22 އެޕްރީލް 2020 - 21:55

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ މި ދުވަސްވަރު، އަންނަ ހަފްތާގައި ވެސް ބޭންކުތަކުގެ ހިދުމަތް ލިބޭނީ އެންމެ ދެ ދުވަހު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އަންނަ ހަފްތާގައި ބޭންކުތައް ހުޅުވާނީ ހޯމަ އަދި ބުދަ ދުވަހުގެ ހެނދުނު 9:30 އިން 12:30 އަށް ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. ބޭންކްތައް ހުޅުވި ނަމަވެސް އާންމު ހިދުމަތްތައް ނުލިބޭނެ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
ބޭންކްތަކުން ދޭ މުހިއްމު ހިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ޓީޓީ ރިކުއެސްޓްތަކާއި ޕޭ ރޯލް ރިކުއެސްޓްތަކާއި އާރްޓީޖީއެސް ޓްރާންސްފާގެ ހިދުމަތްތަކުގެ އިތުރުން މަނީ ޓްރާންސްފާގެ ހިދުމަތްތަކެވެ.
މާލެ ސަރަހައްދު މިދިޔަ ހަފްތާ އިން ފެށިގެން ބަންދުކުރި ނަމަވެސް، މިދިޔަ މަހުން ފެށިގެން ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފަ އެވެ.