ކޮރޯނާވައިރަހަކީ ލެބުން ދޫވި އެއްޗެއް ނޫން: ޑަބްލިއުއެޗްއޯ
ކޮރޯނާވައިރަހަކީ ލެބުން ދޫވި އެއްޗެއް ނޫން: ޑަބްލިއުއެޗްއޯ

ޖެނީވާ (އެޕްރީލް 22) - ކޮވިޑް-19 ޖައްސާ ނޮވެލް ކޮރޯނާވައިރަހަކީ ޗައިނާގެ ވޫހާން ސިޓީގެ ލެބަކުން ދޫވި އެއްޗެއް ކަމުގެ އެއްވެސް ހެއްކެއް ލިބިފައި ނުވާ ކަމަށާއި ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެއީ ވާލުގެ ޒަރިއްޔާ އިން ފެތުރިފައިވާ ވައިރަހެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

"މިހާތަނަށް ހެކި ލިބިފައި ވަނީ ކޮރޯނާވައިރަހަކީ ޖަނަވާރުންގެ ޒަރިއްޔާ އިން އުފަންވި އެއްޗެއް ކަމަށް. އެއީ ލެބެއްގައި އުފައްދައި ދޫކުރި އެއްޗެއް ކަމުގެ އެއްވެސް ހެއްކެއް ލިބިފައެއް ނުވޭ،" ޑަބްލިއުއެޗްއޯގެ ތަރުޖަމާން ފެޑެލާ ޗައިބް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް ވަނީ ކޮރޯނާވައިރަހަކީ ވޫހާންގެ ލެބަކުން ދޫވި އެއްޗެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ. އަދި ވައިރަސް ދޫވި އެ ލެބުގެ ސަލާމަތީ ކަންކަން ދޯދިޔާވުމުން ކަމަށް ވެސް ވިދާޅުވި އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ވޫހާންގެ ލެބުން ވައިރަސް ދޫވި މައްސަލަ އެމެރިކާ އިން ތަހުގީގު ކުރާނެ ކަމަށެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވެފައި ވަނީ ކޮރޯނާވައިރަހަކީ އެމެރިކާ ސިފައިންގެ ބަޔަކު ވޫހާން އަށް ދޫކުރި އެއްޗެއް ކަމަށެވެ.