުރިން ބޭނުން ކުރެއްވި ވެންޓިލޭޓަރު އިނގިރޭސި ވިލާތުގެ ކެމްބްރިޖް ސިޓީގެ ރޯޔަލް ޕަޕްވޯތު ހޮސްޕިޓަލަށް ހަދިޔާކޮށްފި އެވެ.

ވަރަށް ޒުވާން އިރު ޖެހުނު ބައްޔެއްގެ ސަބަބުން ގޮނޑީގައި އިންނަވައިގެން ހަޔާތުގެ ބޮޑު ބައެއް ހޭދަކުރެއްވި ހޯކިން އަވަހާރަވީ އުމުރުފުޅުން 76 ގައި، މާޗް 2018 ގަ އެވެ.

"(ބައްޕަ) ދުނިޔޭގައި ހުންނެވި އިރު ބޭނުންކުރެއްވި އެންއެޗްއެސްގެ ވަރަށް ގިނަ މެޑިކަލް އިކްއިޕްމަންޓް ވާނީ، އަވަހާރަވުމަށް ފަހު، އަނބުރާ ހަވާލުކޮށްފައި. އޭގެ ތެރޭގައި ބައްޕަ އަމިއްލަ އަށް ބައްލަވައިގަތް ތަކެތި ވެސް ހިމެނޭ،" ހޯކިންގެ ދަރިކަނބަލުން ލޫސީ ހޯކިން ވިދާޅުވި އެވެ. "ބާކީ ހުރި ތަކެތި ވެސް މިދަނީ އެންއެޗްއެސްއާ ހަވާލު ކުރަމުން."

ހޯކިން އަމިއްލަ އަށް ބައްލަވައިގަތް ވެންޓިލޭޓަރު ހަދިޔާ ކުރެއްވީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައެއްގައި ފަރުވާ ހޯއްދެވި ހޮސްޕިޓަލަށެވެ.

އިނގިރޭސި ވިލާތުގައި މިހާރު ހުރި ކަމަށް ވަނީ 10،000 ވެންޓިލޭޓަރެވެ. ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވެފައި ވަނީ އިތުރަށް 18،000 ވެންޓިލޭޓަރު ބޭނުންވާނެ ކަމަށެވެ.

ފިޒިކްސް އާއި ހިސާބު އިލްމުގެ ދާއިރާ އިން ހޯކިން ހެއްދެވި ގިނަ ދިރާސާތަކަށް އިލްމީ ދުނިޔޭގެ ވަރަށް ބޮޑު ތައުރީފަކާއި އަގުވަޒަންކުރުންތަކެއް ލިބުނެވެ. އަދި އޭނާ ލިއުއްވި "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް" އަކީ، ކާއިނާތުގެ ސިއްރުތައް އެންމެ އާދައިގެ މީހާއަށް ވެސް ވިސްނޭހާ ތިލަކޮށް ތައްޔާރުކުރެއްވި ފޮތެކެވެ.

މޮޓޯ ނިއުރޯން ބަލި ޖެހިފައިވާކަން 1963 ގައި އެނގުމުން، ޑޮކްޓަރުން ސްޓެފަން ގާތު ބުނީ ދުނިޔޭގައި ހުންނެވޭނީ ދެ އަހަރު ކަމަށެވެ. އެކަމަކު އެ ބުނުންތަކަށް ފަރުވާލެއް ނުބަހައްޓަވާ އޭނާ ކެމްބްރިޖް ޔުނިވަސިޓީއާ ގުޅިވަޑައިގެން އިލްމީ ގޮތުން ބޮޑެތި ކާމިޔާބުތައް ހޯއްދެވި އެވެ.

ހޯކިންގެ ވާހަކަ ދެއްކެވުމުގެ ގާބިލްކަން ކެނޑެމުން ދިއުމާ އެކު ދައްކަވާ ވާހަކަތައް ސާފުނުވާތީ ސައިންސްވެރިން ވަނީ އޭނާއަށް ހާއްސަކޮށްގެން ބައެއް އާލާތްތައް އީޖާދުކޮށްފަ އެވެ. އޭގެ ސަބަބުން އޭނާގެ ލެކްޗާތަކަށް ހުއްޓުމެއް ނެތި ކުރިއަށް ދިޔަ އެވެ.

ދިރާސާތައް ހެއްދެވުމުގައި ހޯކިން އެންމެ ބޮޑު އިސްކަމެއް ދެއްވި އެއް ދާއިރާ އަކީ ބްލެކް ހޯލް އެވެ. ކާއިނާތުގައި ހިމެނޭ މި ސަރަހައްދުގެ ދަމާބާރު ގަދަކަމުން އަލި ވެސް އޭގެ ތެރެއަށް ދަމައިގަނެ އެވެ. އެހެންކަމުން ބިޔަ ސަރަހައްދު އޮންނަނީ އަނދިރިކޮށެވެ.